ޚަބަރު

ވިޔަފާރި އެއްބަސްވުންތަކުން ލިބޭ ގެއްލުން ކުޑަކުރަން ހާއްސަ އުސޫލެއް

އަލީ ޔާމިން

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ސަރުކާރަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އަމަލުކުރާނެ އުސޫލެއް އެކުލަވާލައި އާންމުކޮށްފިއެވެ.

ރައީސް އޮފީހުން އިއްޔެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފެށި މި އުސޫލު އެކުލަވާލުމުގެ ބޭނުމަކީ އެކިއެކި ވިޔަފާރި އެއްބަސްވުންތަކުގައި ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް އޮންނަ ހާލަތްތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީއަތުން ބޮޑެތި އަދަދުތައް ނަގައިދިނުމުގެ ފުރުސަތު އޮންނާތީ، އެފަދަ މައްސަލަތަކުން ދައުލަތަށް ލިބިދާނެ ކަމަށް އަންދާޒާކުރެވޭ ބޮޑު ގެއްލުމަކުން ބަރީއަތްވުން ކަމަށެވެ.

އޭގެ އިތުރުން ނުހައްގުން ބާތިލުކޮށްފައިވާ އެއްބަސްވުންތައް އިއާދަކޮށް، އެފަދަ އެއްބަސްވުންތަކުގެ މަންފާ ދައުލަތަށް ލިބުން އަވަސްކޮށް، އެފަދަ އެއްބަސްވުންތަކުން ގާއިމްކުރާ ވިޔަފާރި ހަރަކާތްތަކުން ދައުލަތަށް އާމްދަނީ ލިބޭނެ މަގުފަހިކުރުމާއި އެފަދަ ވިޔަފާރި ހަރަކާތްތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމާއި އިގުތިސޯދީ އެހެނިހެން ފުރުސަތުތައް އިތުރުކުރުމަށް މަގުފަހުކޮށް އެފަދަ މައްސަލަތައް ކޯޓުން ބޭރުގައި ނިންމުމަށް އެކުލަވާލެވުނު އުސޫލެއް ކަމަށެވެ.

މި އުސޫލުގެ ދަށުން ބެލިގެން ދާނެ މައްސަލަތަކީ 7 އޮގަސްޓް 2008 އިން ފެށިގެން އިއްޔެއާ ހަމައަށް ޖެހޭ މައްސަލަތަކުގެ ތެރެއިން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ހުށަހެޅި ހައްލު ނުލިބި ތިން އަހަރުވެފައިވާ މައްސަލަތަކެވެ.

އެގޮތުން އެއްބަސްވުމެއް ބާތިލުކުރުން، އެއްބަސްވުމަކާ އެއްގޮތަށް އަމަލުނުކުރުން، އެއްބަސްވުމާ ހިލާފުވުން ނުވަތަ ރަސްމީ ހުއްދައެއް ދިނުން ނުވަތަ ބާތިލުކުރުމުގެ ސަބަބުން ސަރުކާރާއި އެއްބަސްވެވުނު ފަރާތާ ދެމެދު ޖެހޭ މައްސަލަތައް މި އުސޫލުގެ ދަށުން ބެލިގެން ދާނެއެވެ.

މި އުސޫލުގެ ދަށުން މީގެ ކުރިން އެފަދަ މައްސަލައެއް ހުށަހަޅާފައިނުވާ ފަރާތްތަކަށް މައްސަލަ ހުށަހަޅަން 30 ދުވަސް ލިބެއެވެ. ނަމަވެސް އެ މުއްދަތުގެ ފަހުން ހުށަހަޅާ މައްސަލަތައް ބަލައިގަންނާނީ، އެ މައްސަލަ ހުށަނޭޅުނު ސަބަބަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ބާރުން ބޭރުގައިވާ ސަބަބެއް ކަމަށް މިނިސްޓްރީއަށް ނުވަތަ ކަމާ ބެހޭ އިދާރާއަށް ގަބޫލު ކުރެވޭ ކަމުގައިވާ ނަމައެވެ.

މި އުސޫލުގެ ދަށުން މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ. ރައީސް އޮފީހުގެ ދަށުން ހިންގާ މި ކޮމިޓީގައި ހިމެނޭނީ ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީއިން ކަނޑައަޅާ ފަރާތްތަކެވެ. މި ކޮމިޓީން ފަންނީ ލަފާއަށް ނުވަތަ ދިރާސާއެއް ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހެން ފަރާތްތައް ކޮމިޓީގެ މަސައްކަތުގައި ބައިވެރިކުރެވޭނެއެވެ.

އިއްޔެ އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން ހުށަހެޅޭ މައްސަލަތައް ފުރަތަމަ ދިރާސާ ކުރާނީ މައްސަލަ ހުށަހެޅޭ މިނިސްޓްރީ ނުވަތަ އިދާރާއަކުން އުސޫލާ ހިލާފުނުވާ ގޮތަށް ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ.

މައްސަލަ ހައްލުކުރުމުގައި މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާ ލިޔެކިޔުންތަކަށް އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ރިއާޔަތްކުރަން ޖެހޭއިރު، އިތުރަށް ލިޔެކިޔުންތައް ނުވަތަ އަނގަބަހުން މައުލޫމާތު ހޯދުމުގެ ފުރުސަތު މައްސަލަ ދިރާސާ ކުރާ އިދާރާއަށް ލިބިގެންދާނެއެވެ.

މައްސަލަ ދިރާސާ ކުރުމަށްފަހު ލަފާދޭ ކޮމިޓީއަށް ހުށަހަޅާ އިރު، ދިރާސާގެ ހުރިހާ ލިޔެކިޔުންތަކާއި ހޯދުންތައް ހުށަހަޅަން ޖެހޭނެއެވެ. އަދި އުސޫލަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކޮންމެ އިދާރާއަކަށް ނުވަތަ މިނިސްޓްރީއަކަށްވެސް މައްސަލަތައް ދިރާސާކުރުމަށްފަހު ކޮމިޓީއަށް ހުށަހެޅުމަށް 90 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމަށް ލިބޭނީ 60 ދުވަހުގެ މުއްދަތެކެވެ.

މިގޮތަށް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޯޓުން ބޭރުގައި ބައެއް މައްސަަލަތައް ނިންމުމަށް ލަފާދެވޭނެއެވެ.

ކޯޓުން ބޭރުގައި ހައްލު ކުރުމަށް ލަފާދެވޭނެ މައްސަލަތައް:

  • އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށް ނުވަތަ ކަނޑައެޅިގެން ބޭއިންސާފުން އެއްބަސްވުމެއް ބާތިލުކޮށްފައިވާކަން ހާމަކޮށް ފެންނަން އޮތުން
  • ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ބޭއިންސާފުން ވަކި ބަޔަކަށް އެކަނި އަމާޒުކޮށްގެން އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ފާހަގަވުން
  • އެއްބަސްވުމުގެ މަގުސަދު ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ހުއްދައެއް ދޫނުކުރުމުގެ މައްސަލައެއް ނަމަ ނުވަތަ ހުއްދައެއް ބާތިލުކުރުމާ ގުޅޭ މައްސަލައެއް ނަމަ، އެކަމާ ގުޅުންހުރި މިނިސްޓްރީން ނުވަތަ އިދާރާއިން އެ މައްސަލައިގައި އަމަލުކޮށްފައިވަނީ، އެކަމާ ގުޅޭ ގާނޫނާއި ގަވާއިދާއި އުސޫލަކާ ނުވަތަ އެފަދަ ހާލަތްތަކުގައި އާންމުކޮށް އަމަލުކުރާ ގޮތާ ހިލާފަށްކަން ފާހަގަވުން
  • އެ މައްސަލައެއްގައި، ކޯޓުގެ ހުކުމަކުން ނަގައިދެވޭނެ ބަދަލުގެ އަދަދު މި އުސޫލުގެ ދަށުން މައްސަލަ ހައްލުކުރުމުގައި ދެ ފަރާތުން އެއްބަސްވެވޭ ބަދަލަށް ވުރެ ބޮޑުވެދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި އެ މައްސަލައެއް ހައްލުކުރުމުގައި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ އެ މައްސަލައެއް ކޯޓުން ބޭރުން ހައްލުކުރުން ކަމަށް، އެ މައްސަލައެއްގައި ޝާމިލުވާ އިދާރާއަށް ނުވަތަ އެ މައްސަލައެއް ހުށަހެޅިފައިވާ މިނިސްޓްރީއަށް އެކަށީގެންވާ ހަމަތަކުގެ މަތިން ގަބޫލުކުރެވުން

މައްސަލަ ހައްލުކުރަން ތިން ގޮތެއް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެއީ އެއްބަސްވުން އިއާދަކުރުމަށް ނިންމައި އަލުން އެއްބަސްވުމެއްގައި ސޮއިކުރުމާއި ރަސްމީ ހުއްދައެއް ދޫކުރުން ނުވަތަ ހުއްދަ އާ ކޮށްދިނުމުގެ އިތުރުން ގެއްލުމުގެ ބައްދަލު ދިނުން ނުވަތަ ބަދަލު ހަމަޖައްސައިދިނުމެވެ.

އުސޫލުގައިވާ ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ގެއްލުމުގެ ބަދަލު ހިސާބުކުރަން ޖެހެނީ އިސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އިން ލައިސެންސް ލިބިފައިވާ ފަރާތަކުންނެވެ. ގެއްލުމުގެ ބަދަލު ދޭން ޖެހޭ ހާލަތްތަކުގައި ސަރުކާރުން ބޮޑަށް ބަލާނީ ފައިސާގެ ބަދަލުގައި ގާނޫނު ހުއްދަކުރާ މިންވަރަކުން ދެވެން އޮތް އެހެނިހެން ލުއިތަކާއި އިނާޔަތްތައް ދިނުން ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.