ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ސްމާޓްކޮމް މިއަދު ފަށައިފިއެވެ.
ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުން ކުރިއަށްގެންދާ މި ފެއާ ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއަދު ހަވީރު 4:00 ފެށި މި ފެއާ މިރޭ 10:00 އަށް ކުރިއަށްދާނެއެވެ. މިއީ މިފެއާ ބާއްވާ ފުރަތަމަ ފަހަރެވެ.
އެޗްޑީސީން ބުނީ މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. މި ލަކީޑްރޯގައި ލިބޭ އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓަރެއް އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރުތައް ހިމެނެއެވެ.
ސްމާޓްކޮމް ފެއާގައި ރާއްޖޭގެ ގިނަ ބްރޭންޑުތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އާރުއޯއެލް ހިމެނެއެވެ. އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާޖް އަދި ޖޮބްސިކަލް ފަދަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައްވެސް ފެއާގައި ބައިވެރިވެއެވެ.
މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީއޯއެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިން، ލިންކް ސާވް ފަދަ ކުންފުނިތަކުން ބައިވެރިވެއެވެ.
ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތައާރަފު ކުރަމުންނެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވަން ހަމަޖެހިފައިވާ ސްމާޓްކޮމް ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވައި، ޑިޖިޓަލް ސޭފްޓީގެ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް މުޖުތަމައު ގުޅިގެން ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު