ޚަބަރު

2.3 މިލިއަނާއެކު މަންދު ކޮލެޖަށް އިމާރާތެއް ލިބެންދެން މަހަކު 155،000 ރުފިޔާ ދޭން ހުށަހެޅި މައްސަލަ ނުބެލި

އިބްރާހިމް ޒަކީ

އެމްއީއެސް ހިންގި އިމާރާތް މަންދު ކޮލެޖް ހިންގުމަށްޓަކައި މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ދިން އެއްބަސްވުން ސަރުކާރުން ބާތިލުކޮށް އެ އިމާރާތް ސަރުކާރަށް ނެގި މައްސަލައިގައި، އެ ކުންފުންޏަށް ލިބެންޖެހޭ ހައްގުތައް ލިބެންދެން މަންދު ކޮލެޖު ހިންގުމަށް ހިނގާ މަހު ކުލީގެ ގޮތުގައި ވޭތުވެދިޔަ 15 މަސް ދުވަހުގެ ކުއްޔަށްވާ 2.3 މިލިޔަން ރުފިޔާ އާއި އެ ކޮލެޖް ހިންގާނެ އެހެން ތަނެއްގެ ކަންތައް ހަމަޖެހެންދެން މަހު ކުލީގެ ގޮތުގައި ކޮންމެ މަހަކަށް 155،000 ރުފިޔާ ދައުލަތުން ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

މި މައްސަލައިގައި މާލޭ ހައި އިން އެދިފައި ވަނީ އެ މައްސަލައިގައި މަންދު ކޮލެޖު ހިންގުމަށް ދިމާވި މައްސަލައިގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ފައިސާ ދޭން ސިވިލް ކޯޓުން ހުކުމް ކުރި މުއްދަތު ކަމަށްވާ 2021 ވަނަ އަހަރުގެ އޭޕްރީލުން ފެށިގެން މި އަހަރުގެ ޖޫން މަހާ ހަމައަށް ހިނގައިދިޔަ 15 މަސް ދުވަހުގެ މުއްދަތުގެ ކުއްޔަށްވާ 2،325،000 ރުފިޔާ އާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ހަރަދުވި 30،000 ރުފިޔާއާއެކު ޖުމްލަ 2،355،000 ރުފިޔާ އެކީ އެއްފަހަރާ އެކުންފުންޏަށް ދެއްކުމަށް ދައުލަތަށް އެންގުމަށެވެ. އަދި އެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ނިމުމަކަށް އައިސް މަންދު ކޮލެޖު ހިންގާނޭ އެހެން ތަނެއް ހަމަޖެހެންދެން މަހު ކުލީގެ ގޮތުގައި ކޮންމެ މަހަލު 155،000 ރުފިޔާ ދައުލަތުން މާލޭ ހައި އަށް ދައްކަމުން ގެންދިއުމަށް ދައުލަތަށް އަމުރު ކޮށްދިނުމަށެވެ.

މި ދައުވާ ސާބިތު ކުރުމަށް އެ ކުންފުނިން ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ އެ މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެކެވެ.

އެ ހުކުމުގައި ވަނީ، ގާނޫނާ ހިލާފަށް އެއްބަސްވުން ބާތިލުކޮށް މަންދު ކޮލެޖު އެ އިމާރާތުން ބޭރުކޮށްލުމުގެ ސަބަބުން ވަގުތުން ވަގުތަށް އެ ކޮލެޖުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ތަނެއް ހޯދައި، ތަން ހިންގުމުގެ އާލާތް ހޯދައި، ކުލި ދައްކައި ހެދުމަށް 2021 މާޗު މަހުގެ ނިޔަލަށް ސީދާ ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 15 މިލިޔަން ރުފިޔާ ހައި އަށް ދެއްކުމަށް ދައުލަތަށް އަމުރުކޮށްފައެވެ.

ހައި އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައިފައެވެ. ދައުލަތުން ބުނެފައިވަނީ، އެކަމާ ގުޅިގެން ސިވިލް ކޯޓުގައި ކުރިއަށްދިޔަ ދެ މައްސަލައަށް ބަލާއިރު، ގެއްލުމުގެ ބަދަލު ނަގައިދީފައިވާތީ އެއީ ނިހާއީ ވެފައިވާ ހުކުމެއް ކަމަށެވެ. އެހެންކަމުން މިއީ އިޖުރާއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން މާލޭ ހައި އިން ހުށަހަޅާފައިވާ މި މައްސަލަ އާއިި މި މައްސަލައާ ގުޅިގެން ދަށު ކޯޓާއި މަތީ ކޯޓުތަކުގައި ކުރިއަށްދިޔަ މައްސަލަތަކަށް ރިއާޔަތްކޮށް، ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މާލޭ ހައިގެ ފަރާތުން ދައުލަތް (މިނިސްޓްރީ އޮފް އެޑިއުކޭޝަން) ގެ މައްސަލަ ހުށަހަޅާފައިވާ މި ދައުވާއަކީ ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި، މައްސަލަ ނިންމާ ކަމަށެވެ.