މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމް ހިމެނޭ ގޮތުން ބައެއް ހެކި ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ނިހާނުގެ ފަރާތުން ހައިކޯޓަށް ހުށަަހަޅައިފިއެވެ.
ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލްގެ އިތުރުން ނިހާނު ދެން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނެނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީއެންސީގެ އަދި ރައީސް ފޮނަދޫ ދާއިރާ ކުރީގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު އާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
ދިފާއީ ހެކިންގެ ގޮތުގައި އެބޭފުޅުންގެ ނަން ނިހާނު ހުށަހަޅާފައި ވަނީ، އޭނާގެ މައްޗަށް ކުރާ ދައުވާތަކަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރުކަން ކުރެއްވި ދުވަސްވަރާ ގުޅޭ ދައުވާތަކަކަށްވާތީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ގޮތުން އަދާކުރެއްވި ދައުރާބެހޭ ކަންކަން އޮޅުންފިލުވައި ދިނުމަށެވެ.
ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތަށް އެދުމުގެ ދެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ހިމެނެއެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނާއިބު ރައީސް އަދީބު ގާތު ރިޝްވަތަށް އެދި އަދި އޭނާ ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
.
ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.
ޕީޖީން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު