ފަރިއްކޮޅަށް ކުރެއްވި ހަރަދުތަކާއި ފަރިއްކޮޅުގެ ކަންކަން އިންތިޒާމު ވެގެން ދިޔަ ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިޖާބަދެއްވާފައިނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި އެ ކޯޓުން ހުކުމްކުރި ގޮތް ފާހަގަކުރުމަށް، މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތު އޮންނަ ފަރާތުން ފޮނުވި ކެއުމަކާ މަހާޒް ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.
ޖޭއެސްސީން މައްސަލަ ބަލަން ނިންމުމުން ފަނޑިޔާރު މަހާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެދުވަހު އޯޑަރުކޮށްގެން ކާ އެއްޗެހި ގެންނެވީ އޭނާގެ ހަރަދުގައި ކަމަށާއި އެއަށް ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް ކަމަށެވެ. އަދި އެއީ ހިލޭ ނުވަތަ ނުއަގުގައި ގެނައި ކެއުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މަހާޒްގެ ޓްވީޓާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކޮމިޝަނަށް ފަނޑިޔާރު މަހާޒްއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާއަކީ އޭނާ ބެއްލެވި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުމް ކުރުމުން އެ މައްސަލައިގެ ހިމެނޭ ފަރާތަކުން އެކަމުގެ އުފަލުގައި ފޮނުވި ޖާފަތަކާ ހަވާލުވި މައްސަލަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ފަނޑިޔާރު މަހާޒްއަށް އެންގުމުން އެކަމަށް އެއްބާރުލުންދެއްވާފައިނުވާ ކަމަށާއި އެ ދުވަހު ފަރިއްކޮޅެއް އޮތް ކަމަށް ވިދާޅުވުން ފިޔަވައި ފަނޑިޔާރު މަހާޒްގެ ފަރާތުން އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައިނުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
"ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވެ. އަދި އޭރު އެމައުލޫމާތު ފަނޑިޔާރު ހާމަނުކުރެއްވީ އެވަގުތު އެމައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ މިކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންކަން ފާހަގަކުރަން،" ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރު މަހާޒް ވަނީ އެ މައްސަލައިގެ މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރެއްވުމުގެ ބަދަލުގައި މީޑިއާ މެދުވެރިކޮށް އެކަމުގެ މައުލޫމާތު ހިއްސާކުރައްވާފައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ފަނޑިޔާރު މަހާޒް މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ހާޒިރުކޮށް އެ ފަރިއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށާއި މުވައްޒަފުން ކޮމިޝަނަށް ދިން މައުލޫމާތުން އެ ފަރީއްކޮޅާ މެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ އިތުރަށް ބަލަން ނިންމީ ކަމަށް ޖޭއެސްސީން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މުޅި ޖުޑިޝަރީ ނަމޫނާއަކަށް ބަލާ ބޭފުޅުން ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑު ނަގަހައްޓައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ދަމަހައްޓަވަން ޖެހޭ ބައެއް ކަމަށެވެ. ޖޭއެސްސީން މައްސަލަތައް ބެލުމުގައި ފަނޑިޔާރުންގެ މެދުގައި ދަރަޖަކުރުން ނުގެންގުޅޭ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީއަށް އެ މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރީއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ރިޔާސަތު ބެއްލެވީ ފަނޑިޔާރު މަހާޒެވެ.
މަނީލޯންޑްރިންގެ ތުހުމަތުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެ ދުވަހު މިނިވަންވީ ތަހުގީގުގައި ހުރި ގޯސްތަކާ ހެދި ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައެވެ.