ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގެ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ.
އެ ޕްރެޒެންޓޭޝަންގައި ބުނީ، ރާއްޖޭގައި ފައިނޭންޝިއަލް ޓެކްނޮލޮޖީ (ފިންޓެކް) ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ގުޅިގެން ދިވެހި ރުފިޔާ ޑިޖިޓަލް ކަރަންސީއެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޕްރެޒެންޓޭޝަނުގައި އެ މަސައްކަތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފަ އެއް ނުވެއެވެ.
އެ މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުގެ މެދުގައި މުއާމަލާތް ކުރުމަށް ބޭނުންކުރާ ގަވަމެންޓް އީ -ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ އާ ވާޝަންއެއް ތައާރަފު ކުރުމާއި އެ ނިޒާމު ތައާރަފު ކުރުމުން މުއާމަލާތްތަކުގައި އެއްވެސް ވަރަކަށް ކަރުދާސް ބޭނުން ކުރާކަށް ނުޖެހޭ ގޮތް ހެދުން ހިމެނެއެވެ.
އޭގެ އިތުރުން މިއަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ސްކޫލުތައް، ހެލްތު ސެންޓަރުތައް އަދި ކައުންސިލްތައް ހިމެނޭ ގޮތަށް ސަރުކާރުގެ ހާހެއްހާ އިދާރާ އޮންލައިންކޮށް މަސައްކަތް ކުރެވޭ ވިއުގަ އަކުން ގުޅާލުން ހިމެނެއެވެ.
ހަޔާ އެޑިއުކޭޝަން ނެޓްވޯކެއް ގާއިމު ކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގުޅާލައި އެ ޔުނިވާސިޓީތައް އިންޑިއާގެ އެޑިއުކޭޝަން ނެޓްވޯކާ ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.