ޚަބަރު

ޖަލުތަކުގައި އަނިޔާ ލިބުނު މީހުންގެ ބަޔާން ނަގާ މުއްދަތު އިތުރުކޮށްފި

މުހައްމަދު އިޝާން

ވޭތުވެދިޔަ ދެ އަހަރު ރާއްޖޭގެ ޖަލުތަކުގައި އިންސާނީ ހައްގުތަކާ ހިލާފު ލާއިންސާނީ އަމަލުތައް ހިންގާފައިވޭތޯ ބެލުމަށް ސިއްރު އަޑުއެހުންތަކެއް ބަޔާން ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން އިތުރުކޮށްފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު އެ އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހުންގެ ބަޔާން ނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މިއަދު އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ މުއްދަތު އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 14:00 އާ ހަމައަށް އިތުރުކޮށްފައެވެ.

އޮމްބަޑްސްޕާސަން އޮފީހުން ބުނީ، އަނިޔާ ލިބިފައިވާ މީހުންގެ ބަޔާންތައް ނެގުމަށް ހަމަޖެހިފައިވަނީ ސިއްރު ކޮށްގެން ބާއްވާ އަޑުއެހުމެއްގައި ކަމަށެވެ. ބަޔާން ދިނުމަށް ބޭނުންވާ ފަރާތްތަކުން އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި ގުޅޭނެ ނަންބަރަކާއި ދާއިމީ އެޑްރެހާއި، މިހާރު ދިރިއުޅޭ އެޑްރެހާއި ކަމާ ގުޅޭ މައުލޫމާތު ދެވިދާނެ ހައިސިއްޔަތު ނުވަތަ މައުލޫމާތު އެނގޭ ގޮތް އެ އޮފީހަށް ހިއްސާކޮށްދިނުމަށް އޮބްބަޑްސްޕާސަން އޮފީހުން ވަނީ އެދިފައެވެ.

އޮމްބަޑްސްޕާސަން އޮފީހުން ބެލުމަށް ނިންމާފައިވަނީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އާ ދެމެދު ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު ލާއިންސާނީ އަމަލުތަކުގެ މައްސަލަތައް ކަމަށް އެ އޮފީހުން ބުންޏެވެ.