ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ މައްސަލަ ބޮޑުވި އެއްމެޗަކީ 2002ގެ ވޯލްޑްކަޕުގެ ދެވަނަބުރުގައި ދެކުނު ކޮރެޔާއާއި އިޓަލީ ބައްދަލުކުރި މެޗެވެ. އެންމެ އަޖައިބު އެންމެ މަޝްހޫރު އެއްގޯލަކީ މިމެޗުގެ އެންމެފަހު މިނިޓް ތެރޭގައި ދެކުނު ކޮރެޔާގެ ފޯވާޑް ޖުންގް ހުވާން ޖެހި ލަނޑެވެ. މި މެޗަށް ފަހު މި ގޯލްޖެހި ޖުންގް ހުވާނާއި މެޗުގެ ރެފްރީކަންކުރި އިކުއެޑޯރުގެ ބައިރަން މޮރޭނޯގެ ހަޔާތް ވަނީ އަބަދަށްޓަކައި ބަދަލުވެގެންގޮސްފައެވެ. އިޓަލީގައި ތިބީ ހައްތާވެސް ތަރިންނެވެ. މަލްޑީނީއާއި ވިއެރީއެވެ. ބުފޮންއާއި ޑެލްޕިއޭރޯ އަދި ޓޮޓީއެވެ. އެހެންވީމާ ދެކުނު ކޮރެޔާއަށް މާބޮޑުކަމެއް ކުރެވޭނޭ ކަމަށް އެކަކުވެސް ހިޔެެއް ނުކުރެއެވެ. ވިއޭރީގެ ގޯލަކުން އިޓަލީ ލީޑުނެގީމާ އެކަން ޔަގީންވެސް ކުރަންޖެހުނެވެ. އެެއީވާ މެޗެކެވެ! ހުރިހާ ގޮތަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ދެކުނު ކޮރެޔާއަށް ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު ފޯވާޑް ޖުންގް ހުވާންގެ ޕެނަލްޓީ އިޓަލީގެ ކީޕަރު ބުފޮން ދިފާއު ކުރީއެވެ. މި ޕެންލްޓީ ދިންގޮތާއި ރެފްރީގެ ކަންކަން ހުރިގޮތުން އެހިސާބުންވެސް އިޓަލީގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ރުޅި ދިޔައީ ބަންޑުންވަމުންނެވެ. އިޓަލީއަށް ލީޑު ލިބުނީމާ ކޯޗު ޓްރަޕައްތޯނީގެ ރޭވުމަކަށްވީ މާބޮޑު މަސައްކަތްތަކެއް ނުކޮށް އެނަތީޖާގައި މެޗު ނިންމައިލުމެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މި ނިންމުމުގެ ދެރަކަން އިޓަލީއަށް އިހުސާސްކުރަން ޖެހުނެވެ. ސެއޮލް ކީ ހެޔޮންގެ ގޯލަކުން ދެކުނު ކޮރެޔާ މެޗުގެ ނަތީޖާ ހަމަހަމަކުރީއެވެ. ނަތީޖާއެއްގެ ގޮތުން ދެން ކުޅެންޖެހުނީ އިތުރުވަގުތެވެ. އެހިސާބަށް ދިޔައިރު ލޮޑުވެފައި ތިބީ ކުޅުންތެރިންނެއް ނޫނެވެ. ލޮޑުވެފައިހުރީ ރެފްރީއެވެ. އުމުރުން 33 އަހަރުވީ މޮރޭނޯއެވެ.
ދެކޮޅަށް ދުވަންޖެހުމުން ގުނބުހިލިފައި ހުރި ރެފްރީ ދިޔައީ ކުލަކުލައިގެ ކާޑުތައް އުކަމުންނެވެ. އިޓަލީގެ ތަރި ޓޮޓީއަށްވެސް ދެއްކީ ދެވަނަ ރީނދޫކާޑަކާއެކު ރަތެކެވެ. އޭރިއާ ތެރެއަށް ޑައިވްކުރިކަމަށް ބަލައިގެންނެވެ. އިޓަލީގެ ޓޮމިއާސީ ޖެހި ލަނޑެއްވެސް ބަލައެއް ނުގަތެވެ. އެހިސާބުން އިޓަލީ ދިޔައީ ފަޅައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓަކާ ހަމައަށްދާން އެންމެ ތިން މިނިޓަށް ވެފައިވަނިކޮށް އިޓަލީގެ އޭރިއާ ތެރެއަށް ދެކުނު ކޮރެޔާއިން ހުރަސްކޮށްލި ބޯޅައަކީ ނަތީޖާ ބަދަލުވި ބޯޅައެވެ. ޕައުލޯ މަލްޑީނީގެ ކައިރީގައި ހުރީ އެއަށްވުރެ އިސްކޮޅުންކުރު ޖުންގް ހުވާނެވެ. އެހެންވީމާ އެބޯޅަ އޭނާއަށް ބޭނުންކުރެވޭނޭ ކަމަށް އެކަކުވެސް ހިޔެއް ނުކުރެއެވެ. އެކަމަކު މަލްޑީނީއަށްވުރެ ކުރިން ފުންމައިގެންއަރާ ޖުންގް ހުވާން އެބޯޅަ ފޮނުވައިލީ ގޯލްގެ ތެރެއަށެވެ. ނަތީޖާ އެނބުރުނީ ދޭއްއެކަކުން ދެކުނު ކޮރެޔާ ކޮޅަށެވެ. މި ގޯލާ ގުޅިގެން ޖުންގް ހުވާން ވެގެންދިޔައީ ދެކުނު ކޮރެޔާގެ ބަތޮލަކަށެވެ. އިޓަލީއަށް ފެތުރިގެންދިޔައީ ހިތާމަވެރިކަމާއި ރުޅިވެރިކަމެވެ.
އިޓަލީގެ ރުޅިވެރިކަން މައިގަނޑު ގޮތެެއްގައި އަމާޒުވީ ރެފްރީއަށެވެ. ނޫސްތަކުގައި ލިޔުނެވެ. ރިޝްވަތު ކައިގެންހުރި މީހެކެވެ. ރެފްރީވެސް ރިޝްވަތު ނެގީއެވެ. ފީފާގެ ވެރިންވެސް ރިޝްވަތު ނެގީއެވެ. އިޓަލީކޮޅަށް ލަނޑުޖެހި ޖުންގް ހުވާނަށް ރުޅިބޭލީ އިޓަލީގެ ކުލަބެއްކަމުގައިވާ ޕެރޫޖިއާގެ ރައީސް ލޫޗިއާނޯ ގާއްސީއެވެ. އޭރު ޖުންގް ހުވާނަކީ ޕެރޫޖިއާގެ ކުޅުންތެރިއެކެވެ. އެހެންވީމާ ރުޅިއަރައިގަނެގެން ގާއްސީ ބުންޏެވެ. މުސާރައެއްވެސް ނުދޭނަމެވެ. ޕެރޫޖިއާގެ ޖޯޒީގައި އެކަލޭގެ މިވަރުގެ ކުޅުމެއް ނުދައްކައެވެ. އޭނާ މޮޅަށް ކުޅެން ބޭނުންވީ އިޓަލީއާ ދެކޮޅަށެވެ. ބޭނުންވީ ކާންދޭމީހާގެ އަތުގައި ދަތްއަޅާށެވެ. ކުޅި ދައްކައިލާނަމެވެ. ދެން ޕެރޫޖިއާ ސަހަރުގައި ފައިބީއްސާލަންވެސް އެކަލޭގެއަށް ފުރުސަތެއް ނުދޭނަމެވެ. ގާއްސީ މިމޭރުމުން ރުޅިބޭލީމާ ޕެރޫޖިއާގެ ސަޕޯޓަރުންގޮސް ޖުންގް ހުވާންގެ ކާރުވެސް އަންދައިލިއެވެ.
ޖުންގް ހުވާން މަރައިލާނެ ކަމުގެ އިންޒާރުވެސް އިޓަލީގެ ބައެއް މީހުން ދިނެވެ. މިކަންކަމާ ގުޅިގެން ޖުންގް ހުވާން ނިންމީ އެނބުރި އިޓަލީއަށް ނުދިއުމަށެވެ. އެކަމަކު އޭނާ ވީއްލަން ޕެރޫޖިއާގެ ރައީސް ބޭނުމެއް ނުވިއެވެ. އިންގްލެންޑުގެ ބްލެކްބާން ރޯވާރޒްއިން އޭނާ ގެންދަން އުޅުމުންވެސް ކިޔާފައިވަނީ މީހުން ބިރުގަންނަހާ ބޮޑު އަދަދެކެވެ. ކޮންޓްރެކްޓްގެ މައްސަލަ އެތައް ދުވަހަކަށް ދެމިގެންދިޔަ ފަހުން ޖަޕާނުގެ ޝިމޫޒޫ ކުލަބުން 4 މިލިޔަން ޑޮލަރު ދީފައި ޖުންގް ހުވާން އެކުލަބަށް ގެންދިޔައީއެވެ. ޖުންގް ހުވާން ބުނާގޮތުގައި ޕެރޫޖިއާއިން ބޭނުންވީ އޭނާގެ ކެރިއަރު ހަލާކުކޮށްލުމަށެވެ. އިޓަލީ ކޮޅަށް ލަނޑުޖެހީމާ އެކަމުގެ އަދަބެއްގެ ގޮތުންނެވެ. ބްލެކްބާން ރޯވާރޒްއަށް ވިއްކައިނުލީވެސް ލަނޑުދޭންވެގެންނެވެ. ބްލެކްބާނަށް ދެވުނުނަމަ ކެރިއަރު އައު އުސްމިނަކަށް އުފުލުނީސްކަމަށްވެސް ބުންޏެވެ.
ރެފްރީއަށްވެސް މަރުގެ އިންޒާރު ލިބުނީ ވަކިވަރަކަށް ނޫނެވެ. އެކަމާ ބިރުން އޭނާ އަދިވެސް ހުންނަނީ އިޓަލީއަށް ނާރައެވެ. މިހެން ހުއްޓައި 2010 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ދިޔަތަނުން އެއަރޕޯޓުގައި ވަނީ ހައްޔަރުކޮށްފައެވެ. ބޮކްސާތެރޭގައި ހަކިލޯގެ މަސްތުވާތަކެތި ފޮރުވައިގެން އެމެރިކާއަށް އެތެރެކުރަން އުޅުމުގެ ތުހުމަތުގައެވެ. ކޯޓުން އޭނާގެ މައްޗަށް އިއްވީ ދެއަހަރާ ބައިގެ ޖަލު ހުކުމެކެވެ. އެ ހުކުމް އެމެރިކާގެ ޖަލެއްގައި ތަންފީޒުކުރުމަށްފަހު 2013 ވަނަ އަހަރު އޭނާ ވަނީ އެނބުރި އިކުއެޑޯރަށް ގޮސްފައެވެ. ބުނެވޭގޮތުގައި މޮރޭނޯ ފްރޭމްކުރުމާއި ހައްޔަރުކުރުމުގައި އިޓަލީގެ އެޖެންޓުންގެ ދައުރެއް އޮތެވެ. މޮރޭނޯގެ އާއިލާއިން ތުހުމަތުކުރަނީ އެހެންނެވެ. މޮރޭނޯގެ ރެފްރީކަމުގެ ކެރިއަރު ނިންމާލަން ޖެހުމުގައިވެސް ޝައްކުކުރެވޭ ކަންކަން ހުރިކަމަށް އެމީހުން ދެކެއެވެ.