ދުނިޔެ

އަދުގެ ދުނިޔެ: މެލޭޝިޔާގެ ލީޑަރުންނަށް އެންމެ މޮޅުގޮތަކީ އަންވަރަށް ފުރުސަތުދީގެން ކެތްތެރިވެގެން ތިބުމެވެ.

އިމާދު ލަތީފު

1

އަންވަރު އިބްރާހީމް އެންމެފަހުން މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވައިފިއެވެ. އެއީ މެލޭޝިއާގެ ތާރީޚުގައި ދިހަ ވަނަ ބޮޑުވަޒީރެވެ. މިހިސާބަށް އަންވަރު ކުރެއްވި ދަތުރަކީ ވަރަށްވެސް އާދަޔާޚިލާފު ދަތުރެކެވެ. ވަރަށްވެސް އަޑިގުޑަން، ވަރަށްވެސް ދިގު ދަތުރެކެވެ. އެއްދުވަސްވަރެއްގައި އޭނާ ހުންނެވީ ބޮޑުވަޒީރުގެ އޮފީހުގެ ދޮރުމަތީގައެވެ. މަގާމާ ހަވާލުވެވަޑައިގަތުމުގެ ފޮނި އިންތިޒާރެއްގައެވެ. އަނެއްދުވަސްވަރެއްގައި އޮންނެވީ ސިޔާސީ ހަޔާތް ނިމިއްޖެކަމުގެ މާޔޫސްކަމާއެކު ޖަލުގެ ގޮޅިއެއްގައެވެ. އުމުރުފުޅުން މިހާރު 75 އަހަރުވީ އަންވަރު ވެރިކަމުގެ ހުވައިކުރެއްވީ ބުރާސްފަތިދުވަހު ހެނދުނު ރަސްގެފާނު އަބްދު ﷲ ބިން ސުލްތާން އަހުމަދު ޝާހުގެ ކުރިފުޅުމަތީގައެވެ. ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު ރަސްގެފާނުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައެވެ.

މަގާމު ހޯއްދެވުމަށް ކުރެެއްވި ތިރީސްއަހަރަށްވުރެ ދިގު ދަތުރު ނިމިއްޖެއެވެ. އެދަތުރުގެ ހަލަބޮލިކަން އެންމެނަށްވެސް އޮތީ ފެނިފައެވެ. ހަމައެގޮތަށް މަގާމުގައި ހުންނަވައިގެން ކުރައްވަން އޮތް ދަތުރުވެސް ވަރަށް ހަލަބޮލިވާނެއެވެ. ފެނުންމަތީގައި އަންވަރުގެ އޮޑިއަށް ހިފަހައްޓައިލެވޭނީ ކިހާދުވަހަކަށްތޯ މިހާރުވެސް ވަނީ ސުވާލު އުފެދިފައެވެ. އަންވަރުގެ ސަރުކާރަކީ އަޣުލަބިއްޔަތު އޮތް ސަރުކާރެއް ނޫނެވެ. މިމަހު މެލޭޝިޔާގައި ބޭއްވުނު އާއްމު އިންތިޚާބުގައި އެއްވެސް ބަޔަކަށް އަޣުލަބިއްޔަތެއް ނުލިބެއެވެ. ޕާލަމެންޓުގެ 222 ގޮނޑީގެ ތެރެއިން އަޣުލަބިއްޔަތަކީ މަދުވެގެން 112 ގޮނޑިއެވެ. އަންވަރުގެ ޕަކާޓަން ހަރަޕަން ކޯލިޝަނަށް ލިބިފައިވަނީ 82 ގޮނޑިއެވެ. އެހެންވީމާ އެއީ ބޮޑުތަނުންވެސް މައިނޯރިޓީ ސަރުކާރެކެވެ.

އިންތިޚާބުގެ ނަތީޖާ ސާފުވުމަށްފަހު ވާނުވާގައި ހަތަރުފަސްދުވަހެއް ހޭދަވެގެން ދިޔައެވެ. ސަރުކާރެއް އެކުލަވައިލާނީ ކާކުކަމާއި ކިހިނެއްކަން ނޭނގިގެންނެވެ. މެލޭޝިއާގެ ތާރީޚުގައި މިފަހަރުނޫނީ އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނެތްގޮތަކަށް ޕާލަމެންޓެއް ނުހޮވެއެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީނު ޔާސީންގެ ޕެރިކަޓަން ނެސިނަލް ކޯލިޝަނަށެވެ. އެވެސް އެންމެ 73 ގޮނޑިއެވެ. އެހެންވީމާ ސަރުކާރެއް އެލުލަވައިލުމުގެ ވިސްނުންފުޅެއް ގެންގުޅުއްވީ މުހުޔިއްދީނު ޔާސީންއާއި އަންވަރު އިބްރާހީމެވެ. މިކަމަށްޓަކައި ކުދިކުދި ޕާޓީތަކާއި ކުދިކުދި ކޯލިޝަންތަކާއެކު މިދެބޭފުޅުންވެސް ގެންދެވީ މަޝްވަރާ ކުރައްވަމުންނެވެ. އަދި މި އިންތިޚާބުގައި ތިންވަނަޔަށް އެންމެ ގިނަ ގޮނޑި ހޯދި އަމްނޯއާވެސް ގެންދެވީ މަޝްވަރާ ކުރައްވަމުންނެވެ.އަމްނޯގެ ޖުމްލަޔަކީ 30 ގޮނޑިއެވެ.

ފަރުދާގެ ފުރަގަހުގައި ކުރިއަށް ގެންދެވި މަޝްވަރާތަކުން އެއްވެސް ބޭފުޅަކަށް ރަނގަޅު ނަތީޖާއެއް ނުހޯއްދެވުނެވެ. ކުދިކުދި ޕާޓީތަކުގެ އެދުންތަކާއި ޝަރުތުތައް އެމީހުންގެ ސައިޒަށްވުރެ ބޮޑުކަމުންނެވެ. ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތަކީ ރަސްގެފާނުގެ އިޚުތިޔާރުގައި އޮންނަ ކަމެކެވެ. ޕާލަމެންޓަށް އިންތިޚާބުވި ހުރިހާ މެންބަރުންނާ ބައްދަލުކުރައްވައި ޚިޔާލުހުރިނެތްގޮތް ބެއްލެވުމަށްފަހު ރަސްގެފާނަށް ގަބޫލުފުޅު ކުރެއްވުނީ ސަރުކާރެއް އެކުލަވައިލެވޭވަރުގެ ތާއީދެއް އޮތީ އަންވަރު އިބްރާހީމަށް ކަމުގައެވެ. އެހެންވީމާ އެ ފުރުސަތު އަންވަރަށް ދެއްވީއެވެ. އެ ފުރުސަތު ލިބިވަޑައިގަތުމާއެކު މަގާމުގެ ހުވައި ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގެންނެވީއެވެ. އަންވަރަށް ދެންއޮތީ އޭނާއަށް ޕާލަމެންޓްގެ ކޮންޓްރޯލް އޮތްކަމާއި ގައުމާއިގެން ކުރިއަށް ވަޑައިގެންނެވޭނޭކަން ސާބިތުކޮށް ދެއްވުމެވެ.

ޕާލަމެންޓުގައި އަންވަރަށް އަޣުލަބިއްޔަތު އޮތަސް ނެތަސް، މެލޭޝިޔާއަށް މިވަގުތު ބޭނުންވަނީ އަންވަރު ކަހަލަ ބޭފުޅެކެވެ. ހުރިހާ ނަސްލުތަކެއް އެކުވެރި ކުރައްވައި އެންމެންނާއިގެން ކުރިއަށް ވަޑައިގަތުމުގެ ސާފު އެޖެންޑާއެއް ގެންގުޅުއްވަނީ އޭނާއެވެ. ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ވިސްނުމާއި ތަޖުރިބާ ހުރިކަމަށް ފެންނަނީވެސް އަންވަރުގެ ކިބައިގައެވެ. އަންވަރަށް ވަގުތުދީގެން ކެތްތެރިވެގެން ތިބުމަކީ މިވަގުތު އިދިކޮޅު ޕާޓީތަކަށް ލާޒިމުކަމެކެވެ. އެހެންނޫނީ ސިޔާސީ ހަމަނުޖެހުންތައް އާއްމުވެ ފުންވެގެންވާ އަނދަވަޅެއްގެ ތެރެއަށް ގައުމު ވެއްޓިދާނެއެވެ. އެކަމުގެ ބިރުވެރިކަން ނުހަނު ބޮޑެވެ. މުހުޔިއްދީނު ޔާސީންމެން އިސްމާއީލް ސަބުރީމެންގެ ކިބައިގައި މިކެތްތެރިކަން ހުރިނެތް މިންވަރު ކުރިއަށްއޮތް ދުވަސްތަކުގައި ފެންނާނެއެވެ.

އަންވަރު އިބްރާހީމްގެ ސިޔާސީ ހަރަކާތްތައް ފެށުނީ މީގެ 51 އަހަރު ކުރިން 1971 ވަނަ އަހަރުއެވެ. ރަށްފުށުގެ ހިސާބުތަކުން ފަގީރުކަން ނައްތައިލުމުގެ ޕްރޮގްރާމެއް ހިންގުމަށް ސަރުކާރަށް ގޮވައިލުމުގެ ހަރަކާތްތަކުގެ ތެރެއިންނެވެ. އަންވަރަކީ އޭރު ޔުނިވަރސިޓީ ދަރިވަރެކެވެ. އަންވަރުގެ ހިތްވަރާއި އަޒުމް ފެނިވަޑައިގެންފައި އަމްނޯއާ ގުޅިވަޑައިގަތުމަށް އޭނާއަށް ދައުވަތު ދެއްވީ އޭރުގެ ބޮޑުވަޒީރު ޑރ މަހާތީރު މުހައްމަދެވެ. އޭގެފަހުން އަމްނޯގެ ތެރޭގައި އަންވަރުގެ ކުރިއެރުން ނުހަނު އަވަހެވެ. އޭގެ ނަތީޖާ ތާރީޚުން ފެންނާން އެއޮތީއެވެ. އަންވަރަށް ދެފަހަރުމަތިން ޖުމްލަ ދިހަ އަހަރު ޖަލުގައި އޮންނަވާންވެސް ޖެހިވަޑައިގެންނެވިއެވެ. އޭނާގެ ޝަޚުސު ކަތިލުމަށް ހިންގުނު ލައްކަ ގިނަކަންކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއީ މިހާރު މާޟީއެވެ.