މަސް ކިރުމަށް ބޭނުންކުރާ އިތުރު ތިން ބޯޓު މިފްކޯއިން ގަނެފިއެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ "ވަން" އަށް މިއަދު ވިދާޅުވީ, މިހާރު ކުރިއަށްދަނީ އެ ބޯޓުތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށެވެ.
އެ ތިން ބޯޓުން ޖުމުލަ 240 ޓަނުގެ މަސް ކިރައި ރައްކާކުރެވޭނެ ކަމަށާއި ނަމަވެސް ބޯޓުތައް ގެނެވޭނެ ތާރީހެއް އަދި ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ.
މިފްކޯގެ ފްލީޓުގައި 12 ވަރަކަށް މަސް ކިރާ ބޯޓު އޮތް ނަމަވެސް މަސް ކިރުމަށްފަހު ގަނޑުކޮށްފައި ބެހެއްޓުމުގެ ގާބިލުކަން ހުރީ ދެ ބޯޓުގައެވެ. އެއީ 100 ޓަނުގެ ޖަޒީރާ 102 އާއި 90 ޓަނާ ހަމައަށް މަސް ގަތުމުގެ ގާބިލުކަން ހުރި މަހާ ކަލަމިންޖާއެވެ.
މަސް ގަތުމުގެ ގާބިލުކަން އިތުރު ކުރުމަށް ތިން ބޯޓެއް މިފްކޯއަށް ގަނެފައިވާ އިރު, ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މިދިޔަ އޭޕްރިލް މަހު ވިދާޅުވެފައިވަނީ މަސް ގަނެވޭނެ ގޮތެއް ހޯދުމަށް ވަގުތީ ގޮތުން ބޭރުގެ ބޯޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.