ދުނިޔެ

ޕޯޗުގަލް އާއި އުރުގުއާއީ މެޗު ކުޅެމުންދަނިކޮށް ރެއިންބޯ ދިދަޔަކާއެކު ދަނޑުމައްޗަށް އެރީ ކާކު؟

3

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޕޯޗުގަލްއާއި އުރުގުއާއީ ބައްދަލުކުރި މެޗު ލުސައިލް ސްޓޭޑިއަމުގައި ކުރިއަށް ދަނިކޮށް ވިއްސާރަދުނީގެ ދިދަޔަކާއެކު މީހަކު ދަނޑަށް އެރުމާ ގުޅިގެން ކުޑަ ވަގުތުކޮޅަކަށް ކުޅުން މެދުކަނޑައިލަން ޖެހިއްޖެއެވެ.

ކުއްލިއަކަށް ދިދަޔަކާއެކު މީހަކު ދަނޑުމައްޗަށް އެރުމާއި އޭނާ އަތުލައިގަތުމަށް ސަލާމަތީ ބާރުތަކުން ފަހައި ދުއްވައިގަތީމާ ރެފްރީއަށް ޖެހުނީ ވަގުތުކޮޅަކަށް ކުޅުން މެދުކަނޑައިލުމަށެވެ. ރެފްރީއަކީ އިރާނުގެ އަލީރިޒާ ފަގާނީއެވެ. ކުޅުން އަލުން ފެށީ އެމީހާ ދަނޑުން ބޭލުމަށް ފަހުގައެވެ. އޭނާ ދިޔައީ ދަނޑުމައްޗަށް ވިއްސާރަދުނީގެ ދިދަ އެއްލައިލައިފައެވެ. އެދިދަ ދަނޑުގެ އެއްކައިރިއަކަށް ޖެއްސީ ރެފްރީއެވެ. ފަހުން އެދިދަ އެތަނުން ނަގައުގެން ގެންދިޔައީ ސްޓޭޑިއަމުގެ މުވައްޒަފެކެވެ.

ދަނޑު މައްޗަށް އެރީ އިޓަލީގެ މީހެއްކަމަށްވާ މާރިއޯ ފެއްރީކަމަށް އިޓަލީގެ ނޫސްތަކުން ބުނެއެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ކާކުކަމެއް ގަތަރަކުން ނުބުނެއެވެ. ވިއްސާރަދުނީގެ ދިދައިގެ އިތުރުން އޭނާ ވަނީ ލައިގެން ހުރި ޓީޝާޓަކުން އެހެން ދެ މެސެޖެއްވެސް ދީފައެވެ. އީރާނުގެ އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރާށޭ ލިޔެފައި އޮތެވެ. ޔުކްރޭނު ސަލާމަތްކުރާށޭވެސް ލިޔެފައި އޮތެވެ. މިއީ ވޯލްޑްކަޕް ފެށުނު ފަހުން ގަތަރުގައި މިގޮތަށް ދަނޑަށް އެރި ފުރަތަމަ މީހާއެވެ.

ފީފާގެ ޓީވީ ފީޑުގައި އެމީހާ ނުދައްކައެވެ. އެހެންނަމަވެސް އޭނާ ދޫކޮށްލި ދިދަ ކޮންމެވެސް ވަރަކަށް ފެނުނެވެ. މި ހާދިސާއަށްފަހު ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ނެވާސް ބުނީ އެމީހާގެ މެސެޖު އެންމެންވެސް ބަލައިގަންނަ ކަމަށާއި އޭނާއަށް ދެރަގޮތެއް މެދުވެރިނުވާނޭ ކަމަށް ހީކުރާ ކަމުގައެވެ. މިކަންކުރި މީހާއަކީ އެނގިފައިވާ ގޮތުގައި 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑްކަޕުގައިވެސް ހަމަ މިގޮތަށް ދަނޑުމައްޗަށް އަރައި ދެކޮޅަށް ދެކޮޅަށް ދުވެފައިވާ މީހެކެވެ.