ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރާ ފަރާތަކަށް، ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރާނެ ހަ ރަށެއް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މިނިސްޓްރީން ވަނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައެޅިފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ލިސްޓެއް އިއްޔެ ގެޒެޓުކޮށްފައެވެ. އެ ލިސްޓުގައި ހިމަނާފައިވާ ރަށްތަކަކީ:
- ށ. ކުޑަޅައިމެންދޫ
- ނ. ކުންނަމަލެއި
- ޅ. މެއްޔަފުށި
- ތ. ދިއްފުށި
- ތ. ކަޅުފަހަލަފުށި
- ގއ. ފުލަނގި
މީގެ ތެރެއިން ށ. ކުޑަޅައިމެންދޫ އާއި ނ. ކުންނަމަލެއި އަކީ މީގެކުރިންވެސް ރިސޯޓު ތަރައްގީކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ރަށްތަކެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގައިވާ ގޮތުން، ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރެވިދާނެއެވެ.
ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ހަމަޖައްސާފައިވާ މަޝްރޫއުތަކުގެ ތެރެއިން، ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވައި، ގެޒެޓުގައި ޝާއިރުކުރަން ޖެހޭނެއެވެ.
އެގޮތުން ރަށްތައް ދޫކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތަފްސީލު ވެސް ހާމަކުރަން ޖެހޭނެއެވެ. އޭގެ ތެރޭގައި މަޝްރޫއުގެ ތައާރަފާއި މަޝްރޫއު ހިންގުމަށް ގަސްތުކުރާ އަތޮޅާއި ރަށުގެ އިތުރުން މަޝްރޫއަށް ހަރަދު ކުރަން ޖެހޭނެ އެންމެ ދަށް މިނަވަރު ވެސް އާންމުކުރަން ޖެހޭނެއެވެ.
މަޝްރޫއުތައް ހިންގާ ފަރާތްތަކަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި ޓޫރިޒަމް މިނިސްޓްރީން ޝާއިއުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ. އެލިސްޓުގައި ނުހިމެނޭ ރަށެއް، މަޝްރޫއު ހިންގާ ފަރާތަކުން ބޭނުންވެއްޖެނަމަ، އެ ހުށަހެޅުމަށް ރިއާޔަތްކޮށް ލިސްޓަށް އުނި އިތުރު ގެނައުމުގެ ބާރުވެސް މި ގަވާއިދުގައި ރައީސަށް ވަނީ ދީފައެވެ.
ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާ އިރު، އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަޝްރޫއު ނިމުމުން ނުވަތަ މަޝްރޫއު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލުކުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު