ޓެކްނޮލޮޖީ

ހުރިހާ ސިއްރެއް ފޯނާއި ކޮމްޕިއުޓަރުގައި، ރަނގަޅު ޕާސްވޯޑެއް މުހިންމުވަނީ ކީއްވެ؟

އާދަމް ނަސީރު

ޑައިރީގައި ލިޔެގެން ހަޔާތުގެ ވާހަކަތައް ފޮރުވި ޒަމާން މާޒީ ވެއްޖެއެވެ. ބޭންކުން ދިން (ޕާސްބުކް) އެކައުންޓް ބެލެންސް ބަލަހައްޓާ ފޮތްވެސް ގެއްލިއްޖެވެ. ބޭންކު އެޕްލިކޭޝަން އޭރަކު ނެތެވެ. ސިއްރު ފޮޓޯ ތަކާއި ލިޔުނު ނޯޓުތައް ފޮރުވަން ލީ ބޮޑުގޭ މަތާރަންފިލާމައްޗަށެވެ. އެ ޒަމާނުގައި ކުލައުޑަގައި ފޮރުވޭނެ ގޮތެއް ނެތެވެ. ޑުރޮޕްބޮކްސް އާއި ގޫގުލް ޑުރައިވް ނުވަތަ އައިކުލައުޑް އަހަރެމެންނާއި ހަމައަށް މި އައީ ސުމާޓް ފޯނު ތަކުގެ ރަންޒަމާނާ އެކުގައެވެ. ލިޔާނެ ކޮމްޕިއުޓަރެއް ނުވަތަ ފޮޓޯ ނަގާނެ ފޯނެއް ވެސް އެދުވަސްވަރު ނެތީއެވެ.

އެ މާޒީ ދިވެހިންނާ އަލްވަދާއު ކީ ފަހުންވެސް ލައްކަ ދުވަސް ވެއްޖެއެވެ. މިހާރު ގެންގުޅޭ ޑައިރީއަކީ ފޯނެވެ. ނުވަތަ ލެޕްޓޮޕާއި ކޮމްޕިއުޓަރެވެ. ލިޔެފައި ޑައިރީ ފޮރުވަނީ ބޯ އަޅާ ބާލީސްދަށުގައެއް ނޫނެވެ. މިހާރު އެ ހުރިހާ ކަމެއް ހިންގަނީ ޑިޖިޓަލްކޮށެވެ. ކޮމްޕިއުޓަރުގެ ހާޑު ޑިސްކުގައި ފޯލްޑަރުތައް ހަދައިގެން އެ ފޯލްޑަރުތައް ފޮރުވައިގެން (ހައިޑް) ކޮށްގެން އުޅުނު ޒަމާންވެސް ހަންދާން ހުންނާނެއެވެ. ސީޑީ އާއި ޑިސްކުގައި ފޮޓޯ ފޮރުވި ޒަމާންވެސް ހިނގައްޖެއެވެ. މި ހުރިހާ ކަމެއްގެ ފަހަތުގައިވެސް އޮތީ އެއް ކަމެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ނުވަތަ ހުރިހާ ސިއްރެއް ފޮރުވުމެވެ. ފޮރުވަންވެސް ޖެހޭނެއެވެ. ދޭދޭ ފަރުދުންގެ ދިރިއުޅުމަކީ ހާމަޔަށް ފެންނަން އޮންނަން ޖެހޭ އެއްޗެއް ނޫނެވެ.

އެހެން ނަމަވެސް މިއަދުގެ ސުވާލަކީ ސިއްރުތައް ފޮރުވަން ޖަހަނީ ރަނގަޅު ޕާސްވޯޑެއްތޯ ކުރެވޭ ސުވާލެވެ.

ދިވެހިންނަކީ ކަންފަސޭހަ ބައެކޭވެސް ބުނެއުޅެއެވެ. މަގޭ ތަޖުރިބާއިން ބުނާނަމަ ހަމަގައިމުވެސް ޕާސްފޯޑެއް ޖަހާނަމަ ގިނަފަހަރަށް ޖަހަނީ ވަރަށްވެސް ދެރަވަރުގެ ޕާސްވޯޑެވެ. ވަރަށްވެސް ފަސޭހައިން ލަފާކޮށްލެވޭ ނުވަތަ ދެނެގަނެވޭނެހާ ވެސް ފަސޭހަ ޕާސްވޯޑްތައް ޖަހާ މީހުން ވަރަށް ވެސް ގިނައެވެ. ފޯނު ކޯޑްގައިވެސް ހުސް ސުމެއް ޖަހައިގެން އުޅޭ މީހުން ލައްކަ ގިނައެވެ. ގެންގުޅޭ ފޯނު ނަންބަރާއި ދަރީންގެ ނަމާއި ނުވަތަ އަމިއްލަ ނަން ޖެހުމަށްފަހު ފަހަތައް ފޯނު ނަމްބަރު ޖަހާ މީހުންނާވެސް ދިމާވެއްޖެއެވެ.

ވާނީ ވެސް އެހެންތާ އެވެ. ޕާސްވޯޑް ޖަހަން ބުނެދޭ އައިޓީ ދާއިރާގައިވެސް މިކަން އޮތީ ހަމަ މިހެންނެވެ. ދުނިޔޭގައި އެންމެ ގިނައިން ބޭނުން ކުރާ ޕާސްވޯޑަކަށް (123456) ވެގެން ގޮސްފައިވަނީ ވެސް މި ބުނާ އައިޓީ މީހުންގެ ކަންފަސޭހަ ކަމުންނެވެ. ހަމަ އެގޮތަށް އެންމެ އާންމު ޕާސްވޯޑަކަށް (password) ޖަހާ މީހުން ގިނަ ވެފައިވަނީ ވެސް އައިޓީ ދާއިރާގެ މީހުންގެ ކަންފަސޭހަ ކަމުންނެވެ. ޕާސްވޯޑްގެ މުހިއްމުކަމާއި އެކަމުގައި ހުރި ހައްސާސްކަން ނުވަތަ ނުރައްކާތެރިކަން އެންމެ ބޮޑަށް ފަހުމުވާނެ އައިޓީ މީހުންނާއި އެ ދާއިރާގައި ބޭނުންކުރާ ޕާސްވޯޑާ މެދު އޮތް ފަރުވާކުޑަކަމުގެ އިންތިހާއިން ނިކުންނަ ނަތީޖާއަކީ ދޭދޭ މީހުންނާއި އޮފީސްތަކާއި ބޮޑެތި ކުންފުނިތަކުގެ ހުރިހާ ސިއްރެއް ހާމަވެ ބޮޑެތި ލަނޑު، މިލިއަނުން ގެއްލުން ލިބިގެންދިއުމެވެ.

ޒަމާން ބަދަލުވެ ދުނިޔޭގެ ހުރިހާ އެންމެން އިންޓަނެޓް ކިޔާ އެންމެ ނެޓްވޯކެއްގެ ތެރޭގައި މުޅި ދުވަސް އަންނަނީ ހޭދަކުރަމުންނެވެ. ދިރިއުޅުމުގެ ހުރިހާ ސިއްރަކާއި ދިރިއުޅުމަށް ކުރާ މަސައްކަތާއި، ވިޔަފާރިއާއި އެއްކުރާ ހުރިހާ ފައިސާއެއްވެސް މިހާރު މި ހުންނަނީ ޕާސްވޯޑެއް ޖަހައިގެން ނެގޭ ގޮތަށެވެ. ކުރިން ބޮޑު ފޮށީގައި ގެންގުޅުނު ހުރިހާ ރުފިޔާއެއް މިހާރު ފޯނު އެޕްލިކޭޝަން ތެރޭގައި ފެންނަން ހުންނައިރު ސިއްރު ކުރަން ބޭނުންވާ ފޮޓޯތަކާއި އިތުރު މީހަކަށް ދައްކަން ބޭނުން ނުވާ ވީޑިއޯވެސް ފޯނުގައި ވަކި ޕާސްވޯޑެއް ޖަހައިގެން ހުންނަނީ ފޮރުވާފައެވެ.

މިހުރިހާ ކަމެއް މާފުށީ ޖަލުގޮޅިން އަންނަ ފޯނު ކޯލަކާއެކު ދޫވެގެން ދިއުމަކީ ދެރަވަރު ކަމެކެވެ. އެއަށްވުރެ އަހަރެމެން ހޭލުންތެރިވާން ޖެހެއެވެ. އެ ލަނޑު އެންމެ ގިނައިން ލިބޭ ދުވަސްވީ މީހުން ހޭލުންތެރި ކޮށްދޭން ޖެހެއެވެ. ފޯނަށް އަންނަ ކޮންމެ ކޮންމެ ލިންކެއް ހުޅުވަން އުޅެގެން ނުވާނެއެވެ. އަމުދުން އަމިއްލަ ފޯނު ނަންބަރާއި ފަސޭހައިން ދެނެގަނެވޭނެ ފަސޭހަ ޕާސްވޯޑްތައް ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ. އެހެން ނޫނީ ކޮމްޕިއުޓަރާއި ފޯނުގައި ފޮރުވި ސިއްރުތައް ހާމަވެދާނެއެވެ.

ދެންއޮތީ ފައިސާ ކޮޅު ގެއްލޭ މައްސަލައެވެ. މިހާރު ބޭންކު އެކައުންޓެއް ނެތް ދިވެއްސަކު މަދުވާނެއެވެ. 65 އަހަރުން މަތީގެ މީހުންނަށް ދޭ ފަސްހާސް ރުފިޔާ ކޮންމެ މަހަކު ޖަމާވެ އެފައިސާ މަހުންމަހަށް ނުނަގާތީ ހެޔޮވަރުގެ އަދަދުތަކުން ފައިސާ ހުންނަ އެކައުންޓްތައް ވެސް އެބަހުއްޓެވެ. ދޮށީ އުމުރުގެ ދުވަސްވީ މީހުންގެވެސް އެކައުންޓާއި ގުޅިފައިވާ ފޯނު ނަންބަރެއް އޮތުމުން ނުވަތަ އިންޓަނެޓް ބޭންކިން އެފަރާތަކުގެ ނަމުގައިވެސް ހުރުމާއި އެކު އެފަރާތްތަކަށްވެސް ލަނޑު ލިބޭ އެންމެ ބޮޑު އެއްސަބަބަކީ ފަސޭހައިން ހަނދާން ހުންނާނެ ޕާސްވޯޑެއް ދަރިން ޖަހާލަދިނުމެވެ. ބޭންކުން ނުގުޅާނޭ ކިތަންމެ ވަރަކަށް ކިޔަސް ބޭންކުންނޭ ބުނެ އެ އަންނަ ފޯންކޯލްގައި ވާހަކަ ދައްކާ ޖަލު ގައިދީންނާއި އެފަދަ އެހެން މީހުންގެ ކުޅަދާނަކަމުން ދޮށީ އުމުރުގެ އާންމު މައުލޫމާތު މަދު ބޭބެމެންނާއި ދައްތަމެންގެ އެކައުންޓްވެސް ދޮވެލައިގެން އެ ފައިސާކޮޅު އެ ގެންދަނީ އިންޓަނެޓް ބޭންކިންގައި ބޭނުން ކުރާ ފަސޭހަ ޕާސްވޯޑާއި އޯޓީޕީގެ ވެސް އެހީގައެވެ. އެހެން ކަމުން ސިއްރުތައް ފޮރުވަންވެސް އަދި ބޭންކު އެކައުންޓް ހިމާޔަތް ކުރުމަށްވެސް ރަނގަޅު ޕާސްވޯޑެއް ޖަހަން ޖެހެއެވެ.

ފަސޭހަ އިނގެރޭސި ބަހެއް، އަމިއްލަ ފޯނު، ނަންބަރު ނުވަތަ ހަގު ދަރިފުޅުގެ ނަން ޖެހުމުގެ ބަދަލުގައި އަކުރުތައް އޮޅުވާލައިގެން ޖަހާ ނަމެއްވެސް ނުވަތަ ފޯނު ނަންބަރު ޖެހިޔަސް އެ ނަންބަރުގެ ތަރުތީބު އޮޅުވާލައިގެން ޖަހާށެވެ. ކޮންމެ ޕާސްވޯޑެއްގައިވެސް ސުޕެޝަލް ކެރެކްޓާއެއް ބޭނުން ކުރަން އާދަ ކުރާށެވެ.

ރަނގަޅު ޕާސްވޯޑެއް ރަނގަޅު ވާނީ ޕާސްވޯޑެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ވީހާވެސް އުނދަގުލުން ދެނެގަނެވޭނެ ޕާސްވޯޑަކަށް ހެދުމުންނެވެ. ޕާސްވޯޑުގެ މާނައަކީ އެންމެ ފަސޭހަ ބަހެއް ނޫނެވެ. ނުވަތަ ދެވަނަ ފަރާތަކަށް އެއްވެސް ވަރަކަށް ދެނެގަންނަން ފަސޭހަ އެއްޗެއް ޖެހުމަކީ ވެސް އަދި ޕާސްވޯޑެއް ޖެހުމެއްނޫނެވެ. ޕާސްވޯޑަކީ ތިމާ ނޫން މީހަކަށް ނޭނގޭ ޕާސްވޯޑެއް ބޭނުން ކުރުމެވެ. މި ފަދަ ޒަމާނެއްގައި ރައްކާތެރިކަން ލިބޭނީ ދެވަނަ ފަރާތަކަށް ލަފާކޮށްލަންވެސް ނޭނގޭހާ ވަރުގަދަ، ރަނގަޅު ޕާސްވޯޑެއް ޖަހައިގެންނެވެ.