ވާހަކަ

ބަދު ދުއާ - 08

1

"އޯހްހް.... އެހެންވީމާ މިކީއަށް އެލިބުނު ޝޮކް، މިކީގެ ސިކުނޑިއަށް ޖެހިފަ އެހެރަ ޝޮކް....... އެއާ ގުޅުން ހުރީ ދަބަހާ ނޫނީ ފޯނާ...."

ޑޮކްޓަރުގެ ތަޖުރިބާ ހުރި ތޫނުފިލި ސިކުނޑިއަށް ވަރަށް ފަސޭހައިން ކަންތައްތައް ނަގައި ގަނެވިއްޖެއެވެ. އެކަމަކު ފަރަހަ އެކަމުގައި ކުރާނީވެސް ކީއް ހެއްޔެވެ. މިކްޔަލް އަނެއްކާވެސް ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވައިފައެވެ. ނިދީގައިވެސް އެކުއްޖާފުޅު ގިސްލުމެއް ނުހުއްޓެއެވެ. ފަރަހަ ރޭގެ ހާދިސާ ޑޮކްޓަރަށް ކިޔައިދިނީ ލަދާއި ޖެހިލުންވުމާއި ދެރަ އެއްފަރާތް ކޮށްފައެވެ.

ސަބަބަކީ ދެވައްތަރެއްގެ މީހުންނަށް ފަހަރެއްގައިވެސް ދޮގު ނުހެދުމަށް އަބަދުވެސް އޭނާގެ ބައްޕަ ނަސޭހަތްތެރިވެފައިވާތީއެވެ. ވަކީލުންނާއި ޑޮކްޓަރުންނަށް ފަހަރެއްގައިވެސް އޮޅުވާލައިގެން ނުވާނެއެވެ. ޑޮކްޓަރަށް ވެގެން އުޅޭ ގޮތެއް ނޭނގި ބަލިމީހާއަށް ފަރުވާއެއް ނުދެވޭނެތާއެވެ. އެހެންކަމުން ހިންދިރުވާލާފައި ފަހަކަށް އައިސް މިކީގެ އުޅުމަށް އަންނަމުން އައި ބަދަލުތަކާއި މާގިނައިން ފޯނުތަކުގައި އޮންނަތަން ފެންނަމުން އައިސް ރޭގެ ހާދިސާއާ ހަމައަށް ޑޮކްޓަރަށް ފަރަހަ ކިޔައިދިނެވެ.

މިކްޔަލް ހޮސްޕިޓަލުގައި ބާއްވައިގެން ދެވެން އޮތް ހުރިހާ ފަރުވާއެއް ދެވިއްޖެއެވެ. ކުރެވުނުހާވެސް ކަމަކީ ފިޓު ޖެހުން ހަމަޖެއްސުމާއި މިކްޔަލްގެ ސިހިފައި ހޭނެތުން ހުއްޓުވުމެވެ. އެހެންނަމަވެސް ހޮސްޕިޓަލުން ދޫކޮށްގެން ގެއަށް އާދެވުނު އިރުވެސް ކުރީގެ މިކީ އެއް އަނބުރާ ނުގެނެވުނެވެ. ފަރަހަގެ މުޅި ދުނިޔެ ބަނަވެފައިވާ ކަހަލައެވެ. ދުވަސްކޮޅަކަށް އޮފީހުންވެސް އޭނާ ޗުއްޓީ ނަގައިފިއެވެ. ހުރިހާ ވަގުތަކުހެން މިކީއާއެކު ގޭގައި ހުރުމަށް ބޭނުންވާތީ އަހަރީ ޗުއްޓީ ހަމަވެފައިވުމާއެކުވެސް އޭނާ ނޯޕޭ ލީވް އަށް އެދިގެން ޗުއްޓީއެއް ނެގީއެވެ.

މިކްޔަލް ގެއަށް ގެނެވުނުތާ ހަފުތާއެއް ވެއްޖެއެވެ. މިހާރުދެން ކޮންމެވެސް ވަރަކަށް މިކީ ހަމައަކަށް އެޅެން ފަށާފައިވާ ކަހަލައެވެ. އެންމެ ކުރީގެ މިކީއަށް ނުވިޔަސް މަޑުމަޑުން ހީލުމާއި ވާހަކަ ދައްކައެވެ. ފަރަހަގެ ރެއާއި ދުވާ ހޭދަވަމުންދަނީ މިކީގެ ސިކުނޑިއަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށެވެ. އަނބުރާ ސުކޫލަށް ދެވޭވަރުގެ ސިއްހަތެއް މިކީއަށް ލިބޭތޯ ފަރަހަ ކޮށްފައި ނުކުރާ ކަމެއް ނެތެވެ. ކިތަންމެ ދުރުގައި ހުއްޓަސް ޝިވަންވެސް ކޮންމެ ދުވަހަކުހެން ވީޑީޔޯ ކޯލްއިން ގުޅައި ވާހަކަދައްކައެވެ. މިކީއަށް ހިތްވަރު ދެއެވެ. ފަރަހަގެ ބައްޕަ ކޮންމެ ދުވަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އާދެއެވެ.

ފަރަހައަށް ހިތްވަރުދީ މިކްޔަލްއާ ސަމާސާ ކުރެއެވެ. ކުރީގެ މިކީ އަނބުރާ ގެނެވޭތޯ އެންމެންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައިރު އަދިވެސް އެއްކަމެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. މިކީގެ ފޯނުން ނެގި ސިމް ފަރަހަ އެ ފޯނާއެކު ރައްކާކޮށްފައި ބޭއްވީ އޭގެ ހަގީގަތް ކޮންމެވެސް ގޮތަކަށް ހޯދޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ.

އެސިމާއި ފޯނު އޭނާ ބޭނުންވާ މީހާ އާ ހަމައަށް ގެންދިއުމުގެ ވަގުތު ޖެހެން ދެން އެއްވެސް މީހަކާ އެވާހަކަ އޭނާ ހިއްސާ ނުކުރެއެވެ. މިކްޔަލްގެ ރޭތައް އޮޅުންބޮޅުން ކޮށްލި "ރަޒީ" އަކީ ކާކުކަން ދެނެގަތުމަށްޓަކައި ފަރަހަ ވަނީ ހިތުގެ އަޑިން ވައުދުވެފައެވެ. އޭނާއާއެކު އެއް ސުކޫލެއްގައި ކިޔެވި ދަރިވަރު ސައްދާމަކީ މިއަދު ރާއްޖޭގެ އައިޓީގެ އެންމެ ފުންނާބުއުސް ފަރާތެވެ. އެހެންކަމުން އެސިމާއި ފޯނު ހުޅުވައި އޭގައިވާ އެއްޗެއް ދެނެގަތުމަށް ސައްދާމަށްވުރެ ވަކިން މޮޅު މީހަކު ނުހުންނާނެކަން ފަރަހައަށް ޔަގީނެވެ.

މިކްޔަލް ގެއަށް ގެނެވުނުތާ ތިންވަނަ ހަފުތާ ފެށުނު ހުކުރުވިލޭރެއެވެ. ފަރަހަ މިކްޔަލްއާއެކު ރޭގަނޑުގެ ކެއުން ނިންމާލީ ގާތްގަނޑަކަށް އަށްގަޑި ބައިވާން އުޅެނިކޮށެވެ. ކައި ނިމުމުން މިކްޔަލްގެ ތުން ދޮވެދީ، ފެންދީފައި ތަށިތައް ބަދިގެއަށް ގެނެސް ބާކީ ހުރި ކަންތައް ވަރަށް އަވަސް އަވަހަށް ނިންމާލައިފިއެވެ. މިދުވަސްތަކުގެ ތެރޭ އެންމެ ހިނދުކޮޅެއްވެސް މިކީއާ ދުރުގައި ނޫޅުމަށް އޭނާވަނީ އަޒުމު ކަނޑައަޅައިފައެވެ. ހުރިހާ ވަގުތެއް އޭނާ ވަނީ މިކީއަށްޓަކައި ހުސްކޮށްފައެވެ.

ބަދިގެއިން އަވަދިވެގެން އަވަސް އަވަސް ފިޔަވަޅުތަކެއްގައި ފަރަހަ އެނބުރި މިކްޔަލްގެ ކޮޓަރިއަށް އަތުވެއްޖެއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި މިކްޔަލްއަށް ފެންނަ ހިސާބުގައި ފަރަހަ އޭނާގެ ފޯނު ބޭނުމެއް ނުކުރެއެވެ. މިކޮޓަރީގައި ހުރި ލެޕްޓޮޕްވެސް ފަރަހަ ވަނީ ލައިބްރަރީ ބަޔަށް ގެންގޮސްފައެވެ. މިކީއަށް އެހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއް ނުދައްކާ ވޭތޯ އޭނާ ހުރިހާ މަސައްކަތެއްވެސް ކުރެއެވެ.

"ދަރިފުޅާ....ދޫނީ...."

އެނދުގެ ފަޑީގައި ބޯ ޖައްސާލައިގެން އިންއިރު މިކްޔަލްގެ ދެލޮލުގައި ވަނީ ކޮންމެވެސް ނޭނގޭ އަސަރެކެވެ. ފަނޑުވެފައިވާ ވިދުމެކެވެ. އެއްވެސް ދިރުމެއް ނެތް ކަހަލަ މޫނެކެވެ.

"މަންމާ..."

މިރޭ މިކްޔަލްގެ އަޑު ފަރަހައަށް އިވުނީ ކޮންމެވެސް ތަފާތު ގޮތަކަށެވެ. އެހެން އޭނާއަށް ހީވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފިނިވެފައިވާ ލޮލަކުން ފަރަހައަށް ބަލައިލުމަށްފަހު، ހަމަ ކުއްލިއަކަށް މިކްޔަލް ދެއަތް ދިއްކޮށްލާފައި އޭނާގެ ގައިގައި އޮޅުލައިގެންފިއެވެ. އަދި ރޮއެގަތުމަކާ އެކު ފަރަހަގެ އުނގުގައި މޫނު ޖައްސައި ބާރުކޮށްލިއެވެ. އެރުއިމުގައި އެހެން ފަހަރު ތަކުގައި ނުހުންނަ ކަހަލަ އަސަރެއް ހުރި ކަހަލައެވެ. ހީވަނީ މިކްޔަލްގެ ހިތް ފަޅަފަޅައިގެން ދަނީ ހެނެވެ.

"މަންމަގެ ދޫނީ....ކިހިނެއް ތިވަނީ...."

ފަރަހަ ހާސްކަން ފޮރުވޭތޯ މަސައްކަތް ކުރަމުން މިކްޔަލްގެ ދެކޮނޑުގައި ހިފައި ކޮޅަށް ނެގިއެވެ.

"މަންމާ.... މިކީގެ ލޯބިލޯބި މަންމާ.... މިކީއަކީ ވަރަށް ގޯސް ކުއްޖެއް..... މިކީ މީ މަންމަގެ ނަލަނަލަ ރީތި މިކީއެއް ނޫން.... މީ ޗީވެފަ ހުރި މިކީއެއް..... ހަޑިވެފަ.... ގޯސް......" މިކްޔަލް ރޮމުން ރޮމުން އަނެއްކާވެސް ފަރަހަގެ މޭގައި މޫނުޖައްސައި ފޮރުވިގަތެވެ.

"އޯހް.... މަންމަގެ ރަންދޫންޏާ.... މަންމަގެ ދޫނި ތީ ހަޑިކުއްޖެއް ނޫނޭ..... ތީ ދުނިޔޭގަވެސް ހުރި އެންމެ ރީތި އެންމެ ބަސްއަހާ ނަލަނަލަ ޕްރިންސަސް....." ފަރަހަ މިކްޔަލްގެ ބޮލުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.

"މަންމާ..... މިކީއަށް މާފުކޮށް ދެއްޗޭ..... ޕްލީޒް...... މިކީ އަބަދުވެސް ބުނަމެއްނު މަންމަ ލަދުގަނެ ދެރަވާ ކަހަލަ ކަމެއް ނުކުރާނަމޭ.... އެކަހަލަ ކަމެއް ނޭނގި ވެސް ކުރެވިއްޖެ ނަމަ މިކީ ނުހުންނާނަމޭ..... މިކީ ދާނީއޭ.... ދުވަހަކު ވެސް އެނބުރި ނާންނާނެ ހެން ދާނީ...."

މިކްޔަލްގެ އަޑަށް ކޮންމެވެސް ކަހަލަ އުނދަގޫ ދެނިވި ބަދަލެއް އައިހެން ފަރަހައަށް ހީވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ދަރިފުޅު އެ ދައްކަން ފެށި ވާހަކަ އަކުން އޭނާގެ ހިތަށް ތަދުވެއްޖެއެވެ. ތެޅިގެންފައި މިކްޔަލް މެޔާ ދުރަށް ޖައްސައިލަމުން އޭނާ ދެލޯ ބޮޑުކޮށް ދަރިފުޅަށް ބަލައިލިއެވެ. މި ދަރިފުޅަކީ އޭނާގެ މުޅި ދުނިޔެއެވެ. އެގޮތަށް މޮޔަ ވާހަކަ ދައްކާއިރު، މި މައިމީހާގެ މޭގައި އޮތް ހިތުގައި އަޅާނެ ވޭނެއް މި މޮޔަ ދަރިފުޅަކަށް ނޭނގޭނެއެވެ.

"އޭހ.... ދަރިފުޅާ...... ވިޔާނުދާ ވާހަކަ ނުދައްކާ.... ގޯސް ވާހަކަ ކުފުރު ވާހަކަ ނުދައްކާ..... ދަރިފުޅު ތީ މަންމަގެ ދުނިޔެ.... މަންމަގެ ފުރާނަ..... ތިގޮތަށް ދަރިފުޅު ހިތާމަ ކުރާތަން ފެނުމުން މި މަންމަގެ ހިތަށް ކުރާ އަސަރާއި ސިކުނޑިއަށް ކުރާ ބާރެއް ދަރިފުޅަކަށް ނޭނގޭނެ....."

އޭނާގެ ފަސްބައިން މިކްޔަލްގެ މޫނު ފޮހެދެމުން ފަރަހަ ހިތް ހަލާކު ވެދާފަދަ ފިސް ވަމުން ދިޔަ އަޑަކުން ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު މަންމާ..... މިކީގެ އެންމެ ލޯބިވާ މަންމާ.... މަންމަގެ އުނގުގައި މިކީ ނިންދަވާ ބަލަ.... ނާނާ ކިޔައިދީ ނިންދަވައިދީ ބަލަ..... މަންމާ... މިކީގެ ބޮލަށް ތަދު ވަނީ..... މޭގަ ރިއްސަނީ..... ފިރުމަދީ ބަލަ.... މަންމާ...." މިކްޔަލްގެ އަޑުގައި ހުރީ ބުނެދޭން ނޭނގޭ ފަދަ ވޭނަކާއި ރިހުމެކެވެ.

ފަރަހަގެ އުނގުގައި އޮވެ މިކްޔަލް ނިދިއްޖެއެވެ. ނިދީގެ ތެރެއަށް މުޅިން އަރަގުވެ ދިއުމުން ފަރަހަ މަޑުމަޑުން ނުހަނު އޯގާތެރި ކަމާއެކު މިކްޔަލްގެ ބޯ ނަގައި ބާލީހެއްގެ މަތީގައި ބޭއްވިއެވެ. މައުސޫމު ދަރިފުޅުގެ އޮއްސިފައިވާ މޫނު ފެނުމުން ފަރަހަގެ ހިތުގައި މީހަކު ބާރަށް ވިކާލިހެން ހީވިއެވެ. މިއީ އޭނާގެ މުޅި ދުނިޔެއެވެ. ހުވަފެނެއްގައި ވެސް އޭނާ މިފަދަ ވޭން ދެނިވި ދުވަހެއް ފެނިދާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

ފަރަހަ އަދިވެސް އިއްޔެގެ ކަމެއް ފަދައިން ތާޒާ ކަމާއެކު ހުރިހާ އެއްޗެއް ހަނދާން އެބަހުއްޓެވެ. އެންމެ ފުރަތަމަ މި ދަރިފުޅު ގެނެސް އޭނާގެ އަތުގެ ތެރެއަށް ލައިދިން ހިނދުކޮޅު، ނޭފަތުގައި ޖެހުނު ވަސް، ބަޔާން ކޮށްދޭން ނޭނގޭ އެވަސް އޭނާގެ ސިކުނޑީގެ ކަނެއްގައި އަދިވެސް ހަރުލާފައި ހުރެއެވެ.

ލެޔާއެކު ސާފުނުކޮށް، ކިނދު ނުފިލުވާ އޮތް ތުއްތު ފުރާނަ އެކެވެ. ފިނި ކަމެއް އިހުސާސް ކޮށްދިން ތެތް ކަމެކެވެ. އެންމެ ފުރަތަމަ ރޮއިގަތް އަޑު، އޭނައާ ހަތަރުކަޅި ހަމަ ކޮށްލަން ދަސްވި އަދި ފުރަތަމަ އެ ލޮލުން މަންމަގެ ލޮލަށް ބަލައިލި ގޮތެވެ.

މިކީ އަކީ އެންމެ ތުއްތު އިރުވެސް ބޮޑާ ހޭކުމެއް ނެތް ކުއްޖެކެވެ. މަދު ފަހަރެއްގައި ނަމަވެސް ފަރަހަ ބައެއް ކަހަލަ މަސައްކަތް ތަކުގައި އަވަދިނެތި އުޅޭއިރު ބަނޑުހައި ވިޔަސް ވަރަށް މަޑުމަޑު އަޑަކުން ކޫސް ގޮތަކަށް ރޯލާނެއެވެ. ދެން ހަމަ މަންމައަށް އާދެވެން ދެން ބަސް އަހައިގެން އޮންނާނެއެވެ. އެގޮތަށް އޮންނަ އިރު، ދުވަހަކުވެސް ބަނޑުހައި ވެގެން ވެސް އަދި އެހެން ކަމެއް ވެގެން ވެސް އިނގިލި ބޮއި ނޫޅޭތީ އެވާހަކަ ގޭގެ އެހެން މީހުންވެސް ދައްކައެވެ.

ދުވަހެއްގައި ވެސް ކަމެއް ބޭނުން ވެގެން ބޮޑާހާކައި ރޮއި އަޑު ގަދަ ކޮށްފައެއް ނެތެވެ. ކުޅޭ އެއްޗެއް ނެތަސް ބާލީހުގެ އުރައިގެ ކަނަކީ މިކީއަށް ކުޅޭ އެއްޗަކަށް ފުދޭ ތަންކޮޅެކެވެ. އެކަނި ކިތަންމެ ގިނައިރެއް ވަންދެން އޮންނަން ޖެހުނަސް ބަނޑުހައިވުން ކަހަލަ ކަމެއް ނުވާ ނަމަ، މިކްޔަލް ނުރޯނެއެވެ. ބައެއް ފަހަރު ފަރަހަގެ އެކުވެރިން މިކީ އަކީ ނުރޯ ދަރިފުޅެއްހޭ ވެސް އަހާނެއެވެ.

ފަރަހަގެ ލޮލުން އޮހުނު ހޫނު ކަރުނަ ތިކިތައް އޭނާގެ ތުންފަތަށް ހިނދިއްޖެއެވެ. އޭނާގެ މޭގަނޑު ހީވަނީ އިރައިރައިގެން ދާހެނެވެ. އަރުގައި ނޭވާ ތާށިވާހެން ވެސް ހީވެއެވެ. އުނގުގައި ބާއްވައިގެން މިކްޔަލްގެ ބޮލުގައި ފިރުމަމުން ފަރަހަ މަޑުމަޑުން އެނާނާ ކިޔަން ފެށިއެވެ. އޭނާގެ ހިތް ފަޅަފަޅައިގެން ދަނީއެވެ.

"ދަރިފުޅާއެވެ. ނިދާފައި ތެދުވާށެވެ. އަދި މަންމައަށް ގޮވަމުން ދުވެފައި އަންނާށެވެ.

މާދަމާ ސުކޫލަށް ދާން ފޮތްދަބަހާއި ޔުނީފޯމް ތައްޔާރުކޮށްދޭން ބުނާށެވެ. ލޮލުގައި އަނދުން އަޅުވައިދޭން ކުސް ޖަހާށެވެ.

މަންމަގެ ދަރިފުޅާއެވެ.

ކޮންމެވެސް ސަމާސާއެއް ކޮށްލަން ތެދުވެގެން އާދެބަލާށެވެ.

ތިގޮތަށް ހުދު ހެދުމުގައި މިލާފައިވާ މޫނަކާއެކު ވަރުދެރަ ނަޒަރަކުން މަންމައަށް ނުބަލާށެވެ.

ހެޔޮނުވާނެއެވެ. ދަރިފުޅާއެވެ. މަންމަ ގާތަށް އެނބުރި އަންނާށެވެ.

މިހާރު ސަމާސާ ކުރެވިއްޖެ ނޫން ހެއްޔެވެ"

މިކްޔަލް ރަނގަޅަށް ނިދީގެ ތެރެއަށް ގެނބި ހަމަޖެހެންދެން ފަރަހަ އެހެން އިނެވެ. އަދި ދެން މިކީ އަށް ރަނގަޅަށް ނިދުނުކަން ޔަގީންވުމުން މަޑުމަޑުން އެހާމެ އޯގާތެރި ކަމާއެކު، އޭނާގެ އުނގުން ނަގައި ބާލީސް މަތީގައި ބޭއްވިއެވެ. އަދި ރަޖާ އެޅުމަށްފަހު އެނދުގައި، މިކީގެ މަގަތުގައި އިށީނދެލިއެވެ. ވަރުބަލިވެގެން ގޮސް ފަރަހަގެ ބޮލުގައި ގަދައަށް ރިއްސަނީއެވެ. އެތައް ރެއެއްގެ ނިދިން މަހުރޫމުވެފައިވާ ދެ ލޯ މެދުކެނޑުމެއްނެތި ރުއިމުގެ ސަބަބުން ވަނީ ނުފެނުނަސް ފާރުވެފައިކަން ޔަގީނެވެ. އަދި އެހެން މީހަކަށް ނުފެނުނު ކަމުގައި ވިޔަސް އެ ދެ ލޮލުން ލޭ ފައިބާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ.

މިކްޔަލްގެ ހަށިގަނޑު ގަޔާ ކައިރިކޮށްލައިގެން ދެންވެސް އިރުކޮޅެއް ވަންދެން ފަރަހަ އޮތެވެ. ދެން ކުއްލިއަކަށް ކަމެއް ހަނދާންވެގެން އޭނާ ތެދުވެއްޖެއެވެ. ލޮލުގައި ހުރި ނިދީގެ ވަރުބަލިކަމާއެކުވެސް ކުރަން ޖެހޭ ކަމެއް ކަން އެނގޭތީ އެކަން ކުރުމަށް ދާން ޖެހޭނެއެވެ. އެނދުން ތެދުވެ މިކީގެ ގައިގައި ދެފަރާތުން ބާލީސް ޖައްސާލިއެވެ.

އެންމެ ތުއްތުއިރެކޭ އެއްގޮތަށް އެއްވެސް ތަފާތެއް ނެތެވެ. ފުރޮޅިގެން ގޮސް ވެސް އެނދުން ވެއްޓިދާނެތީވެ ބާލީސް ޖެއްސީއެވެ. ނޫނީ އެކަނި އޮތްކަން އިހުސާސް ވެގެން ހޭލެވި ދާނެތީވެ ވަށައިގެން ބާލީސް ޖެއްސީއެވެ. މިއީ މިކްޔަލް ތުއްތު އިރު ފަރަހަ ކަންތައް ކުރަމުން އައި ގޮތެވެ. އަދިވެސް މިހާރުވެސް އޭނައަށްޓަކައި މިކީ އަކީ ކުޑަކުއްޖެކެވެ.

ލިޔާ ކޮޓަރީގެ މޭޒުމަތީގައި ހުރި ލެޕްޓޮޕް ހުޅުވާލައިގެން ޕަރަހަ އިށީނީ އޭނާގެ އޮފީހުގެ ފުނިޖެހިފައި ހުރި މުހިންމު މަސައްކަތްތައް ބެލުމަށެވެ. މިކްޔަލް ކުއްލިއަކަށް ބަލިވުމުގެ ސަބަބުން އޭނާއަށް އޮފީހަކަށް ނުނިކުމެވުނެވެ. ނުހަނު ޒިންމާދާރު މާކެޓިން މެނޭޖަރަކަށްވާތީވެ، ކޮންމެހެންވެސް އޭނާއާ ނުލައި ނުނިންމޭނޭ ބައެއް ކަންތައް ހުރީ މަޑު ޖެހިފައެވެ. ކުންފުންޏަށް އޭނާގެ ސަބަބުން އެއްވެސް ގެއްލުމެއް ވާން އޭނަ ނޭދެއެވެ. އެހެންކަމުން މިވަގުތަށް އެއްވެސް ޒިންމާއެއް އަދާ ނުކުރެވޭނެތީ އޭނާ ބޭނުންވަނީ އޮފީހުން ލީވް އެއް ނެގުމަށެވެ.

ސިޓީ ލިޔަން އިންދާ މަޑުމަޑުން ލޯ މެރެމުން ގޮސް ނިދުނީ ކޮންއިރަކު ކިހިނެއް ކަމެއް ފަރަހަ އަކަށް ނޭނގެއެވެ. ކޮމްޕިއުޓަރުގެ ކީބޯޑު މަތީގައި ބޯ އަޅާލައިގެން ނިދިފައި އޮތް ފަރަހަގެ ލޯ ހުޅުވާ ލެވުނީ ކޮންމެ ވެސް އެއްޗެއް ބާރަށް ވެއްޓި ޖެހުނު އަޑަށެވެ. ފުންމައިގެން ތެދުވުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ފަރަހަ އަށް ގޮސް މިކިޔަލްގެ ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައި ދޮރު ހުޅުވާ ލެވުމާއެކު....

ކޮޓަރީގެ ދޮރު ހުޅުވުމާއި އަރި އަޅަމުން ވެއްޓެމުން ކަހަލަ ގޮތަކަށް ކޮޓަރި ތެރެއަށް ޖެހިގަތް ކަހަލަ ގޮތަކަށް އެތެރެ އަށް ވަނުމާއި ފެންނަން ހުރި ދެފައިގައި ދެއަތުން ހިފަހައްޓައި އެ ދެފައި އޭނާގެ ދެ ކޮނޑުމަތީ ބަހައްޓައިގެން ބިމުގައި އަމިއްލަ ފިޔަވަޅު ގަނބައި ގަންނަހާ ބާރަށް ހިފަހައްޓައި ގަތުން..... މިހުރިހާ ކަމެއް ވެގެން ދިޔައީ ހަމަ އެންމެ ދެ ތިން ސިކުންތު ތެރޭ، ދާދި އެއް ފަހަރާ، އެއް ކުއްލިއެއް ކަހަލަ ގޮތަކަށެވެ.

ކޮޓަރި ތެރެއަށް ބުރައިގެން ދިޔައީ ފަރަހަ ކޮޓަރީގެ ތެރެއަށް ޖެހިގަތް ވަގުތު، ކޮޓަރީގެ ކަނުގައި ހުރި ކުޑަމޭޒުމަތީ ހުރި މަހެއް ގެންގުޅެން ބަހައްޓާފައި ހުންނަ ބިއްލޫރު ބޯލްއެވެ. ވިއްސައިގެން ދިޔަ ބޯލް ތަޅައިގެން ދިއުމުން އޭގައި ހުރި ފެނާއި ފެނުގައި އޮތް ގޯލްޑްފިޝް ބިންމަތީގައި ހުރި ފެންފޮދު މަތީ ފެނާ ވަކިވާތީ ތެޅެނީއެވެ. ފަރަހަގެ ދެފައި ވާޅު ވަމުން ކަކުލު ހުޅަށް ބަރުދަން ބޮޑު ވަމުން ދަނީއެވެ.

މިހާރު ދެން ބިންމަތީގައި އޮތް މަސް ނޭވާ ނުލެވިގެން ތެޅެނީ އެވެ. އަދި ފަރަހަގެ ފިސް އަޑުން، "އޭތް ހެޔޮ ނުވާނޭ..... މީހެކޭ...... ޔާ ރައްބި ކަލާކޯ..... ހެޔޮ ނުވާނެ.... އަޅާ އަށް އެހީ އެއް ވެދެއްވާނދޭ..... އޭ މީހެކޭ..... އެ މަސް އެ އޮއް މަރު ވަނީއޭ..... މީހެކޭ...."

ކެނޑެމުން ކޮށި ވަމުން ދިޔައީ އެއް ބަސް އަނެއް ބަހާ ވަކި ވަމުންނެވެ. އަދި ބިންމަތީގައި އޮތް މަހުގެ ތެޅުން ދިޔައީ ބޮޑު ވަމުން ދެން ވަރު ބަލިވެ މަޑުވަމުންނެވެ. އަދި ނުހަނު ހިތްވަރާއި ގަދަފަދަ ކަމާއެކު ވެސް ފަރަހަގެ ކަކުލު ހުޅުން ދިޔައީ ވަރު ދެރަ ވަމުން ފައިގެ ވާގި ނެތެމުންނެވެ.

އަދި ދެން......

ތެެޅެމުން ދިޔަ މަސް ހިމޭން ވެއްޖެއެވެ. ފަރަހަގެ ފައިގެ ވާގި ނެތިގެން ބިން މައްޗަށް އިނދަ ޖެހި އަރި އަކަށް ވެއްޓުނީއެވެ. ހަޔާތުގެ ދިގު އެއް ވާހަކަ ނިމުނީއެވެ.

"ތުޖްސެ ނާރާޒް ނެހީ ޒިންދަގީ ހައިރާން ހޫމޭ،....."

ލަވަ ނިމިގެން ހޮޅީގެ ހުސް ބައި ގޭނޭ އަޑު "ކޫރު ކުުރޫ ކޫރ" އަޑު ކޮޓަރި ތެރޭގައި ހަރު ލައިފިއެވެ.

މުޅި ދުނިޔެ ހިމޭން ވެއްޖެއެވެ. ޖެހެމުން ދިޔަ ވައިރޯޅި ވެސް ހުއްޓުނީއެވެ. ކައުނުގެ ހިނގުން މަޑު ޖެހިލިއެވެ.

ފަރަހަގެ ދުނިޔެ އަލި ނުވާނެ އަނދިރިއަކުން ފަޅުވެ ނިމުނީއެވެ.

(ނުނިމޭ)