އިސްލާމީ ތާރީޚު

މިއަދުގެ އިސްލާމީ ދުނިޔެއާއި އިސްލާމްދީނުގެ ސިޔާސީ ނިޒާމު - 19

އަބްދުﷲ ފާރޫގް ހަސަން

(21 ނޮވެމްބަރުގެ އަދަދާ ގުޅޭ)

އިސްވެދިޔަ ފޮޅުވަތްތަކުގައި އަޅުގަނޑު ބަޔާންކޮށްފައިއެވަނީ ރަނގަޅު އިސްލާމީ ޤައުމަކާއި ރަނގަޅު އިސްލާމީ ވެރިޔެއްގެ މީޢާރެވެ. މިހާރު ދުނިޔޭގައި ހުންނެވި އިސްލާމީ އެއްވެސް ވެރިޔެއް ނުވަތަ ދުނިޔޭގައިއޮތް އެއްވެސް ޤައުމެއް މި މިންގަނޑަށް ފެތޭތޯ އަމިއްލަފުޅަށް ބައްލަވާށެވެ. ވަކިފަރާތަކަށް ބުރަވެވަޑައިނުގެން އަމިއްލަފުޅު ނިންމެވުމެއް ނިންމަވާށެވެ. އިމްތިޙާނެއްގައި މާކްސްދޭ މީހަކު ފަދައިން އިސްލާމީ ޤައުމުތަކަށާއި އިސްލާމީ ވެރީންނަށް މާކްސް ދެއްވާށެވެ. އެއިން ވެރިޔަކަށް ފަސް މާކްސް ނުވަތަ ދިހަ މާކްސް ނުވަތަ ވިހި މާކްސް ދެއްވިދާނެއެވެ. އެކަމަކު ފަންސާހުން މައްޗަށް ނުގެންދެވޭނެކަމީ ކަށަވަރު ކަމެކެވެ.

ެރިކަން ކުރުމުގެ އިސްލާމީ ނިޒާމުގެ އިމްތިޙާނުގައި ކަނޑައެޅިފައިވާ މިންގަނޑުން ފާސްވުމަކީ މިޒަމާނުގެ އިސްލާމީ ޤައުމަކަށްވެސް އިސްލާމީ ޤައުމެއްގެ ވެރިޔަކަށްވެސް ފަސޭހަފުޅުކަމަކަށް ނުވާނެއެވެ. އެހެންކަމުން މި އިމްތިޙާނަށްފަހު މުސްލިމުން ޢަމަލުކުރާންވީގޮތެއް ނިންމެވުމަކީ އިސްލާމީ ޢިލްމުވެރީންގެ ކަމެކެވެ. އިސްލާމީ ޚިލާފަތެއް ޤާއިމުކުރުމަށްޓަކައެވެ. އިސްލާމީ އުންމަތަށް އައު ހޭލުންތެރިކަމެއް ގެނެވޭނީ ކޮންގޮތަކުންކަމެވެ. އިސްލާމީ ޚިލާފަތެއް ޤާއިމުވުމަށްފަހު އިސްލާމީ ޤައުމުތަކަށް ވާލީން ޢައްޔަންކުރައްވާނީ ޚަލީފާއެވެ. އެންމެކުޑަމިނުން ކޮންމެ އިސްލާމީ ޤައުމެއްގައިވެސް ވެރިކަމުގެ އިސްލާމީ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. ސައިންސާއި ޒަމާނީ ފަންނިއްޔާތާއި އައު ހޯދުންތަކާއި އައު އީޖާދުތަކުގެ ދާއިރާގައި ހުޅަނގުގެ ޤައުމުތައް ފަހަތަށްޖައްސައިލައި މުސްލިމުން ކުރިއަރާންޖެހެއެވެ. އިސްލާމީ ޤައުމުތަކުގެ ވެރީން އެބޭފުޅުންގެ އުޅުއްވުން ބަދަލުނުކުރައްވައިފި ކަމުގައިވާނަމަ އަދި އެބޭފުޅުންގެ ޤައުމުތަކުގެ ވެރިކަން އިސްލާމީ ތައްގަނޑަށް ނުފައްތަވައިފިކަމުގައިވާނަމަ އެކަންވާނީ ވަރަށްބޮޑު ކުށެއްކަމުގައެވެ. އިސްލާމީ ޤައުމުތަކަށް ސައިންސީ ތަރައްޤީ ގެންނެވުމަކީ އެބޭފުޅުންގެ ޒިންމާއެކެވެ. އެބޭފުޅުންނަށް ކޮންމެވެސް ދުވަހަކުން أحــكـــــم الحـــاكــمــيـــن ގެ ކުރިފުޅުމައްޗަށް ހުއްޓިވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ. އެބޭފުޅުންގެ ޖަރީމާތަކަށާއި އެބޭފުޅުން އިސްލާމްދީނަށް ވެވަޑައިގެންފައިވާ ބޭވަފާތެރިކަމަށް ސަޒާ ލިބިވަޑައިގަންނަވާނެއެވެ.

ޙައްޤުގައި ތިއްބަވާ ޢިލްމުވެރީންނާއި ނުބައި ޢިލްމުވެރީންގެ ތަފާތު

އިސްލާމީ ޤައުމުތަކުގެ ޙާލަތާއި އެޤައުމުތަކުގައި ކަންހިނގަމުންދާ މަގު ދީނާއި ޝަރީޢަތާ ފުށުއަރާކަމުގައިވާނަމަ ރަނގަޅު މަގަށް އެޅުއްވުމަކީ އިސްލާމީ ޢިލްމުވެރީންގެ ވާޖިބެކެވެ. އެހެނީ އިސްލާމީ މުޖްތަމަޢުގައި އެންމެމަތީ މަޤާމެއް ލިބިވަޑައިގެންފައިވަނީ އިސްލާމީ ޢިލްމުވެރީންނަށެވެ. ޙާކިމުންނާއި އަމީރުންނާއި ރަހުންނަށްވުރެވެސް އެބޭކަލުންގެ މަޤާމު މަތިވެރިއެވެ. އެހެނީ ދީނާއި ޝަރީޢަތުގެ ޢިލްމު ލިބިވަޑައިގެން ތިއްބެވީ އެބޭކަލުންނެވެ. އަރަހުށި މާތް اللّــه ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ.

"ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެހެއްޔެވެ؟" (الـــزّمــــــر: 9)
ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللّــه އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ اللّــه އަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! (އެބަހީ: އެކަމަކާމެދު اللّــه އާއި އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއްބަލައި އެގޮތަކަށް ޢަމަލުކުރާށެވެ!) ތިޔަބައިމީހުން اللّــه އަށާއި އާޚިރަތްދުވަހަށް އީމާންވާކަމުގައިވާނަމައެވެ." (الـنّسـاء: 59)

اللّــه ގެ ޙަޟުރަތަށާއި ރަސޫލާގެ އަރިހަށް ރުޖޫޢަވުމުގެ މަޠުލަބަކީ ކޮބައިތޯއެވެ. އެކަމުގައި ނިޔާކަނޑައަޅާނީ ކޮންފަރާތަކުންތޯއެވެ؟ މި މައްސަލައިގައި އަރަހުށި މާތް اللّــه އާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅުން ނާޠިޤު ޙުކުމެއް ބޭނުންވެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މިކަމުގައި ފައިޞަލާއެއް ކުރެއްވޭނީ އިސްލާމީ ޢިލްމުވެރީންނަށެވެ. މިމާތް އާޔަތުން އެނގެނީ ޙާކިމާއާވެސް އަމީރާވެސް ޚިލާފުވެވިދާނެކަމެވެ. ފައިޞަލާކުރެވޭނީ ޤުރްއާނާއި ސުންނަތުގެ ބިންގަލުގެ މަތީގައިކަމެވެ. މާނައަކީ، ޙުކުމްކުރެވޭނީ ޢިލްމުވެރީންގެ މެދުވެރިކަމުގައެވެ. ބައިވެރިވެވަޑައިގެންނެވުމާ އެކުގައެވެ. އެކަމުން އެނގެނީ ޙާކިމުންނާއި އަމީރުންނަށްވުރެ ޢިލްމުވެރީންގެ މަޤާމު މަތިވެރިކަމެވެ. އެބޭކަލުން އެބޭކަލުންގެ ޒިންމާ އަދާކުރައްވާން ޖެހިވަޑައިގަންނަވާކަމެވެ. އެކަމަކު ސުވާލަކީ ދީނީ ޢިލްމުވެރީންކުރެ އެބޭކަލުންގެ މަތިވެރި މަޤާމުގެ ޤަދަރު ހަނދުމަފުޅު ބަހައްޓަވައިގެން އަމިއްލަފުޅު ޙުރުމަތް ހިފަހައްޓަވަނީ ކިތައް ޢިލްމުވެރީންތޯ މި ސުވާލެވެ. عـــلاّمـــــة إقـبـــال ވިދާޅުވެފައިވާ ފަދައިން ހައްތާވެސް ފެންނަނީ އެބޭކަލުންގެ ދަރަޖަ އެނގިވަޑައިނުގަންނަވާކަމެވެ. ނަތީޖާއެއްގެގޮތުން ކުޑަވެސް އަގެއް ނުވަތަ ޙުރުމަތެއް ނުހުންނަ ތަނެވެ.

އިސްލާމީ ޤައުމުތަކުގައި ފާޅުގައި ދީނާއި ޝަރީޢަތާ ޚިލާފުވަމުން ދަނީއެވެ. ޢިލްމުވެރީން ތިއްބަވާތަން ފެންނަނީ ހަނުއެވެ. އިސްލާމީ ޤައުމުތަކުގެ ސަރުކާރު ހިންގުމާއި ސިޔާސަތު އެކަށައެޅުމުގެ މިސުރާބުހުރީ ނުބައިދިމާޔަކަށެވެ. ޢިލްމުވެރީން ތިއްބެވީ ގަދައަވަހާރަފުޅުގައެވެ. އިސްލާމީ ޤައުމުތަކުގައި ޙިމާޔަތްކުރެވެނީ ބާޠިލެވެ. މަދަދު ދެވެނީ ފާޙިޝް ކަމަށެވެ. ނަމަވެސް ޢިލްމުވެރީންގެ ތުންފަތްޕުޅުތަކުގައިހުރީ ސިލްޖެހިފައެވެ. މިހިރީ ޢިލްމުވެރީންގެ ދަރަޖަޔާއި އެބޭކަލުންގެ މަސްއޫލިއްޔަތާ ފުށުއަރާ ކަންކަމެވެ. ޝައްކެއްނެތެވެ. އަރަހުށި މާތް اللّــه ޢިލްމުވެރީންނާ ސުވާލުކުރައްވާނެއެވެ. "ތިޔަބައިމީހުން ވެރީންނަށް ނަސޭހަތްތެރިވުމުން އެއްކިބާވެގަތީ ކީއްވެގެންހެއްޔެވެ؟ ޙައްޤުބަސް ނުބުނީ ކީއްވެގެންހެއްޔެވެ؟" ހެޔޮކަންކަމަށް އަމުރު ކުރެއްވުމާއި މުންކަރާތް ނަހީކުރެއްވުމުގެ ޒިންމާ އެންމެބޮޑަށް އެޅިފައިވަނީ ޢިލްމުވެރީންގެ އިސްތަށިފުޅުގައެވެ. އެކަމަކު އެބޭކަލުންގެ އަތްޕުޅުގައިހުރި ސަލާމް ޖައްސަވާ ނާށިތައްހުރީ ފުރިފައެވެ. ޙައްޤަކީ ބާޠިލު ކަމުގައި ހައްދަވަން އަޑުފުޅުގައިނެތްތަނަށް ހަޅޭފުޅުލައްވައިގެން ހޯއްދެވެނީ މަޤާމުތަކެވެ. ފައިސާއެވެ. މިޒަމާނުގައި ދީނީ ޢިލްމުވެރީންގެ އަތްޕުޅުތައް ވެފައިވަނީ الـــيــد السّـفـلــــى ކަމުގައެވެ. ޝައްކެއްނެތެވެ. الـــيــد السّـفـلــــى ގެ ވެރީންނަކީ ޙައްޤު ފާޅުކުރެއްވޭނެ ބައެއް ނޫނެވެ.

ވަރަށްގިނަ މުފައްސިރުން ޢިލްމުވެރީން ހިމަނުއްވައިފައިވަނީ أولــــو الأمـــــــر ންގެ ތެރޭގައެވެ. އާދެ، އެބޭކަލުންނަކީ ކިޔަމަންވާންޖެހޭ ބަޔެކެވެ. އިސްލާމީ ދުނިޔެ ދަތުރުކުރަނީ ނުބައި މިސުރާބަކަށެވެ. ޤައުމުތަކުގެ ވެރީން ހައްދަވަނީ ހައްތާވެސް ރޯމަރު ގޯހެވެ. އިސްލާމްދީނަށް ދެއްވަމުން ގެންދަވަނީ އަފޫރުއްބަ ގެއްލުންތަކެވެ. އުންމަތުގެ މައްޗަށް ދިގުލަމުންދަނީ ހިތާމައިގެ ކަޅުފޮއި ރޭރެއެވެ. މިޙާލަތުގައި އިސްލާމީ ޢިލްމުވެރީންގެ ޒިންމާއަކީ ހިމޭނުން ނުތިއްބަވައި ޢަމަލީ ދައުރެއް އަދާކުރެއްވުމެވެ. އުންމަތް އިޙްތިސާބުކުރައްވައި ވެރީންނަށް ނަސޭހަތްތެރިވެވަޑައިގެންނެވުމުގެ ޒިންމާ އަދާކުރެއްވުމެވެ. އެބޭކަލުން ޙައްޤުބަސް ވިދާޅުވަމުން ނުގެންދަވާކަމުގައިވާނަމަ ދީނީ ޢިލްމުވެރިކަމަކީ އެބޭކަލުންނަށް ލިބިވަޑައިގެންފައިވާ ޢިއްޒަތެއްވެސް ޝަރަފެއްވެސް ނޫނެވެ. އެބޭކަލުންނަށް ދެވޭ ބަދުނާމެކެވެ. އެބޭކަލުންނަކީ "ފުޅަކާ ދަންނަބޭކަލުން" ނެވެ.

އިސްލާމީ ތާރީޚުގައި ހިނގައިފައިވާ ހާދިސާއެކެވެ. أمـيـــــرمـعــــاويــــة رضــى اللّــه عــنـــــه އެކަލޭގެފާނުގެ ދަރިކަލުން يـــزيــد ވަލީޢަހްދަކަށް ހަމަޖެއްސެވިއެވެ. ޞަޙާބީންގެ ކުރިޔަށްތިއްބެވި ބޭކަލުން އެކަމަކާ ޤަބޫލުފުޅެއް ނޫނެވެ. އެބޭކަލުން އެބޭކަލުންގެ މަންދޫބަކަށް ހަމަޖެއްސެވީ عــبـــد اللّــه بـــن الـــزّبــيــــر رضــى اللّــه عــنـــه އެވެ. عــبـــد اللّــه بـــن الـــزّبــيــــر އެކަމާ އިޢުތިރާޟު ކުރެއްވިއެވެ. ވިދާޅުވިއެވެ. "ކަލޭގެފާނު ކަލޭގެފާނުގެ ދަރިކަލުންނަށް ވަލީޢަހްދުކަން ދެއްވައިފީމުއެވެ. އެއީ އިސްލާމީ ސިޔާސަތުގެ ނިޒާމުން އެއްފަރާތްވެވަޑައިގެންނެވުމެވެ." މިހާރުގެ ޙާލަތަކީ ކޮބައިތޯއެވެ؟ ގަލްފުގެ ޤައުމުތަކުގެ ކޮންމެ ޙާކިމަކުވެސްވަނީ އެބޭފުޅެއްގެ ދަރިކަލުންނަށް ވަލީޢަހްދުކަން ދެއްވައިފައެވެ. ސަރުކާރުތަކުން ކުރަމުންގެންދާ ކޮންމެ މޮޔަކަމަކަށް އެޤައުމުތަކުގެ ސީނިއަރ ޢިލްމުވެރީންގެ ކައުންސިލުތަކުން މަރްޙަބާ ވިދާޅުވެއެވެ. ތަހްނިޔާ ދަންނަވައެވެ. މުބާރިކުބާދީގެ އަޑު ގަދަކުރައްވައެވެ. މިއީ ޚާއްޞަ ޢިނާޔަތާއި ސިޔާސީ މަޤާމު ހޯއްދެވުމަށްޓަކައި އަމިއްލަފުޅު އަނާނިއްޔަތު ވިއްކައިލައްވައި މަރްޙަބާގެ ތަރާނާ ވިދާޅުވުމެވެ. އަޅެ ވިދާޅުވެބައްލަވާށެވެ. ޢިލްމުވެރީން ހިންގަވަންވީ މަގަކީ މިއީތޯއެވެ. ޖޫނިއަރ ކަމުގައިވިޔަސް ސީނިއަރ ކަމުގައިވިޔަސް ޢިލްމުވެރީންގެ ވާޖިބަކީ خــلافـــة الــــرّاشــــدة ގެ މަންހަޖަށް އުންމަތް ގެންނެވޭތޯ ބާރުލެއްވުމެވެ. ލާދީނީ ސިޔާސަތުގެ ދަހަންޖާ ކަނޑައިލެއްވޭތޯ ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔާވަރަށް ހިއްޕެވުމެވެ. ޙާކިމުންނަށް ނަސޭހަތްދެއްވުމެވެ. "يـــزيــدى ވަލީ ޢަހްދުކަމަށް" ތާއީދުކުރައްވައި އަތްތިލަބަޑި ޖެއްސެވުމެއް ނޫނެވެ. މިދެންނެވި ބާވަތުގެ عــلمــاء السّــــوء ންނަށްވުރެ ހުރިހައި މާނައެއްގައި ހެޔޮކަންބޮޑީ ދުނިޔޭގެ ކަންކޮޅުތަކުން އަނިޔާއާއި ގޮށްމުށުބާރު ނައްތައިލައްވަން އަޑުއުފުއްލަވާ ޣައިރުމުސްލިމް މުފައްކިރުންކަމުގައި ދަންނަވާނެ ޖާގަ ނެތެކޭ ދަންނަވާހިތެއް ނެތެވެ. އެފަދަ ފިކުރީ ޢާލިމުންގެ އަސަރުހުރި ތަޤްރީރުތަކާއި ބާރުހުރި ލިޔުއްވުން ދުނިޔޭގެ އެކި ބަސްބަހުން ފެންނާން އެބަހުއްޓެވެ. އަދީބުންނާއި މުފައްކިރުންކަމުގައި ދުނިޔެ ޤަބޫލުކުރަނީ އެފަދަ ބޭފުޅުންނެވެ.

مـــولانـــا عــلــــى مــيـــان ގެ އުންމީދީ ކަދުރު ރުއް

مـــولانـــا عــلــــى مــيـــان (مـــولانـــاسيّــدأبـــوالحســن عـلــى نـــدوى) އަކީ އިސްލާމީ ދުނިޔޭގެ ޝަޚްޞިއްޔަތުތަކުގެ ތެރެއިން ވަރަށް ޚާއްޞަ ޝަޚްޞިއްޔަތެކެވެ. އިސްލާމީ އުންމަތަށް ކުރިމަތިވާ ރޫޙު މަރުވާފަދަ ހިތާމަވެރި ހާދިސާތަކާމެދު ވަރަށްބޮޑަށް ޙައްސާސުވެވަޑައިގެން ހިތާމަކުރައްވާ ބޭކަލެކެވެ. ވަކީން ޚާއްޞަގޮތެއްގައި ޖަޒީރަތުލްޢަރަބުގައި ހިނގާ ކަންތައްތަކާ މެދުގައެވެ. ޢަރަބިކަރައިގައި އިސްލާމީ ޝަރީޢަތާ ޚިލާފުކަމެއް ހިނގާކަމުގައިވާނަމަ އެތަންތާނގެ ވެރީންނަށް ސިޓީ ލިޔުއްވައެވެ. އެބޭފުޅުންނާ ބައްދަލުކުރައްވައި ނަސޭހަތްދެއްވައެވެ. އެކަމަކު މިހާރު މިއުޑުދަށުގައި ހިނގަމުންމިދާފަދަ ބިރުވެރި ހާދިސާތަކެއް مـــولانـــا ގެ ޙަޔާތްޕުޅަކު ކުރިމައްޗެއްވެސް ނުވެއެވެ. މިހާރު خـــادم الحــــــرميـــــن އަކީ ދީނާއި ޝަރީޢަތުގެ ހާދިމުންގެ ވާގިވެރިޔެކެވެ. ދެޙަރަމްފުޅުގެ ބެލެހެއްޓެވުންތެރިޔާއަކީ ފިރުޢައުނެއްގެ ބައިގެ ބޭފުޅެކެވެ. މައްކާގެ ވާލީ ހުންނެވީ عــبـــدالــفـتّــاح السّـيـــســى ގެ ޙިމާޔަތުގައި ތެދުވެވަޑައިގެންނެވެ. إخـــوان ންގެ ސަރުކާރު ވައްޓަން އެހީވެދެއްވާ މަދަދުގާރަކަށެވެ.

މިހިތާމަވެރި ވާހަކަޔަކީ ތެދުވެރި ކޮންމެ މުސްލިމެއްގެ ދެލޮލުން ލޭކަރުނަ ހިލުވައިލާނެ ވާހަކައެކެވެ. ތެދުވެރި ކޮންމެ މުސްލިމެއްގެ ހިތް ފަޅައިގެންދާފަދަ ވާހަކައެވެ. مـــولانـــا ގެ ޙަޔާތްޕުޅުގައިވަނީ މިސުރަށާއި މިސުރުގެ ޤިޔާދަތަށް ފާޑުވިދާޅުވެފައެވެ. އެހެނީ އޭރުވެސް މިސުރުގައި ކަންހިނގަމުންދިޔައީ ފާޅުގައި ފާޑުކިޔުން ޙައްޤު ގޮތަށެވެ. ޝައްކެއްނެތެވެ. މިއަދު ގަލްފުގެ ޤައުމުތަކުގައި ހިނގަމުންމިދާ ކަންތައްތައް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހިނގިނަމަ ހިމޭނަކުން ނުހުންނެވީހެވެ.

مـــولانـــا عــلــــى مــيـــان އަކީ އިސްލާމީ ތާރީޚުގެ ފާއިތުވެގޮސްފައިވާ ބަހާރު އަލުން އެނބުރިއައުން އެދިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނުވަނީ އެތަކެއްފަހަރު ޢަރަބީންނާ ޚިޠާބުކުރައްވައިފައެވެ. عـــلاّمـــــة إقـبـــال ވިދާޅުވި ފަދައިން އެކަލޭގެފާނުވެސްވަނީ ދުނިޔޭގެ ނިޒާމު ފަހަތަށް ބުރުތަކެއް އެޅުން އެދިވަޑައިގަންނަވާކަން ފާޅުކުރައްވައިފައެވެ. مـــولانـــا ލިޔުއްވި ދުނިޔެއަށް މަޝްހޫރު ފޮތެއްކަމުގައިވާ مَــاذَاخَـسِــرَالْــعَــالَــــمْ بِــانْحِطَاطِ الْمُسْلِمِيْنَ ގައި مـــولانـــا ވަނީ މުސްލިމުންގެ ވެރިކަމުގެ ނިޒާމު އޮންނާންވީގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. މީގެ އަށްޑިހަވަރަކަށް އަހަރު ކުރީން އެކަލޭގެފާނުވަނީ އިސްލާމީ ވެރިކަމެއްގެ ރީތި ސޫރަ ޢަރަބީންނަށް ކުރައްސަވައިދެއްވައިފައެވެ. ޢަރަބި އުންމަތަށް މަސައްކަތްތެރިކަމުގެ އިންޤިލާބެއް ގެންނާން ގޮވައިލައްވައިފައެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލާން ބާރުއަޅުއްވައިފައެވެ. ވިރާސީ ވެރިކަމަށާއި ރަސްކަމަށް ތަންޤީދުކުރައްވައިފައެވެ. އެބާވަތުގެ ވެރިކަމުގެ ނިޒާމުތަކުން މިނިވަންވުމަށް މަޝްވަރާ ދެއްވައިފައެވެ. ވިދާޅުވެފައިވަނީ އެނިޒާމަކީ މިހާރު ފެތެމުންދާ އޮޑިޔެއްކަމުގައެވެ. ލިޔުއްވައިފައިވެއެވެ.

"އަމިއްލަ އެދުމާއި އަހުރެންވަންތަކަމަކީ ޚާންދާނީ ކަމެއްކަމުގައިވިޔަސް ޖަމާޢަތީ ކަމެއްކަމުގައިވިޔަސް ފަންތީގެ ކަމަކަށްވިޔަސް އެއީ ޤައުމީ ޙަޔާތަށްޓަކައި ޣައިރުޠަބީޢީ ކަމެކެވެ. ލިބޭ އެންމެ އަވަސް ފުރުސަތެއްގައި އެކަމުން ސަލާމަތްވާން ޖެހޭނެއެވެ. އެއީ އިސްލާމްދީނުގައި އެކަމަށް އެއްވެސް ޖާގައެއް އޮތްކަމެއް ނޫނެވެ. ތަޞައްރުފު ފުދިފައިވާ ހޭލުންތެރި ސޮސައިޓީއަކާ އަރާއަރަފޯދޭ ކަމެއްވެސް ނޫނެވެ. މުސްލިމުންނާއި ޢަރަބީންނާއި އެބައިމީހުންގެ ލީޑަރުންނަށާއި ވެރީންނަށްވެސް ރަނގަޅީ އެކަމުން މިންޖުވުމެވެ. އެ ނިޒާމުތަކާ ގުޅުންކަނޑައިލުމެވެ. އެންމެން ގޮވައިގެން އެ ނިޒާމު އަޑިޔަށް ފެތިދިޔުމުގެ ކުރީންނެވެ. އިރުމަތީގައިވެސް އެ ނިޒާމުތައް މިހާރު ދަތުރަށްޓަކައި ވަށިފޮށި ބަންނަނީއެވެ. އެ ނިޒާމުތަކުގެ ދަތުރުގެ ވަގުތު ކައިރިވެއްޖެއެވެ. އެ ނިޒާމުތައް މެދުއުޑުޖެހުމުގެ ނިޝާނެއްކަމުގައިވި ތަރިތައް މިހާރު އޮއްސޭންފަށައިފިއެވެ. މިއީ زيــد އާއި عــمــرو އާއި بــكــر ގެ މައްސަލައެއް ނޫނެވެ. މިއީ ތާރީޚުގެ ދައުރެއްގެ މައްސަލައެކެވެ. އެދައުރު ނިމެމުންދަނީއެވެ. މިއީ މަދަރުސާއެއްގެ ފިކުރާއި މަކުތަބެއްގެ ޚިޔާލުގެ މައްސަލައެކެވެ. އެ ޚިޔާލު ނޭވާހޮޅިޔަށް އެޅެނީއެވެ. އަދިއަދަށްދާންދެން މި ނިޒާމުތަކުން ބާރުލިބިގަނެގެން ދިރިއުޅެމުންގެންދާ މީހުން ވިސްނާންވީ މިއޮޑި މިހާރުދަނީ ފެތެމުންކަމެވެ."

"އިސްލާމީ ޢާލަމް ނުވަތަ އިސްލާމީ އުންމަތުގެ ދައުރު މިހައިތަނަކުން ނުނިމެއެވެ. އެ އުންމަތުން އިސްލާމްދީނުގެ މެސެޖު ފަތުރާން ބޭނުންކަމުގައިވާނަމަ އަދި ދުނިޔެއަށް މަގުދައްކައިދޭ އިސްވާރުކަމުގެ ވާޖިބު އަދާކުރާން ބޭނުންކަމުގައިވާނަމަ އެކަމަށްޓަކައި ޚާއްޞަ ފަންނުތަކެއް ލިބިގަންނާންޖެހެއެވެ. ބާރުތަކެއް ހޯދާންޖެހެއެވެ. ތަރުބިޔަތުތަކެއް ލިބިގަންނާންޖެހެއެވެ. މަސައްކަތްތެރިކަމާއި ސައިންސާއި ވިޔަފާރިއާއި ޢަސްކަރީ ފަންނުގައި ފުރިހަމަޔަށް ތައްޔާރުވާންޖެހެއެވެ. އިންސާނީ ޙަޔާތުގެ ހުރިހައި ދާއިރާތަކެއްގައިވެސް ހުރިހައި ބޭނުންތަކެއްގައި ހުޅަނގަށް ބަރޯސާނުވެ ފުދިގެން އުޅުމުގެ ޤާބިލުކަން ހޯދާންޖެހެއެވެ. އަމިއްލަ މުލައްދަނޑީގެ ބާރުގައި ކައިބޮއި އުނުއަނދެ އުޅެވޭވަރުވާންޖެހެއެވެ. އަމިއްލަ ޤައުމަށް ބޭނުންވާ ހަތިޔާރު އަމިއްލަ ޤައުމުގެ ފެކްޓަރީތަކުގައި އަމިއްލަޔަށް އުފެއްދުމުގެ ޤާބިލުކަން ހޯދާންޖެހެއެވެ. އަމިއްލަ ޙަޔާތުގެ މުޢާމަލާތުތަކުގެ އިންތިޒާމީ ބާރު އަމިއްލަ އަތްމައްޗަށް ގެނެވޭ ފެންވަރަށެވެ. އަޅުގަނޑުމެންގެ ބިމުގެ ބަނޑުތެރޭގައި މާތް اللّــه ލައްވައިފައިވާ ޚަޒާނާތައް އަމިއްލަޔަށް ހޯދައި އަމިއްލަޔަށް ނެރެ އޭގެ މަންފާ ލިބިގަތުމުގެ އެކަށޭނަކަށް ހޯދާންޖެހެއެވެ. އަޅުގަނޑުމެންގެ ސަރުކާރުތައް އަޅުގަނޑުމެންގެ ފައިސާއިން އަޅުގަނޑުމެންގެ މީހުންލައްވައި ހިންގާންޖެހެއެވެ. އެބައެއްގެ ވަށައިގެންވާ ކަނޑުތަކުގައި އެހެންބައެއްގެ ކަނޑުގެ ބާރުގެ އަރުމާދުތަކާއި އުދުހޭ ބޯޓުތައް އަޑުފަށްގަނޑު ލެއްވުން ހުއްޓުވައި ދުޝްމިނުންނާ މުޤާބަލާކުރުމަށްޓަކައި އަޅުގަނޑުމެންގެ ދޭސީ ހަނގުރާމަމަތީ މަނަވަރުތަކާއި އަމިއްލަ ބޮޑުބަޑިތަކާއި އެހެނިހެން ހަތިޔާރުތަކުން ފުއްދައިލުމުގެ ޤާބިލުކަން ހޯދާންޖެހެއެވެ. އަޅުގަނޑުމެން އެތެރެކުރާ މުދަލަށްވުރެ ބޭރުކުރާ މުދާ ގިނަކުރާންޖެހެއެވެ. އަޅުގަނޑުމެންނަށް އެހެން ބައެއްގެ ދިދައިގެ ދަށަށްނުވަދެ ތިބުމާއި އެހެންބައެއްގެ ކޭމްޕުގައި ބައިވެރިވާން މަޖުބޫރު ނުވުމުގެ އުރައްޕު ހޯދާންޖެހެއެވެ."

"އިސްލާމީ ދުނިޔެ ޢިލްމާއި ސިޔާސަތާއި މަސައްކަތްތެރިކަމާއި ވިޔަފާރީގައި ހުޅަނގުގެ ވަދުހޮވާހައި ދުވަހަކު ހުޅަނގުން ގެންދާނީ އިސްލާމީ އުންމަތުގެ ލޭބޮމުންނެވެ. މުސްލިމުންގެ ބިންތަކުގައިވާ އާބެޙަޔާތު ނެރެ ބޭނުންކުރަމުންނެވެ. ހުޅަނގުގެ ވިޔަފާރި މުދަލާއި އުފެއްދުންތަކުގެ ބޭނުމުގައި ކޮންމެ ދުވަހަކު އެބައިމީހުންގެ ބާޒާރުތަކުގައި އަތްފުނާއަޅައި އެބައިމީހުންގެ ޖީބުތަކަށް ކަޅިއަޅާހައި ހިނދަކު އެބައިމީހުންގެ އުފެއްދުންތަކުން އަތްސާފުކުރާހައި ދުވަހަކު އަޅުގަނޑުމެން ތިބޭނީ ހިލޭމީހުންގެ ދަށުވެފައެވެ. އަޅުގަނޑުމެންގެ ރަސްރަސްކަލުންނާއި ރައީސުންގެ އޮފީސްތަކުގެ މުހިންމު ޙައްސާސީ މަޤާމުތައް އެމީހުންގެ މީހުންނާ ޙަވާލުކުރާހައި ދުވަހަކު އަޅުގަނޑުމެންގެ ސިފައިން ތަމްރީނު ކުރުވުމަށްޓަކައި ހުޅަނގުގެ މީހުންގެ އެހީ ހޯދާހައި ދުވަހަކު އެބައިމީހުންގެ އަތުން ވިޔަފާރި މުދަލާއި ފަންނީ އުފެއްދުންތައް ގަންނަހައި ދުވަހަކު އެބައިމީހުންނާމެދު ބެލެވޭނީ އަޅުގަނޑުމެންގެ ޙާކިމުން ކަމުގައެވެ. ބެލެނިވެރީންނާއި ބަދަލުވެރީން ކަމުގައެވެ. އެބައިމީހުންގެ ޙުކުމާއި ލަފަޔާ ނުލައެއް އަތެއް ފައެއް ހަލުވައެއްވެސް ނުލެވޭނެއެވެ. ހުޅަނގާ ކުރިމަތިލުން އެއްކިބާގައި އޮއްވައި އެބައިމީހުންނާ ހަތަރުކަޅި ހަމަކޮށެއްވެސް ނުލެވޭނެއެވެ." (مــاذا خـســـر الــعــالـــــم ގެ އުރުދޫ ތަރުޖަމާ: އިންސާނީ ދުނިޔާޕަރެ މުސަލްމާނޫންކޭ ޢުރޫޖު ވަޒަވާލްކާ އަސަރު)

مـــولانـــاعــلــــى مــيـــان ވަނީ سعـــود بـــن عــبــدالـــعـــــزيـــــز އާއި، أمـيـــــرفـيـصـــل އާއި، فـهــد بـــن عــبــدالـــعـــــزيـــــز އާއި ސަޢޫދީ ސަރުކާރުގެ އެނޫންވެސް އެތައް މަސްއޫލުވެރީންތަކެއްގެ ނަންފުޅުގައި ސިޓީ ލިޔުއްވައިފައެވެ. ކުވައިތުގެ އަމީރުގެ ނަންފުޅުގައިވެސް ސިޓީ ލިޔުއްވައިފައެވެ. އިޞްލާޙުވެވަޑައިގެން ޤައުމުގެ ޙާލަތު ރަނގަޅުކުރެއްވުން އެބޭފުޅުންގެ ސަމާލުކަމަށް ގެންނަވައި ނަސޭހަތްޕުޅު އަރުއްވައިފައެވެ. مـــولانـــا ގެ އެހުރިހައި ސިޓީފުޅުތަކެއް މިހާރުވަނީ ފޮތެއްގެ ސިފައިގައި ޝާއިޢުކުރެވިފައެވެ.

مـــولانـــاأبـــوالحســن عـلــى نـــدوى މީގެ އަށްޑިހަ އަހަރު ކުރީއްސުރެ އެކަލޭގެފާނުގެ އެންމެފަހު ނޭވާފުޅާ ހަމަޔަށްވެސް މެދުކެނޑުމެއްނެތި ގެންދެވީ ޢަރަބީންނަށް ނަސޭހަތް ދެއްވަމުންނެވެ. ޢަރަބީންގެ ބަހުން އަދަބީ ބަލާޣަތުގެ މުތީތަކެއްފަދަ ޢިބާރާތްތަކުންނެވެ. ނުހަނު ހިތްދަމައިގަންނަފަދަ ބަހުރުވައަކުން ޢަރަބިވެރީންނަށް އެކަލޭގެފާނުގެ މެސެޖު ރައްދުކުރައްވަމުންނެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ. ކަންހިނގައިފައިވަނީ عـــلاّمـــــة إقـبـــال ވިދާޅުވާ ފަދައިންނެވެ.

"މާމެލާމެލީގެ ފިޔަތަކުން އަލިމަހުގެ މޭވެސް ފަޅައިލެވިދާނެއެވެ. އެކަމަކު
މޮޔަފިރިހެނަކަށް މަޑުމޮޅި އަދި ނިޔަނެތި ބަސްތަކެއްވާނީ އަސަރެއްނެތް އެއްޗެއް ކަމުގައެވެ."

(ނިމުނީ)