ޚަބަރު

ރާއްޖޭގައި ޑްރޯން އޮޕަރޭޓުކުރުމަށް އަންނަ އަހަރު ވަކި ހުއްދައެއް ދޫކުރަން ފަށަނީ

މުހައްމަދު ޖަމްޝަތް ވަހީދު

އިންސާނުން ނުލައި އުދުހޭ މަތިންދާބޯޓުތަކާ ބެހޭ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)ގެ ގަވާއިދު މިއަހަރު ނިންމައި، އަންނަ އަހަރު ރާއްޖޭގައި ޑްރޯން އޮޕަރޭޓުކުރުމުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ދުވަހާ ގުޅިގެން މިނިސްޓަރު ނަހުލާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ތިމާވެށްޓަށް ކުރާ އަސަރަށް ރިއާޔަތްކޮށް އޭވިއޭޝަން ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ތަންފީޒުކުރުމުގައި ރާއްޖެއިން މިހާރު ވަނީ އިތުރު ހަރުފަތަކަށް ޖެހިލާފައި ކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ކާބަން އޮފްސެޓިން އެންޑް ރިޑަކްޝަން ސްކީމް ފޯ އިންޓަނޭޝަނަލް އޭވިއޭޝަން (ކޯރޝިއާ)ގައި ހިލޭސާބަހަށް ބައިވެރިވުމަށް ރާއްޖެއިން އެދިފައިވާނެ ކަމަށާއި އެއީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ލާޒިމުކަމެއްވެސް ނޫން ކަމަށެވެ.

އޭގެ އިތުރުން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އައިސީއޭއޯ) އިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ތިމާވެށީގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެކަމާބެހޭ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށްވެސް ރާއްޖެއިން ހުށަހަޅާފައިވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ މިފަދަ އާ ހަރަކާތްތަކާއެކު ރާއްޖޭގެ ރެގިއުލޭޓަރީ ފްރޭމްވޯކް ޒަމާނީކޮށް، ޑްރޯންސް ފަދަ އުފެއްދުންތެރި ޓެކްނޮލޮޖީތަކުގެ އޮޕަރޭޝަންތަކަށް މަގުފަހިކުރުމަކީ އޭވިއޭޝަން ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް ރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އާ ހަރަކާތްތަކާއެކު ރާއްޖޭގައި އޭވިއޭޝަން ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން. އިންސާނުން ނެތް މަތިންދާބޯޓުތަކުގެ ނިޒާމުތަކާ ބެހޭ ސީއޭއޭގެ ގަވާއިދު މިއަހަރު ތައްޔާރުކޮށް ނިމޭނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަންނަ އަހަރު ޑްރޯން އޮޕަރޭޓިން ހުއްދަ ދޫކުރެވޭނެ" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އާބާދީ ބޮޑު ކޮންމެ ރަށަކުން ކަނޑުމަގުން 30 މިނެޓުގެ ދަތުރަކުން ވައިގެ ދަތުރުފަތުރުގެ ނިޒާމަކަށް ދެވޭވަރަށް ތަރައްގީކޮށް ރާއްޖޭގެ ރަށްތައް ވައިގެ ދަތުރުފަތުރުގެ ނެޓްވޯކަކާ ގުޅުވައިދިނުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް ސިޔާސަތެކެވެ. އަދި ސަރުކާރުގެ އެ އަމާޒު ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.