ވޯލްޑް ކަޕްގެ "ގްރޫޕު ސީ" ގައި ޕޮލެންޑް އަތުން ސައުދީ އަރަބިއާއަށް ލިބުނު ބައްޔާއެކު އޭނާގެ މަންމައަށް މާޔޫސްކަން ގެނެވިފައިވާ ކަމަށް ކޯޗު ހާވޭ ރެނާޑް ބުނެފިއެވެ.
ޕޮލެންޑާ ދެކޮޅަށް ސައުދީން ނުކުތީ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ވަރުގަދަ އާޖެންޓީނާ ބަލިކޮށް، މުޅި ދުނިޔެއަށް ސިހުމެއް ގެނުވައިފައެވެ. ސައުދީން އާޖެންޓީނާ ބަލިކުރި މެޗު، ސައުދީގެ ކޯޗު ރެނާޑްގެ މަންމަ ބަލާފައިވަނީ ގަތަރުގެ ލުސައިލް ސްޓޭޑިއަމުންނެވެ. އެއީ އޭނާގެ މަންމަ ވޯލްޑް ކަޕްގެ މެޗެއް ބަލަން ދަނޑަށް ވަތް ފުރަތަމަ ފަހަރެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ތަފާތު ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރެނާޑް، ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބުނެފައިވަނީ އޭނާގެ މައިންބަފައިންނަކީ ޕޮލެންޑް ރައްޔިތުންނަށްވުމުން، އުމުރުން 80 އަހަރުގެ މަންމައަށް އެ މެޗަކީ ހާއްސަ މެޗެއް ކަމަށާއި ނަމަވެސް މަންމަ މެޗު ބަލާނީ ސައުދީގެ ގައުމީ ޖާޒީގައި ކަމަށެވެ.
"އަހަރެންނަށް ހީވަނީ މަންމަ، ހަފުތާއަކު ދެތިން މެޗު ބަލާހެން. އަހަރެންގެ މަންމަ ފުޓުބޯޅައަށް ވަރަށް ލޯބިކުރާނެ. އަދި އާޖެންޓީނާ އަތުން މޮޅެއް ހޯދުމުން މަންމަ ހުރީ ވަރަށް އުފަލުން،" އާޖެންޓީނާ ބަލިކުރި މެޗަށްފަހު އުމުރުން 54 އަހަރުގެ ރެނާޑް ބުންޏެވެ.
އާޖެންޓީނާ އަތުން ސައުދީއަށް ބޮޑު މޮޅެއް ހޯދުނު ނަމަވެސް އިއްޔެ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ސައުދީ ވަނީ ބަލިވެފައެވެ. އެ މެޗުގައި ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް އަދި ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީގެ ފުރަތަމަ ވޯލްޑް ކަޕް ގޯލު ފެނިގެންދިޔައެވެ. އެ މެޗަށްފަހު ރެނާޑް ވަނީ އޭނާގެ މަންމަ، އެ ނަތީޖާއާ މެދު ހިތާމަކުރާނެކަން ފާހަގަކޮށްފައެވެ.
"މި ނަތީޖާއާ މެދު މަންމަ ހިތާމަކުރާނެ. އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެންގެ މަންމަ ގާތުގައި ބުނާނަން، އަދި މަންމަ އަހަރެންނަށް އަބަދުވެސް ދޭ ނަސޭހަތް ތަކުރާރުކުރާނަން. އެއީ ގަދައަޅާ މަސައްކަތްކުރާށޭ، ފުރުސަތު ލިބޭނެއޭ. މަންމަގެ ކިބައިން މައާފަށްވެސް އެދެން،" މެޗަށްފަހު ކޯޗު ރެނޭޑް ބުންޏެވެ.
ޕޮލެންޑް އަތުން ބަލިވި ނަމަވެސް، ގަދަ 16ގެ ޖާގައެއް ހޯދުމުގެ ފުރުސަތު ސައުދީއަށް އަދިވެސް އެބަ އޮތެވެ. "ގްރޫޕު ސީ" ގެ އެއްވަނައިގައި މިވަގުތު އޮތީ ޕޮލެންޑެވެ. އެ ޓީމަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ސައުދީ އަދި އާޖެންޓީނާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް މެކްސިކޯއަށް ލިބިފައިވަނީ ޕޮއިންޓެކެވެ.
ސައުދީން ގްރޫޕުގެ ފަހު މެޗުގައި ނުކުންނަން ޖެހޭނީ މެކްސިކޯއާ ދެކޮޅަށެވެ. އަންނަ ބުދަ ދުވަހު ކުޅޭ އެ މެޗަކީ ގަދަ 16 ގެ ޖާގައެއް ހޯދުމަށް ސައުދީއަށް މުހިންމު މެޗެކެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022