ޚަބަރު

ޓެރަރިޒަމްގެ އޮޕަރޭޝަންތަކަށް ހާއްސަ ކުއްތާތަކެއް ގެނެސްފި

ޓެރަރިޒަމްގެ އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން ކުއްތާތަކެއް ފުލުހުން ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ގެނައި އެ 10 ކުއްތާ ބޭނުންކުރާނީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމުގެ އިތުރުން އިންޓެލިޖެންސްގެ ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގައި ކަމަށެވެ.

އޭގެ އިތުރުން ކަސްޓަމާއި ޕޮލިހާއި އެމްޕީއެލާއި އެއާޕޯޓް އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެންޓުތަކުގެ ސަލާމަތީ ކަންކަމަށްވެސް އެ ކުއްތާތައް ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އެމެރިކާގައި ތަމްރީނުކޮށްފައިވާ މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ވަނީ ތަމްރީނުކޮށްފައެވެ.

އަދި އެ ކުއްތާތައް، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކުއްތާ ބޭނުންކުރަން ފެށީ ޑުރަގުގެ އެކި އޮޕަރޭޝަންތަކުގައި 2015 ވަނަ އަހަރެވެ. އެގޮތުން ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް މިހާރު 25 ކުއްތާ ގެންގުޅޭނެއެވެ.