ލައިފް ސްޓައިލް

އެމެރިކާގެ 22 އަހަރުގެ އަންހެންކުއްޖަކު ސައިކަލުގައި ދުނިޔެ ވަށައި ބުރެއް ޖެހުމުގެ ދަތުރު ފަށައިފި

އެންމެ ޒުވާން އުމުރުގައި މޮޓޯސައިކަލުގައި ދުނިޔެވަށައި ބުރެެއްޖެހި މީހާކަމަށް ވުމުގެ ރިކޯޑު ގާއިމުކުރުމަށްޓަކައި އުމުރުން 22 އަހަރުގެ ޒުވާން އަންހެންކުއްޖަކު އެމެރިކާއިން ދަތުރު ފަށައިފިއެވެ.

ބްރިޖިޓް މެކަޗަން އޭނާގެ ދަތުރު ފެށީ އެމެރިކާގެ އުތުރު ބިތުގެ ވިސްކޮންސިނުންނެވެ. އެމެރިކާ ހުރަސްކޮށް މިހާރު އޭނާހުރީ މެކްސިކޯގައެވެ. އެތަނުން ދުއްވާފައިގޮސް މެދުތެރޭ އެމެރިކާގެ ހުރިހާ ގައުމެއް ހުރަސްކޮށް ދެކުނު އެމެރިކާ ބައްރަށް އަރައި ކޮލަމްބިޔާ އާއި އާޖެންޓީނާ އާއި ބްރެޒިލް ހުރަސްކުރުމަށްފަހު އޭނާ ދާނީ އުރުގުއާއީއަށެވެ. އެތަނުން ސައިކަލް އާގުބޯޓަކަށް ލައިފައި މަތިންދާބޯޓުން އޭނާ ދާނީ ސްޕޭނަށެވެ. ޔޫރަޕާއި އޭޝިއާ ހުރަސްކުރާނީ ދެން އަނެއްކާވެސް ސައިކަލުގައެވެ.

މެކަޗަންގެ އޮރިޖިނަލް ޕްލޭނަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޔުކްރޭނުގެ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ސަރަހައްދަށް ވަނުމުގެ އިޒުނަ ލިބޭނޭ ގޮތެއް މިހާރު ނެތުމުންނެވެ. އަދި ޗައިނާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުން ޗައިނާއަށް ވަނުމުގެ ހުއްދަ އެމެރިކާ މީހަކަށްވާތީ ނުލިބުމުގެ ބިރުވެސް ވަރަށް ބޮޑެވެ. ބޮޑެތި ބައްރުތައް ސައިކަލުގައި ހުރަސްކޮށްފައި ބޮޑެތި ކަނޑުތައް މަތިންދާބޯޓުގައި ހުރަސްކޮށްގެން މިރިކޯޑު އޭނާއަށް ގާއިމު ކުރެވޭނޭ ކަމަށް ފެންނަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.

މެކަޗަން ބުނެފައިވަނީ އޭނާގެ ދަތުރުގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު ތަޖުރިބާއަކީ އަންހެނަކު މިވަރުގެ ކަމެއް ކުރަން ދިމާކުރީމާ މީސްތަކުންގެ މޫނުމަތިން ފެންނަ ހައިރާންކަމެވެ. ކޮންމެ ތަނެއްގައި މަޑުކޮށްފައި ހެލްމެޓް ނެގީމާ އޭނާގެ މޫނުފެނިފައި މީސްތަކުން ތިބެނީ ހައިރާންވެފައި ކަމަށް ބުންޏެވެ. ސައިކަލުގައި ދުނިޔެ ވަށައި ބުރެއް ޖެހި އެންމެ ޒުވާން އުމުރުގެ މީހާކަމަށް ވުމުގެ ރިކޯޑު މިހާރު އޮތީ 2017 ވަނަ އަހަރު އުމުރުން 24 އަހަރުގައި މިދަތުރު ފުރިހަމަކުރި އެމެރިކާގެ ފިރިހެނެއް ކަމުގައިވާ ކޭން އަވެލާނޯގެ އަތުގައެވެ.