Close
ޚަބަރު

ކާ އެއްޗެހި ގެނައީ އަމިއްލަ ހަރަދުގައި، ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް: ފަނޑިޔާރު މަހާޒް

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހު އެ ކޯޓުގައި މެންދުރުގެ ފަރިއްކޮޅެއް ބޭއްވީ އަމިއްލަ ހަރަދުގައި ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ބުނީ، ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި އެ ކޯޓުން ހުކުމްކުރި ގޮތް ފާހަގަކުރުމަށް، މައްސަލައިގައި ހިމެނޭ ފަރާތެއްގެ މަސްލަހަތު އޮންނަ ފަރާތުން ފޮނުވި ކެއުމަކާ މަހާޒް ހަވާލުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން މިއަދު ބުންޏެވެ.

ޖޭއެސްސީން މައްސަލަ ބަލަން ނިންމުމުން ފަނޑިޔާރު މަހާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަޑުއެހުން ދިގުލައިގެންދާތީ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރުން އެހެން ފަނޑިޔާރުންނާއެކު މެންދުރު ކާ އެއްޗެއް އަމިއްލަ ހަރަދުގައި ގެންނަ ކަމަށެވެ.

"އެގޮތަށް ދައުރުވަމުން އައިސް ނޮވެމްބަރު 30 ވަނަ ދުވަހު ތަނަކަށް އޯޑަރުކޮށްގެން އެއްޗެއް ގެނައި އަޅުގަނޑު، ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާ އެންމެ ފަހުން އެއްތަނަކުން ދިމާވާނެ ފަހު މަސައްކަތު ދުވަސް ކަމުގައިވާތީ ހުރިހާ ފަނޑިޔާރުން އަމިއްލަ ހަރަދުގައި މެންދުރު ކެއުން ދިނިން. ކެއި އިރު ކާތަކެތި ގެނައީ ކޮންތަނަކުން ކަންވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ. ހުރިހާ ފަނޑިޔާރުން ވެސް ކެއި، މީރު ވާހަކަ ވެސް ބުނި،" ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، ކެއުމުގެ ކަންތައް ކުރިއަށް ގެންދިޔައީ ސިއްރު ނޫން ކަމަށާއި "ކެއުމުގެ އިންތިޒާމު ހިމެނޭހެން މާދަމާ ޝަރީއަތް އޮންނަނަމަ މިރޭ މާދަމާގެ ހުރިހާ ކަމެއް އޮންނާނީ ދުރާލާއި ނިމިފައި" ކަމަށެވެ.

"ފައިސާ ދެއްކި ސްލިޕް ވެސް އެބައޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއް ވެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީކީ ވެސް ނޫން." ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރީއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ރިޔާސަތު ބެއްލެވީ ފަނޑިޔާރު މަހާޒެވެ.

މަނީލޯންޑްރިންގެ ތުހުމަތުގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން އެ ދުވަހު މިނިވަންވީ ތަހުގީގުގައި ހުރި ގޯސްތަކާ ހެދި ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 30 ގައެވެ.