ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 57

1

އޮޅުވާލުމާއި ބޮޑު ދޮގެއްގެ ތެރެއިން ރަނީންގެ ހިތަށް ޒަކްވާން ފުންމާލީ އެހިސާބުންނެވެ. އެއްވެސް ކަމެއް ނޭނގޭ ހާލު ރަނީން ޒަކްވާނަށް ހިތާއި ފުރާނައިން އިތުބާރު ކުރިއެވެ.

އޭގެފަހުން ޒަކްވާން ކަންތައްކުރީ ނަހީކް ބޭނުންވި ގޮތަށެވެ. ރަނީން ގޮވައިގެން ރެސްޓޯރަންޓްތަކަށް ދާން ފެށީ ނަހީކް ބުނުމުންނެވެ. ވަކިން ކޮޓަރިއަކަށް ދާން ރަނީން ކައިރީގައި ޒަކްވާން އެދުމުން އެކަމާ ރަނީން ދެކޮޅު ހެދިއެވެ. ކައިވެނީގެ ކުރިން ވަކިން ތަންތަނުގައި ބައްދަލުކުރުމަކީ ގޯހެއްކަން ޒަކްވާނަށް ރަނީން ހަނދާން ކޮށްދިނެވެ. ކައިވެނީގެ ވާހަކަ މާގިނައިން ރަނީން ދައްކަން ފެށުމުން އަނެއްކާވެސް ރަނީން އާ ޒަކްވާން ދުރުވިއެވެ.

"ކަލޭ ތިހެން ކަންތައްކޮށްގެން ކިހިނެއް ރަނީން ޔޫސްކޮށްލެވޭނީ. އަންހެންކުދިންނަކީ ނިކަން ގިނައިން ކައިވެނިކުރާހިއްވާ ބައެއް. އަޅާނުލާ އެކަމާ. އެމީހުން އެހެން ކިޔާކިޔާ ތިބޭނީ" ޒަކްވާނަށް ނަހީކް ވިސްނައިދިނެވެ.

ހިތާފުރާނައިން ޒަކްވާންދެކެ ލޯބިވާ ރަނީންއަށް ހަމަ އެކައްޗެއްވެސް ނޭނގެއެވެ. އޭނާ ހުރީ ޒަކްވާނާ ކައިވެނި ކުރަން ބޭނުންވެފައެވެ. ޒަކްވާންގެ ރުހުން ލިބުނުހާ އަވަހަކަށް މައިންބަފައިންނާ ހަމައަށް އެވާހަކަ ގެންދާށެވެ. އެގޮތުގައި ދުވަސްތައް ވެއަތުވަމުން ދަނިކޮށް އޮފީހުގެ އަހަރީ ދުވަސް އައިސް ބޯމަތިވެއްޖެއެވެ. ހުރިހާ މުވައްޒަފުންގެ މެދުގައި ބައްދަލުވުމެއް ބޭއްވުމަށްފަހު ނިންމީ އަހަރީ ދުވަސް ކުލަގަދަކޮށް ރިސޯޓެއްގައި ފާހަގަކުރުމަށެވެ. އެއީ ނަހީކް ނިންމި ނިންމުމެކެވެ. ބޮޑުމީހާއަކީ މުޝްތާގުކަމަށް ވިޔަސް ނަހީކް ނިންމާ ނިންމުންތަކަށް އޭނާ ފާޑެއް ނުކިޔައެވެ.

އެ ދުވަހު ގެއަށް އައިގޮތަށް މައިންބަފައިންގެ ފަރާތުން ރިސޯޓަށް ދިޔުމުނަށް ހުއްދަ ރަނީން ހޯދިއެވެ. ރަނީން އެ ދަތުރުގައި ބައިވެރިވާކަން ނަހީކަށް އިނގުނީ ރިސޯޓްގައި އޮތް އިވެންޓުގައި ބައިވެރިވާ މުވައްޒަފުންގެ ލިސްޓުގައި ރަނީންގެ ނަން އަޕްޑޭޓްވެފައި އޮތްތަން ފެނިފައެވެ. އޮފިސް މުވައްޒަފުން ތިބޭ ވައިބަރ ގްރޫޕުން އެ މެސެޖް ފެނުމާއެކު ނަހީކް ޒަކްވާނަށް އެހަބަރު ދިނެވެ.

"ނުދާނަން މަށެއް. އެއީ ފޫހިގޮލައެއް. ގައިގަ އަތްލިޔަ ނުދޭ" ޒަކްވާން ބުންޏެވެ.

"ސަޅިވާނޭ ރިސޯޓް. ގަދަހަދައިފިއްޔާ ރޭޕްވެސްކޮށްލެވޭނެއްނު. ކޮންމެގޮތެއް ހަދާފަވެސް އަހަރެން ބޭނުން ތިދެމީހުން ތަތްކުރުވަން" ނަހީކް ބުންޏެވެ.

ނަހީކް އެދުނު ފަދައިން ކަންތައްކުރުމަށް ޒަކްވާން އެއްބަސްވިއެވެ. ރަނީންއަށް ދިނުމަށް ރާއްޖެއިން ބޭރުން ނަހީކް ބޭސްތަކެއް ހޯދިއެވެ.

އެހިސާބުން ނަހީކް ފުންނޭވައެއް ދޫކޮށްލިއެވެ. ކަރުތެރެ ބެދިގެން ދެފަހަރަކު ކަރުކެހިލިއެވެ. ކުރިމަތީގައި ތިބި ލޫކާއި ބަރަކް ނަހީކްގެ ކޮންމެ ހަރަކާތަކަށް ބަލަމުން ދިޔައެވެ. ނަހީކް ބަލައިލީ މޭޒުމަތީގައި ހުރި ފެންފުޅިއަށެވެ. އޭނާއަށް ބަރަކް ފެންދިނެވެ.

"ކުރިއަށްގެންދޭ" ލޫކް ބުންޏެވެ.

ފެންފުޅި މޭޒުމަތީގައި ބަހައްޓާފައި ނަހީކް އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

"އިވެންޓް އޮތް ރޭގެ އެއްރޭ ކުރިން އަހަރެމެން އެތަނަށް ގޮސްފިން. އެ ދުވަހު ކަންތައްކުރަންވީ ގޮތް އަހަރެން ޒަކްވާނަށް ކިޔައިދިނިން. ރަނީންގެ ގޮވައިގެން ޒަކްވާން ދިޔައީ ކްލަބަށް. އެތަނުން އޭނާ ރަނީންއަށް މިބުނާ ބޭސްތަކުން އެއްގުޅަ ދިން. ވަގުތުން ރަނީން ސަކަރާތްވެއްޖެ. ޒަކްވާންގެ ގައިގައި ރަނީން ލައްވުމާއެކު އަހަރެން ދުރުގައި ހުރެ އިޝާރާތް ކޮށްފިން ކޮޓަރި ހުރީ ތައްޔާރަށް ކަމަށް. ޒަކްވާން ރަނީން ގޮވައިގެން އެ ކޮޓަރިއަށް ވަތްތަނާ ރަނީން ހޭނެތިއްޖެ. އަނގައިން ހުދުކުލައިގެ ފޮނުތަކެއް އައިސް މީހާ އެއްކޮށް ހުއްޓިއްޖެ. ޒަކްވާން ބިރުން އަހަރެންނަށް ގުޅައިފި. އަހަރެން އެތަނަށް ދިޔައިރު ރަނީން އޮތީ އެނދުމަތީގައި ބާއްވާފަ. ހީވީ ނިދާލާފަ އޮތްހެން. އަހަރެން ބުނިން އޭނަ ރަނގަޅޭ. ކަލޭ ކުރިއަށް ގެންދާށޭ. އަހަރެން އެ ކޮޓަރިން ނިކުތީ ޒަކްވާނަށް 'ގުޑް ލަކް' ވެސް ކިޔާފަ. އެކަމަކު ކަންތައްތައްވީ އަހަރެން ހީކުރި ގޮތަކަށް ނޫން. އަހަރެންނަށް ހުރިހާ ކަމެއް އިނގުނީ އަނެއް ދުވަހު އިރުއެރިތަނާ ރަނީން އަހަރެންނަށް ގުޅީމަ. ޒަކްވާން ކަންތައް ކުރިގޮތް އަހަރެންނަށް ރަނީން ކިޔައިދިން. އަދި މައްސަލަ ގެންދެވޭނެ އެންމެ މައްޗަކަށް ގެންދާނެ ކަމަށް ބުނި. އަހަރެން ބުނިން ރަނީން ކައިރީގަ ޒަކްވާނަށް އަދި އެއް ފުރުސަތު ދޭށޭ. ޒަކްވާން ހަގީގަތުގައިވެސް ރަނީންދެކެ ލޯބިވެޔޭ. އޭނަ އެގޮތަށް ކަންތައްކުރީ ލޯބިވާވަރުންނޭ. ރަނީންގެ ސިކުނޑިން ޒަކްވާނާ ދެކޮޅު ވިސްނުންތައް ނެރެން އަހަރެން ސައްވިސްގަޑިއިރު ބޭނުންވި. އޭރު ޒަކްވާން މާކުރިން ފުރައިގެން މާލެ އަތުވެއްޖެ. އަހަރެންނަށް ޒަކްވާން ބައްދަލުވީ ގެއަށް އައި ފަހުން. ކަންތައްވީ ގޮތް އަހަރެން ޒަކްވާން ކައިރީގައި އެހިން. ޒަކްވާން ބުނީ އޭނާ އަންހެނަކާއެކު އެއްވެސްކަމެއް ކުރަން ބޭނުންނުވީޔޯ. އެހެންވެ އަޅާނުލާ އޭނާ ނިދީ ކަމަށް. ހޭލެވުނީ އޭނާގެ ގައިގައި މީހަކު ތަޅާތީއޯ. ޒަކްވާން ބުނި ތިމަންނަ ރަނީން ކައިރީގައި ބުނީމޭ ގޯސްކަމެއް އޭނާ ނުކުރާ ކަމަށް. އެ ހިސާބުން އަހަރެންނަށް އެނގިއްޖެ އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް ޒަކްވާނާ އަންހެނަކު ތަތްނުކުރެވޭނެކަން. އަހަރެން އެ ވިސްނުން ދޫކޮށްލީ. ފަހުން ޒަކްވާންވެސް ރަނީން އާ ދުރުކަމެއް ބަހައްޓަން ފެށީ. އޭގެފަހުން ގާތްގަނޑަކަށް ހަފްތާއެއްވެސް ނުވާނެ. ޒަކްވާންގެ ހަގީގަތް ރަނީންއަށް ފަޅާއަރައިފި. އަހަރެންގެ ކެބިންތެރޭގައި ޒަކްވާނާ ފިރިހެނަކާއެކު ވީޑިޔޯ ކޯލެއް ކޮށްގެން ދެއްކި ވަރަށް ހަޑި ވާހަކަތަކެއް ރަނީންއަށް އަޑު އިވުނީ. އެދުވަހު ރަނީން ވަރަށް ހޮޑުލި. އަދި ވަރަށް ރުއި. އަހަރެން ދުވަހަކުވެސް ނުދެކެން އެ އަންހެން ކުއްޖާ އެހާ ރުޅިއައިސްފައި ހުއްޓާ. ރަނީން ހުރީ މުޅި އޮފީސްތެރެއަށް ޒަކްވާން ބޭޒާރުކުރަން ތައްޔާރަށް. ރަނީންއަށް ހުރިހާ ކަމެއް ފަޅާއެރީމަ އަހަރެންނަށްވެސް ނޭނގުނު ޒަކްވާންގެ ކުށެއް ނެތްކަން އަންގައިދޭން ރަނީން ކައިރީގައި ދައްކާނެ ވާހަކައެއް. އެކަމަކު ޒަކްވާނަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް ވީތީ އެންމެންގެ ތެރޭގައި ބޭޒާރުވާން އަހަރެން ބޭނުމެއް ނުވި. އެހެންވެ އަހަރެން ޒަކްވާނާ އެވާހަކަ ވަރަށް ސީރިޔަސްކޮށް ދެއްކިން. އަހަރެން ގެއަށް އައިސް ޒަކްވާން ކައިރީގައި ބުނިން ވަރަށް ގިނަ އަދަދެއްގެ ފައިސާ ރަނީންއަށް ދޭށޭ. އޭނަ އަނގަ ބަންދުކޮށްގެން ނޫނީ ސަލާމަތެއް ނެތޭ. ޒަކްވާން ހިނިގަނޑެއް ޖެހީ. އޭނަ ގަބޫލެއް ނުކުރި. އެކަން ސާބިތުކުރަން ރަނީން ދައްކާނެ އެއްވެސް ހެއްކެއް ކޮބާހޭ ޒަކްވާން އެހި. އެކަމަކު އަހަރެން އެކަން ގަބޫލެއް ނުކުރަން. ރަނީންއަކީ މީގެކުރިން އޮފީހަށް ވަދެފިއްޔާ އަނގަމަތީ ޓޭޕްއަޅައިގެން އިންނަ ކުއްޖެއް. ކުއްލިއަކަށް އެކަހަލަ ވާހަކައެއް ރަނީން ދައްކާނީ އެކަމުގައި ކޮންމެސް ހަގީގަތެއް އޮވެގެންކަން އަހަރެން ބުނިން. އަހަރެން ޒަކްވާނަށް ވިސްނައިދިނިން ކޮންމެ ކަމެއް މަޖަލަކަށް ނުނަގަން. އެރޭ އަހަރެން ކައިރީގައި ޒަކްވާން ބުނި އޭނަ ވިސްނާފަ ގޮތެއް ނިންމާނަމޭ. އޭރު އަހަރެންނަށް ނޭނގޭ އޭނަ ނިންމާނީ ކޮންގޮތަކަށް ކަމެއް. ދެ ދުވަސް ފާއިތުވެ ދިޔަފަހުން ޒަކްވާން ބުނެފި ރަނީންއަށް އޭނާ މީހަކާ ދައްކާފަ ހުރި ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއް ލިބުނީ ކިހިނެއްހޭ. ވަރަށް ހާސްވެފަ ހުރީ. އެ ހިސާބުން އަހަރެންނަށް އިނގިއްޖެ ރަނީން އާ ޒަކްވާނާ ދެމެދު ޒުވާބެއް ހިނގައިފިކަން. ރަނީން މަރާލަން ޒަކްވާން ނިންމީ އެދުވަހު. އޭނާގެ ވިސްނުން ބަދަލުކުރަން އަހަރެން މަސައްކަތް ކުރިން. އެކަމަކު އެއްގޮތަކަށްވެސް ގަބޫލެއްނުވި. އޭނާ ހުރިހާ ތައްޔާރީއެއްވި. ހަގީގަތުގަ އަހަރެން ހުރީ ވަރަށް ބިރުން. ގޭދޮށުގަ އޮތް ޑްރަގްސް ނަގާ ގްރޫޕަކަށް ރުފިޔާތަކެއް ދީގެން އެ މީހުން އަތުން ވަރަށް ނުލަފާ ވައްތަރެއްގެ ބޭހެއް ހޯދި. އަދި އިންޖެކްޝަނެއްވެސް ހޯދި. އަހަރެން އެހީމަ ބުނި އެއީ އޭރު އޭނާ ހިތާވެގެން އުޅުނު ގެސްޓް ފިރިހެނެއް ދިން އިންޖެކްޝަނެކޭ. ނަންވެސް ބުނި. މިހާރު އަހަރެން ހަނދާނެއް ނެތް. އެ ހުރިހާ ކަމެއް ތައްޔާރުކޮށްފަ އޭނާ އަހަރެން ކައިރީގައި ބުނީ ޖެހިގެން އައި ރެއަށް ތައްޔާރުވާން. އަނެއް ދުވަހު ފުރައިގެންދާން ޓިކެޓްވެސް ނަގާފަ އޮތީ."

"އެއީ އޮފީސް ފުޓްބޯޅަ މުބާރާތް ފެށިތާ ދެވަނައަށްވީ ރޭ. ކުޑަކޮށް ވިއްސާރަ ރެއެއް. ރަނީންއަށް ޒަކްވާން ގުޅާފަ ބުނިކަމަށް ވަނީ ހޭއަރުވާލާނަމޭ. އެހެންވެ ޖެހިލުންވެގެން ކަންނޭނގެ ރަނީން އެރޭ މެޗު ކުޅޭ ތަނަކަށް ނުދޭ. ރޭގަނޑު ދިހައެއްޖަހައި ބޮޑުވިފަހުން ތަންކޮޅެއް ގަދައަށް ވިއްސާރަކުރި. އަހަރެމެން ދެމީހުން އެގެއަށް ދާން ކާރުގަ ނައްޓާލީ ރަނީންގެ މަންމައާއި އަހަރެންގެ ބައްޕަ ނިދާހާއިރުކޮށްފަ. ޒަކްވާން އެގޭތެރެއަށް ވަނީމަ އަހަރެން ކާރުތެރޭގަ އިނީ. އެތެރޭގައި ވީ ކިއްކަމެއް އަހަރެންނަށް އިނގުނީ އެކަމެއް ނިންމާފައި ކާރުގައި އަހަރެމެން އޮފީހަށް ދިޔަ މަގުމަތީގައި ޒަކްވާން ކިޔައިދިނީމަ. ޒަކްވާން ބުނީ ރަނީންއަށް ވަރަށް އަނިޔާކުރީމޭ. ދޮރުނުހުޅުވަން ވަރަށް މަސައްކަތްކުރިއޭ. ގޭދޮރު ތަޅުލާފަ ހުރީމަ އޭނަ އަރަންޖެހުނީ ބެލްކަނީގަ ހުރި ހޮޅިއަކުންނޭ. ވާރޭ ވެހި ހޮޅި ތެމިފަ ހުރީމަ ކައްސާލައިގެން ވެއްޓި ފަޔަށް އަނިޔާވި ވާހަކަވެސް ބުނި. އަދި ބުނި ރަނީން ވަރަށް އާދޭސްކުރިއޭ. އެކަމަކު އޭނާއަށް އެކަން ކާމިޔާބުވިއްޔޭ. އިންޖެކްޝަން ޖެހިތާ މާގިނަ އިރެއްނުވެ އެކަން ނިމިއްޖޭ. އޭނަ ދަންޖެހުނު ގޮތް މީހުންނަށް ދައްކަންވެގެން ކުރި މަސައްކަތްވެސް ދިޔައީ ވަރަށް ފައްކާކޮށޭ. އޭނަގެ ފޯނު ހަވާލިއިރު އަޔާލް ކިޔާ މީހަކަށް ވަރަށް މެސެޖްކޮށްފަ އޮތޭ. ޒަކްވާން ހުރީ ވަރަށް މަޖާވެފަ. ހުރިހާ މެސެޖްތަކެއް އޭނާ ޑިލީޓްކުރީ. ފަހުން އަހަރެމެން އޮފީހުގަ ތިބެ ވަރަށް މަޖާނެގިން. އަހަރެން ދެރަވި. ވަރަށް ދެރަވި. އެއީ އަހަރެންގެ ރިދާ އާ ނުލާހިކު ވައްތަރު ކުއްޖެއް. އެކަމަކު... ޒޭވާ... ޒޭވާ އެންމެންތެރޭގަ ބަސްޓްވާކަށް ބޭނުމެއްނޫން. ޒަކްވާން ކުރިން ރާވާފައިވާ ގޮތަށް އޭނާ ފުރައިފި. ފަހުން އެވާހަކަ ފޯނުން އަހަރެން ޒަކްވާނާ ދެއްކި ވާހަކަތައް އޮފީހުގަ އުޅޭ ރޫބިޔާ ކިޔާ މަސައްކަތު މީހަކަށް އިވުނީ. އެއީ ވަރަށް ނުލަފާ މީހެއް. އޭނަ އަހަރެންނަށް ބިރުދައްކަންފެށީ. ނަސީބު ރަނގަޅުކަމުން އަހަރެން އަތުގަވެސް ރޫބިޔާގެ ވަރަށް ބާރުހުރި ހެއްކެއް އޮތް. އޭނަ ފިރިހެނަކާއެކުވެގެން އިނދެގެން އުޅުނު މީހާއަށް ސިހުރުހަދާ މަރާލަން އުޅޭކަމަށް ދެއްކި ވާހަކަތަކާ ވީޑިޔޯތަކާ އެކުގަ. ފަހުން ދެމީހުން ތިބީ ދެމީހުން ޝަރުތުކުރިގޮތަށް ކަންކަން ކޮށްގެން. އެގޭ އަންހެންކުއްޖަކާ އަހަރެން އިނީ ރޫބިޔާ އަނގަ މައިތިރިކޮށްގެން ހުންނާނަމޭ ބުނީމަ. އެކަމަކު އެހެނެއްނުވި. މިހުރިހާކަމެއް މިވީ ރޫބިޔާ އާ ހެދި. އެއީވެސް ހައްޔަރުކުރަންޖެހޭ މީހެއް. ރަނީންގެ މަރުގެ ހަގީގަތް ފެށުނިއްސުރެވެސް ރޫބިޔާއަށް އިނގޭ. މިކަމުގަ އަހަރެންނާ ރޫބިޔާ ވާންޖެހޭނީ ހަމަހަމަ" ފަހު ޖުމްލައާއެކު ނަހީކްގެ އަޑު ކޮންމެސްވަރަކަށް ރުޅިވެރިކަމަށް ބަދަލުވިއެވެ.

"ދެން ކިހިނެއް ޒަހީރުއަށް މިކަމެއް އިނގިގެން އެކަން އޮއްބާލަން ފައިސާތަކެއް ހަދަރުކުރީ؟ އެކަން ނަހީކަށް އިނގޭތަ؟" ލޫކް އެހިއެވެ.

"އެރެއަށްފަހު އޭނައަށް ހަމަޖެހުމެއް ނުލިބޭ. އޭނައަށް ހުވަފެނުގަވެސް ފެންނަނީ ރަނީން. ނަފްސާނީގޮތުން އަސަރުކުރީ. އެންމެފަހުން އަންކަލް ވަރަށް އަހައިގެން ކިޔައިދިނީ. އަންކަލްއަށްވެސް ވީ އަހަރެންނަށް ވިހެން. އެކުށުން ޒަކްވާން ސަލާމަތްކުރަން އަންކަލް ބޭނުންވީ"

ނަހީކްގެ ފަރާތުން ބޭނުންވި ހުރިހާ މައުލޫމާތުތަކެއް ލިބުނުއިރު ހަ ގަނޑު ފުރާ ބޮޑު ބަޔާނެއް ތައްޔާރުކުރެވިއްޖެއެވެ. ތަހުގީގަށް ނަހީކްގެ ދިން މައުލޫމާތުތަކުން އެކަނިވެސް ވަރަށް ބޮޑު ބައެއް ފޫބެއްދިއްޖެއެވެ. ދެން އޮތީ ޒަކްވާންގެ އަނގަ ހުޅުވުމެވެ.

ހަފްތާއެއްހާ ދުވަސް ރިސޯޓުގައި ހޭދަކުރުމަށްފަހު މާލެ އައިރު ދެމަފިރިންގެ މޫނުމަތިން ދުވަހަކުވެސް ނުފެންނަ އުޖާލާކަމެއް ފެންނަން ހުއްޓެވެ. އަޔާލްގެ ގެއަށް ދިޔުމުގެ ކުރިން މައިންބަފައިންނާ ބައްދަލުކުރަން ރިންދާ ގޮވައިގެން އަޔާލް އައީ ރިންދާގެ ގެއަށެވެ. ކައިވެންޏަށްފަހު އަންހެނާ އެއްކޮށް ފިރިމީހާގެ ބާރުގެދަށަށް ދިޔަސް މައިމީހާ ވާނީ މައިމީހާއަށެވެ. ރިންދާގެ މާބޮޑު އާއިލާއެއް ނެތްއިރު އެއްވެސް އުފަލަކުން ރިންދާ މަހުރޫމްކުރަން އަޔާލް ބޭނުމެއްނުވެއެވެ.

އެތެރެއަށް ވަދެގެން އައި ރިންދާ ފެނުމާއެކު ކާމޭޒު ކައިރީގައި އިން ނަހާ ފުންމައިގެން ތެދުވެއްޖެއެވެ. އޭނާއަށް ރިންދާ އާ ދިމާލަށް ދެވުނު ގޮތެއްވެސް ނޭނގެއެވެ. ރިންދާގެ ގައިގައި ނަހާ ބައްދާލިއިރު ނަހާގެ ދެލޮލުގެ އަރިމަތިން ކަރުނަތިއްކެއް ވެއްޓިއްޖެއެވެ. ކޮޓަރިން ނިކުތް ޝާހްބާޒަށް އެމަންޒަރު ފެނުމުން އައިސް ރިންދާގެ ބޮލުގައި ފިރުމާލިއެވެ. އަދި ރިންދާގެ ކައިރީގައި ކޮޅަށް ހުރި އަޔާލްއަށް ހިނިތުންވުމެއް ދިނެވެ.

"މަންމަ ރިދާ މަތިން ވަރަށް ހަނދާންވި" ރިންދާ ގޮވައިގެން ގޮސް ކާމޭޒު ކައިރީގައި ބައިންދަމުން ނަހާ ބުންޏެވެ. ރިންދާ ހިނިތުންވެލިއެވެ. ނަހާގެ ދެއަތުގައި ރިންދާ ބޮސްދިނެވެ. ރިންދާ ކައިރީގައި ނެތުމުން ނަހާއަށް ކުރާނެ އަސަރު ރިންދާއަށް އަންދާޒާކުރެވެއެވެ.

"އަޅުގަނޑުމެން ރަނގަޅޭ މަންމާ. ﷲ އިރާދަކުރެވިއްޔާ ކުރިއަށް އޮތްތަނުގައިވެސް ރަނގަޅުވާނެ. ދޯ ޔާލް" ރިންދާ ބުންޏެވެ. އަޔާލް ބޯޖަހާލިއެވެ. ނަހާ ހިތާހިތުން ﷲ ޙަމްދުކުރިއެވެ. އޭނާ ދެކެން ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުން ރިންދާގެ ފަރާތުން ފެނިއްޖެއެވެ. އުފާވެރިކަމުގެ ނަޒަރެއް އޭނާ ބަދަލުކޮށްލީ ދިމާލަށް އިން ޝާހްބާޒާއެވެ.

ހުކުރު ދުވަހެކެވެ. ބަދިގޭގައި ކައްކަން އުޅުނު ސަމީހާގެ ކައިރީގައި ރިންދާވެސް އުޅުނެވެ. ޖިލްވާއަށް ހޮޑުލެވޭތީ އެއްވެސް މަސައްކަތެއްގައި ޖިލްވާ ބައިވެރިނުކުރެއެވެ. އެހެންނަމަވެސް އެންމެންނާއެކު ސަކަރާތުގައި ބައިވެރިވާން ޖިލްވާ މޭޒުކައިރީގައި އިނެވެ. އަންހެންވެރިންގެ މަސައްކަތުގައި ބައިވެރިނުވެ ސޯފާގައި ފޮތަކާ ގަލަމަކާ ހިފައިގެން ސަނާ އޮތެވެ. ބަދިގެއިން ނިކުމެވޭ ހުސްބިމުގައި ސަމީހާ އިންދަން ތައްޔާރުކޮށްފައި ހުރި މިރުސް ގަސްތަކުގެ ފަސްގަނޑު އެއްވަރުކުރުމަށް އުޅުނު ރާޝިދު ބަދިގެއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބަގަތެވެ. ހެއްދެވިފަރާތުގެ ނަން ދުލުން ނަންގަނެވުނުއިރު އެއްކަރުނަތިކި ދެ ކަރުނަތިއްކަށް ބަދަލުވެއްޖެއެވެ. އަނބިމީހާއާއެކު ދެ ފިރިހެންދަރިންގެ އަނބިން ސަކަރާތުގައި ތިބި މަންޒަރު ބަލަންވީ ދެލޮލަށް ލިބުނު ފަރުވާއެކަށެވެ. ގައިބާރުދެރަވެ މުސްކުޅި ދުވަހު އޭނާއަށް ކާފަ ކިޔަންއުޅޭ ކަމުގެ އުފާވެރި ހަބަރުވެސް ލިބިއްޖެއެވެ. އޭނާ އެކަލާނގެއަށް ދެންނެވި ހުރިހާކަމެއް ހިންމަވައިދެއްވައިފިއެވެ. އުފާވެރިކަމުގެ ކޮޅެއްނެތެވެ.

ރާޝިދުގެ ތިންބަފައިން ހުކުރަށްފަހު ގޭތެރެއަށް ވަދެގެން އައިރު އަންހެންވެރިންގެ މުރާލިކަމާއި ހަލުވިކަން ކާމޭޒުމަތިން ފެންނަން ހުއްޓެވެ. ފުރިޖު ކައިރީގައި ހުރި ރިންދާއަށް އަޔާލް އެއްލޯ މަރާލީ އެއްވެސް މީހަކު ނުބަލާ ހުރި ވަގުތެއްގައެވެ. ރިންދާ ދެލޯ އަޅާލިގޮތުން އަޔާލްއަށް ހެވުނެވެ.

"ބޭބީ ރަނގަޅުތަ؟" މޭޒު ކައިރީގައި އިށީނުމުގެ ކުރިން ޖިލްވާގެ ކޯތާފަތުގައި ބަރަކް ފިރުމާލިއެވެ. ކިރިޔާ އުފުލިލާފައިވާ ޖިލްވާގެ ބަނޑުގައި ފިރުމާލިއެވެ. ޖިލްވާ ބޯޖަހާލައި ހިނިތުންވެލި ގޮތުން ހުރިހާކަމެއް އެވަގުތަށް ރަނގަޅުކަން ބަރަކަށް އިނގުނެވެ.

"ދަރިފުޅުގެ މަންމަގެ ހާލެއް ބަލާލިންތަ؟" ކެއުން ކުރިއަށްދިޔަ ވަގުތު ރާޝިދު އެހިއެވެ.

"މަންމަ ރަނގަޅު. މަންމަ ބަންދުކޮށްފައި ހުރި ސްޓޭޝަނުން މައުލޫމާތުދޭ ގޮތުގަ މަންމަގެ އުޅުމަށް ވަރަށް ބަދަލުގެނެސްފި. އެތަނަށް ޑިޔުޓީއަށްދާ އަންހެން އޮފިސަރެއް މެދުވެރިކޮށް ދީނީ ކަންތައްތައް ދަސްކުރަނީއޯ މިހާރު" ބަރަކް އޮޅުންފިލުވައިދިނެވެ.

"މައްސަލަ އޮތީ ކިހާ ހިސާބެއްގަ" ކެތްމަދުވެފައި ހުރި ރިންދާ އެހިއެވެ. ރިންދާ އެބުނީ ކޮން މައްސަލައެއްގެ ވާހަކަން ބަރަކަށް އިނގުނެވެ.

"ނަހީކްގެ މައްޗަށް ކުރެވެނީ މީހަކު މަރާލަން ބައިވެރިވުމުގެ ދައުވާ. ޒަކްވާން ވާހަކަ ނުދައްކައިގެން ދުވަސްތަކެއް ބޭކާރުވެއްޖެ. އެކަމަކު މިހާރު އޭނަވެސް ދައުވާއަށް އިއުތިރާފްވެއްޖެ. ފެށޭ ހަފްތާގައި އެ ހުރިހާ މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވަން ކުރަންޖެހޭ ކަންކަން މިހާރު ކުރިއަށްދަނީ" ބަރަކް އޮޅުންފިލުވައިދިނެވެ.

"އެ ނަހީކް އެތަނުގަވެސް ދާދާ ވެގެން ދޯ އުޅެނީ. ޔަގީން ޖަލުގެ ރައީސްކަން ހޯދައިގެންކަން މިހާރު ހުންނާނީ" ރިންދާ ބުންޏެވެ. އޭނާގެ އަޑުގައިވީ ފޫހިކަމެވެ.

"ނޫނޭ. ގޮޅިއަށް ވަދެވޭ ހިސާބުން ކޮންމެ މީހަކަށްވެސް ބަދަލުތަކެއް އަންނާނެ. މަންމައަށްވިހެން ނަހީކްވެސް ހުރީ ބަދަލުވެފަ. މިހާރު ހުންނަނީވެސް މުޅި އިސްތަށިގަނޑު އެއްކޮށް ބާލާފަ. އެތަނުގެ ޑިއުޓީ ކުދިން ކައިރީގަ ބުނި ކަމަށްވަނީ އޭނާގެ ބޮލުގަ ދެން ފަޅާނީ ޠާހިރު އިސްތަށިކަމަށް. ވަކީލެއްވެސް ބޭނުންނުވާކަމަށް ބުނީ" ބަރަކް ވާހަކަދެއްކިއެވެ.

"އަދި ވަރަށް މަޖާ ވާހަކައެއް ބުނަންތަ؟" ބަރަކް ބުންޏެވެ. ހުރިހާމީހުންގެ ސަމާލުކަން ބަރަކަށް ހުއްޓުނެވެ.

"ނަހީކްގެ ދުލުގަ ނޯވޭ އެހެން ނަމެއް. ރިދާ.... ރިދާ..... ތިމަންނަ ސަލާމަތްވެގެން ގޮސް ރިދާ އާ އިންނާނަމޭ... ބައެއްފަހަރު ކިޔާ އެއްޗެހިން ހިނިވެސްއާދޭ" ބަރަކް ބުންޏެވެ. ރިންދާ މޫނު ހަދާލިއެވެ. އިތުރަށް ނަހީކްގެ ވާހަކަދައްކަން ބޭނުންނުވާކަމަށް ބުންޏެވެ. ރިންދާ އަނގައަށް ހަދާލި ގޮތް ފެނި އަޔާލްއަށް ހެވުނެވެ.

އެއް އަހަރު ފަސް

ޑޮކްޓަރު ކޮޓަރިން ނިކުތުމާއެކު އަޔާލް ރިންދާ އޮތް އެނދު ކައިރިއަށް ޖެހިލިއެވެ. ދެލޯ މެރިފައި އޮތް ރިންދާއަށް ލޯބިން ފުރިގެންވީ ބެލުމަކުން އަޔާލް ބަލައިލިއެވެ. އެއް އަތް އުފުލާލާފައި ރިންދާގެ މޫނުގައި އަޔާލް ފިރުމައިލިއެވެ. އެހިނދު ލަސްލަހުން ރިންދާ އެސްފިޔަތައް އުފުލާލިއެވެ. ދާދި ކައިރިން އަޔާލްގެ މޫނު ފެނުމާއެކު ރިންދާގެ ހިތަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި ހިނިތުންވުމެކެވެ.

"އަދި ކުޑައިރުކޮޅެއް ފައިޓްކޮށްލަދީ ބޭބީ" އަޔާލް ބުންޏެވެ. ރިންދާ ބޯޖަހާލިއެވެ.

"ޑޮކްޓަރު އައިތަ؟ އެއްޗެއް ބުނިތަ؟" ރިންދާ އެހިއެވެ.

"ސިޒޭރިއަންއަކަށް ދާން ބުނީ. ބޭބީ ކަރުގަ ފޫޅު އޮޅިފަޔޯ. އެމީހުން ބޭނުންނުވޭ ވިއްސާކަށް" ރިންދާއަށް އަޔާލް އޮޅުންފިލުވައިދިނެވެ. ރިންދާގެ މޫނުމަތިން ކޮންމެސް ވަރަކަށް ނުތަނަވަސްކަމެއް އަޔާލްއަށް ފެނިލިއެވެ. އެހިނދު ރިންދާގެ މަގަތުން އަޔާލް އިށީނެވެ.

"ބިރުގަތީތަ؟" އަޔާލް އެހިއެވެ.

"ކުޑަކޮށް..." ރިންދާ ބުންޏެވެ. "ވިލީ ބުނި ކުޑަކޮށް ބިރުގަންނާނޭ. އެކަމަކު ބޭބީ ރޯލާ އަޑު އިވުނީމަ އެއްވެސްކަމެއް މަތިން ހަނދާން ނުހުންނާނެޔޭ. ވަރަށް އިންތިޒާރުކުރެވޭ ބޭބީ އުފަންވާނެ ވަގުތަކަށް. ޖިލްވެސް ހަމަ ސިޒޭރިއަންއަކަށްނު ދިޔައީ" ރިންދާ ވާހަކަދެއްކިއެވެ.

"އެކަމަކު އަހަރެން ވައްދާއިރު ހުރިހާމީހުން ތިބެން ބޭނުން. ހުރިހާމީހުންގެ މޫނު ބަލަން ބޭނުން. ފަހަރެއްގަ އަހަރެންގެ ފަހު...."

ރިންދާއަށް އެޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އަޔާލްގެ އިނގިލި އެކަމަށް ހުރަސް އަޅައިފިއެވެ.

"ވާނެގޮތެއް އެކަކަށްވެސް ނޭނގޭ. އެންމެފަހު ވަގުތާ ހަމައަށްވެސް އަހަރެންނާއެކު ރިދާ ވާނެ. އަދި ރިދާއާއެކު އަހަރެން.... ﷲ އިރާދަކުރެއްވިއްޔާ މުޅި އުމުރަށް. އަދި ޖަންނަތުގައިވެސް" އަޔާލް ބުންޏެވެ.

ރިންދާއާއި އަޔާލްގެ އަންހެންދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އަޔާލްއަށް އުފަލުން ރޮވިއްޖެއެވެ. ބައްޕައަށް އަކަށް ވާނއުޅޭއިރު ކުރެވޭ އިހުސާސާއި ބައްޕައަކަށް ވުމަށްފަހު ކުރެވުނު އިހުސާސް އޭނާ އަމިއްލައަށް އަޅާކިޔާލިއެވެ. ދުވަހަކުވެސް އޭނާއަށް ނުކުރެވޭ އިހުސާސް ދަރިފުޅު އަތްމައްޗަށްލި ހިނދު ކުރެވިއްޖެއެވެ. ހުދު ދޮން ކުލައެއްގައި ފުއްގަނޑެއް ފަދައިން ކުރުގެޅިގެން އޮތް ތުއްތު ފުރާނައަށް ކަޅިޖަހާވެސްނުލާ އަޔާލް ބަލަހައްޓައިގެން ހުއްޓެވެ. އެތައް ފަހަރަކު އަމިއްލަ ހިތާ ސުވާލުކުރެވުނެވެ. މާތްﷲ އަޅާއަށް މިދެއްވި އުފާވެރިކަމުގެ ބަދަލު އަޅާއަށް އެކަލާނގެއަށް އަދާކުރެވިދާނެ ހެއްޔެވެ؟ ނަރުސްކުއްޖާ އަތަށް ދަރިފުޅު ދީފައި ދެލޮލުން ފޭދިފައިވާ ކަރުނަތައް އަޔާލް ފޮހެލިއެވެ. ދެން ނަރުސްކުއްޖާއާއެކު ރިންދާ އޮތް ތަނަށް ވަދެގެން ދިޔައެވެ.

އާއިލާ ހުރިހާމީހުންނަށް އެއްފަހަރާ ރިންދާ ކައިރިއަށް އާދެވުނީ ދުވަހުގެ ހަވީރު ވަގުތުގައެވެ. ރިންދާ އާ އެންމެ ކައިރީގައި ހުރީ ނަހާއެވެ. ހައިބް ދުވެލާފައި އެދިޔަގޮތަށް މަޑުކޮށްލީ ކުޑައެނދު ކައިރިއަށެވެ. ފުރަތަމަ ފަހަރަށް މާމައަކަށްވުމުން ނަހާ ހުރީ އިންތިހާއަށް ހިތްހަމަޖެހިފައެވެ. އެންމެބޮޑު ހިތްހަމަޖެހުމެއް އޭނާއަށް ލިބުނީ ރިންދާގެ ދަރިފުޅަށް 'ރަނީން' ގެ ނަމުން ނަން ކިޔަން ނިންމުމުންނެވެ. ވަކިވަކިން ކޮންމެ މީހަކަށް ރިންދާ ޝުކުރުއަދާކުރިއެވެ. ބަރަކްގެ ދެމަފިރިންނާއި ކުޑަކުޑަ ބައްރާ އެވެ. ލައިދުއާއި ވިލިނީ އަދި ކުޑަދރިފުޅު ލިނަމްއަށެވެ. އެ އެންމެންނަކީ މާބަނޑު ދުވަސްވަރުން ފެށިގެން ޅަދަރިމައެއްގެ ދޮރާށިން އެތެރެވާން ކުރި އެދަތުރުގައި އޭނާއަށް އެންމެ އެހީތެރިކަން ފޯރުކޮށްދިން މީހުނެވެ. ހާއްސަކޮށް އަޔާލްއެވެ. އެންމެ ވަގުތުކޮޅަކަށްވެސް ރިންދާ އެކަނިވާން ދުރުކޮށެއް ނުލައެވެ.

ރިންދާ އެދުނު ހުރިހާ އެދުމެއް މިއަދު ފުރިހަމަވެއްޖެއެވެ. އެންމެ ލޯބިވާ ކޮއްކޮގެ ގާތިލުން މިހާރުވެސް އެދަނީ އަދަބުގެ ދުވަސްތައް ގުނަމުންނެވެ. އުފާވެރި އާއިލާއަކާއި އޯގާތެރި ފިރިއެކެވެ. އޭނާގެ އާއިލާ ފުރިހަމަކޮށްދިނީ ކުޑަކުޑަ ދަރިފުޅެވެ. މިއަދު އޭނާއަށް މަދުވާ އެއްވެސް އެއްޗެއް ނެތެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެކަމެއްގެ ފަހަތުގައި ރަނގަޅު ސަބަބެއް އޮވެގެންނެވެ. ޅަ އުމުރުގައި ރަނީން އެގޮތަށް ބައެއްގެ އަތްދަށުވެ ދުނިޔެއަށް އަލްވަދާއު ކިޔަންޖެހުން އެއީ އެކަލާނގެ އިރާދަފުޅުގައި ހުރިގޮތެވެ. އެކަމުގައިވެސް ކޮންމެވެސް ހިކްމަތެއް ވާނެކަން ކަށަވަރެވެ.

"މާތްﷲ ރަންނިގެ ފާފަތައް ފުއްސަވާ ސުވަރުގޭގެ އެންމެމަތީ ދަރަޖަ މިންވަރު ކުރައްވާށި..." ހިތާހިތުން ރިންދާ ދުއާކޮށްލިއެވެ.

"ރަނީން....." އަޔާލް ނިކަން ބާރަށް ގޮވާލިއެވެ. ޖަޒުބާތުގެ އޮއިވަރުގައިޖެހި ބެހެމުންދިޔަ ރިންދާއާއި ނަހާ ހަމަބިމަށް ގެނުވީ އަޔާލްގެ އަޑުންނެވެ. ހުރިހާ މީހުން އެއްފަހަރާ އަޔާލްއަށް ބަލައިލިއެވެ. އަޔާލް ހިނިތުންވެލިގޮތުން އެއްވެސްކަމެއް ގޯސްނުވާކަން ރިންދާއަށް އިނގުނެވެ.

ކުޑައެނދުގައި އޮތް ދރިފުޅު އަޔާލްގެ އަތްމައްޗަށް އުފުލާލިއެވެ. މޫނާ ދަރިފުޅުގެ މޫނު ކައިރިކޮށްލާފައި ދަރިފުޅުގެ ނިތުގައި ބޮސްދިނެވެ. ދެން ހިނގާލާފައި އައިސް ދަރިފުޅު ބެއްވީ ރިންދާގެ މަގަތުން އިށީނދެގެން އިން ނަހާގެ އުނގުގައެވެ.

"މަންމަގެ ލޯމަތިން ބީވެގެންދިޔަ އަންހެން ދަރިފުޅުގެ ބަދަލުގަ އެކަލާނގެ މަންމައަށް ތިވަނީ އަންހެންދަރިއަކު ދެއްވާފަ. ތިއީ މަންމަގެ ރަނީން" އެވަގުތުކޮޅު އެއީ ނަހާގެ ހިތަށް ވަރަށް އަސަރުކުރި ވަގުތުކޮޅެކެވެ. ކަރުނަތަކުން ބަރާވެފައިވާ ދެލޮލުން އޭނާ މާމަދަރިފުޅަށް ބަލައިލިއެވެ. އެހިނދު ފަޅިސިކުންތަކަށް ނަމަވެސް މާމަދަރިފުޅުގެ މޫނުމަތިން ރަނީންގެ މޫނު ސިފަވިހެން ހީވިއެވެ. އެމަންޒަރު ފެނުމުން އަޔާލް ރިންދާ އާ ގާތަށް ޖެހިލިއެވެ. ރިންދާގެ ކައިރިން އިށީނދެފައި ކޮނޑުގައި ހިފާލާފައި ގަޔާ ކައިރިކޮށްލިއެވެ. އަނެއް އަތުން ރިންދާގެ އަތްތިލަ އުފުލާލާފައި ބޮސްދިނެވެ.

"ތެންކިޔު... އަހަރެމެންގެ މަންމައަށް ރަނީން ހޯދައިދިނީމަ...." ރިންދާ ބަލައިލުމާއެކު އަޔާލް ބުންޏެވެ. ރިންދާ ހީލިއެވެ. ރަނީން ގޮވައިގެން ހިނިތުންވެފައި އިން ނަހާއަށް ބަލަހައްޓައިގެން ތިބިއިރު ރިންދާއާއި އަޔާލްގެ ދެލޮލޮގެ ތެރެއިން އުފާވެރިކަމުގެ ކަރުނައެއްގެ ވިދުން ހަނާއަޅަމުން ދިޔައެވެ.

-ނިމުނީ-