މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތައް ކުނި ކަހައި ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ގޮތަށް ފާސްކޮށްފިއެވެ.
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުން ކުނި ނަގަން ވެމްކޯއާ އެކު އެންްމެ ފަހުން އެއްބަސްވީ ތިން އަހަރުގެ މުއްދަތަކަށެވެ. ޑިސެމްބަރު 26، 2019 ގައި ކުރީގެ ކައުންސިލުން އާ ކުރި އެ އެއްބަސްވުން މި މަހުގެ 26 އަށް ހަމަވާނެއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން މިމަހުގެ 26 ގެ ނިޔަލަށް ހަމަވާނެ ކަމަށާއި އަދި ކައުންސިލުން ނިންމާފައިވަނީ އެއްބަސްވުން އާ ނުކުރުމަށް ކަމަށެވެ.
އެގޮތުން އެ މުއްދަތުގެ ފަހުން މާލޭ އާއި ވިލިމާލޭގެ ޕާކްތަކާއި ފަޅުތަކާއި އާންމު ސަރަހައްދުތައް ސާފުކޮށް ކުނި ނަގަމުންދާނީ އެ ކައުންސިލުން ކަމަށެވެ. ނަމަވެސް ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެމްކޯއިން ކަމަށް އެކައުންސިލުން ބުންޏެވެ.
ކައުންސިލުން ނަގާ ކުނިވެސް ގެންދަނީ ވެމްކޯ ސައިޓަށެވެ. އަދި އެކުންޏަށްވާ ގޭޓް ފައިސާވެސް ދައްކާނެ ކަމަށާއި ކުނި އުކާލާނީ ވެމްކޯގެ ބާޖުގައި ކަމަށްވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ވަނީ މަގުމަތި ކުނިކެހުމުގައި ހަރަކާތްތެރިވާ އެއްވެސް ފަރާތެއް، ވެމްކޯއިން ވަކިކޮށްފިނަމަ، އެ ކައުންސިލުން އެފަރާތަކަށް ވަޒީފާދޭނެ ކަމަށް ބުނެފައެވެ.
ކައުންސިލުން މީގެ ކުރިން ބުނީ އެކައުންސިލުން ކުނި ނަގާނީ މާލެ 16 ޒޯނަކަށް، ވިލިމާލެ ހަތަރު ޒޯނަކަށް ބަހާލައިގެން ކަމަށެވެ. އަދި ކުނި ނެގުމުގެ މަސައްކަތުގައި މާލޭގައި 15 ވެހިކަލެއް، ވިލިމާލޭގައި ހަތަރު ވެހިކަލެއް ބޭނުން ކުރާނެ ކަމަށާއި ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ވެހިކަލް ވެސް ބޭނުން ކުރާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މާލެ އާއި ވިލިމާލޭގެ މަގުތައް ކުނި ކަހައި ސާފުކޮށް ބެލެހެއްޓުމަށް މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށާއި ނަމަވެސް މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިތައް ގިނަވެ މަގުމަތީގައި ހިނގައިބިނގާވެ އުޅޭ މީހުންނާއި އުޅަނދު ދުއްވާ މީހުންނަށް ދަތި އުނދަގޫތަކެއް ކުރިވަމުންދާ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބޭ ކަމަށެވެ. އަދި ކުނިތައް މަގުތަކުން ނެގުން ލަސްވަމުންދާ ކަމުގެ ޝަކުވާވެސް ކުރަމުން އަންނަ ކަމަށް އެކައުންސިލުން މީގެ ކުރިން ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ ސިޓީ ކައުންސިލުން އަމިއްލަ ހަރަދުގައި ކުނި ނެގުމުގެ މަސައްކަތް ކުރާނަމަ، މަހަކު ހަރަދު ކުރަން ޖެހޭނީ 1.5 މިލިއަން ރުފިޔާ ކަމަށް އަންދާޒާކޮށް ހަރަދަށް 12 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ. އެ އަގުގައި މުވައްޒަފުންނަށް މުސާރަ ދީ، ކުނި ނަގަން ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ކުނި ނައްތައި ނުލެވޭނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު