ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކެމް)އިން ރާއްޖޭގައި ސިމް ކާޑު ދޫކުރާ އުސޫލަށް ބަދަލު ގެނެސް އެކްޓިވޭޓުކޮށްފައި ހުންނަ ސިމްކާޑު ވިއްކުން މަނާކޮށްފި އެވެ.
ކޭމް އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކަސްޓަމަރުންނަށް ސިމް ކާޑު ވިއްކާއިރު އެ ކާޑު ހުންނަން ޖެހޭނީ ބޭނުން ނުކުރެވޭ (ނޮން އެކްޓީވޭޓަޑް ސްޓޭޓަސް) ހާލަތުގައި ކަމަށެވެ. ސިމްކާޑު އެކްޓިވޭޓް ކުރެވޭނީ ސިމްކާޑު ނަގާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތަށް ލިބުމުން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ކޭމް އިން ބުނީ ސިމްކާޑު ދޫކުރާ އުސޫލަށް ބަދަލު ގެންނަން ޖެހުނީ ރާއްޖޭގައި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، އެ ފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިކަމާބެހޭ އިތުރު ތަފްސީލު، ހިދުމަތް ހޯދަން ބޭނުންވާ ސާވިސް ޕްރޮވައިޑާގެ ފަރާތުން ލިބޭނެ ކަމަށް ބުންޏެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް ކޯލުތައް އިތުރެވެފައިވާއިރު އެފަދަ ފޯނުކޯލުތައް ކުރުމަށް ގިނައިން ބޭނުންކޮށްފައި ހުންނަނީ އެކި މީސްމީހުންގެ ނަންމަތީގައި ނަގާފައި ހުންނަ ސިމްކާޑުތަކެވެ. އެގޮތުން ރާއްޖޭގައި މޯބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި ސިމް ކާޑު ގަނެފައި ތިބި ފަރާތްތަކަށް ބަލާއިރުގައި އެންމެ ޓޮޕް ފަހެއްގައި ތިބީ ރާއްޖޭގައި ނޫޅޭ ބިދޭސީން ކަމަށާއި އެއިން ކޮންމެ ބިދޭސީއަކަށް އެވްރެޖުކޮށް 5،000 ސިމް ކާޑު ނަގާފައިވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.