ވޯލްޑް ކަޕްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަގުތު ފާއިތުވަމުންދިޔަކަން އެނގުނު ކަމަށް ފުރަތަމަ ވޯލްޑް ކަޕް ގޯލަށްފަހު ޕޮލެންޑް ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް، އުމުރުން 34 އަހަރުގެ ލެވަންޑޯސްކީއަށް ވޯލްޑް ކަޕް 2018 އާއެކު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ހަތަރު މެޗުން ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އޭނާއަށް ވޯލްޑް ކަޕެއްގައި ގޯލެއް ކާމިޔާބު ކުރެވިފައިވަނީ "ގްރޫޕު ސީ" ގައި އިއްޔެ ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅެ، 2-0ގެ ނަތީޖާއަކުން ޕޮލެންޑް މޮޅުވި މެޗުގައެވެ. މެޗަށްފަހު ލެވަންޑޯސްކީ ފެނުނީ އުފަލުން ފެންކަޅިވެފައި ހުރި މަންޒަރެވެ.
"އަހަރެންނަށް އެނގޭ މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕަށް ވެދާނެކަން. އަހަރެން ގައުމީ ސަލާމް ކިޔަމުންދިޔަ އިރުވެސް، އެ އިހުސާސްތައް ހިތު ތެރޭގައި ހުރި. އަހަރެން ވޯލްޑް ކަޕްގެ ހަނދާން އާކުރަން ބޭނުންވަނީ ހަމައެކަނި މުބާރާތުގައި ބައިވެރިވެލައިގެންނެއް ނޫން، ގޯލުތަކެއްވެސް ޖަހައިގެން. އަހަރެން ގޯލެއް ޖެހުމަށް ވަރަށް މަސައްކަތް ކުރިން، އަދި މިހާރު މިވަނީ އެކަން ހާސިލުވެފައި،" މެޗަށްފަހު ފެންކަޅިވެ ހުރެ ލެވަންޑޯސްކީ ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ޕޮލެންޑް ކުޅުނު ފުރަތަމަ މެޗުގައިވެސް ލެވަންޑޯސްކީއަށް ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެކްސިކޯއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ލިބުނު ޕެނަލްޓީ، ލެވަންޑޯސްކީ އަތުން ވަނީ ނާކާމިޔާބުވެފައެވެ. އެ ޕެނަލްޓީ، މެކްސިކޯގެ ކީޕަރު ގިލޭމޯ އޮޗޮއާ މަތަކުރި އިރު، މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ގޯލުގެ އިތުރުންވެސް ލެވަންޑޯސްކީއަށް ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެއް ސައުދީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވި އިރު، އޭނާގެ ހަމަލާއެއް ސައުދީ ކީޕަރު މުހައްމަދު އަލް އޮވައިސް މަތަކޮށްފައިވެސް ވެއެވެ.
އެ މެޗުގައި ޕޮލެންޑުން ޖެހި ފުރަތަމަ ގޯލަކީ ލެވަންޑޯސްކީ ދިން ބޯޅައަކުން ޕިއޮޓާ ޒީލިންސްކީ ޖެހި ގޯލެކެވެ. އަދި އޭގެ ފަހުން ލެވަންޑޯސްކީ ޖެހި ގޯލާއެކު އޭނާ ވެގެންގޮސްފައި ވަނީ 1982 ވަނަ އަހަރު ޖަނޫޒް ކުޕްޗެވީޒް އަށްފަހު ވޯލްޑް ކަޕް މެޗެއްގައި ގޯލަކާއި އެސިސްޓެއް ހެދި ފުރަތަމަ ޕޮލެންޑް ކުޅުންތެރިޔާއަށެވެ.
ޕޮލެންޑަށް ގަދަ 16ގެ ޖާގައެއް ކަށަވަރުކުރުމަށް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި އަންނަ ބުދަ ދުވަހު ޕޮލެންޑް ނުކުންނަން ޖެހޭނީ ލިއޮނެލް މެސީގެ އާޖެންޓީނާއާ ދެކޮޅަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022