ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް ކަމައްވާ ސްމާޓްކޮމްއިން ޑިޖިޓަލް ޕްލެޓްފޯމްތަކަށް ހާއްސަކޮށްގެން ބާއްވަން ނިންމާފައިވާ ސްމާޓްކޮމް މާދަމާ އޮންނާނެއެވެ.

ސްމާޓްކޮމް ފެއާ ކުރިއަށްދާނީ މާދަމާ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި ފެއާގައި ތަފާތު ހިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.

އެޗްޑީސީން ބުނީ، ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. މި ލަކީޑްރޯގައި ލިބޭ އިނާމުތަކުގެ ތެރޭގައި ސްމާޓް ވޮޗެއް، 300ޖީބީގެ އިންޓަނެޓާއެކު ލިބޭ އެއާ ފައިބާ ރައުޓަރެއް އަދި 1000 ރުފިޔާގެ އަގު ހުރި ވައުޗަރުތައް ހިމެނެއެވެ.

ސްމާޓްކޮމް ފެއާގައި ރާއްޖޭގެ ގިނަ ބްރޭންޑުތަކެއް ވެސް ބައިވެރިވާނެއެވެ. އެގޮތުން އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް، މީރާ، ދިރާގު، އުރީދޫ، ޕެންޝަން އޮފީސް، އާސަންދަ ކުންފުނި، އަމާނާ ތަކަފުލް، މީޑިއާނެޓް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އާރުއޯއެލް ހިމެނެއެވެ. އަދި އާއްމުކޮށް މީހުން ބޭނުންކުރާ އެޕްތައް ކަމަށްވާ ފަހިޕޭ، ފަސޭހަ ރީޗާޖް އަދި ޖޮބްސިކަލް ފަދަ ގިނަ ދިވެހިންގެ މެދުގައި މަޝްހޫރުކަން ހޯދާފައިވާ ދިވެހި މޯބައިލް އެޕްލިކޭޝަންތައްވެސް ފެއާގައި ބައިވެރިވާނެއެވެ.

މީގެ އިތުރުންވެސް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ފޯކަސް އިންފޮކޮމް، ފުޑީސް ޕްރައިވެޓް ލިމިޓެޑް، ވުމަން އިން ޓެކް، ކްރޮސް ރޯޑްސް މޯލްޑިވްސް، ޓެކް ނިއުސް، އީވިޓީ ޕީއޯއެސް ޕްރައިވެޓް ލިމިޓެޑް، މޯސްޑިވްސް ބިޒްނަސް ސްކޫލް، ރެޑްބޮކްސް، ޔުނިކްސް ސްޕޯޓިން، ލިންކް ސާވް ފަދަ ކުންފުނިތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަށްޓަކައި އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑުން ދަނީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް، ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތައް ތައާރަފު ކުރަމުންނެވެ.

އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވަން ހަމަޖެހިފައިވާ ސްމާޓްކޮމް ފެއާ ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވައި، ޑިޖިޓަލް ސޭފްޓީގެ ކަންކަމާ މެދު މީހުން ހޭލުންތެރި ކުރުވުމަށް މުޖުތަމައު ގުޅިގެން ކުރެވޭ މުހިންމު މަސައްކަތަކަށް ކަމަށް އެޗްޑީސީން ބުނެއެވެ.