ޚަބަރު

ކާނި ހޮޓަލްސްއިން އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަނީ

މުހައްމަދު އިޝާން

އއ. އުކުޅަހުގައި ކާނި ހޮޓަލްސް އެންޓް ޓުއާސްއިން 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ނިންމައިފިއެވެ.

އުކުޅަހުގެ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމްއެވެ. ކާނި ހޮޓަލްސް އެންޑް ޓުއާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ)އެވެ.

އުކުޅަހުގައި ކާނި ހޮޓަލްސްއިން ހަދަން ނިންމާފައިވަނީ 250 އެނދު ހުންނަ 10 ބުރީގެ ހޮޓަލެކެވެ. އެ ހޮޓާ ހަދަނީ 8،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައެވެ.

ކައުންސިލްގެ ރައީސް ޝައުކަތު "ވަން" އަށް މިރޭ ވިދާޅުވީ، ކާނި ހޮޓަލްސްއިން އެ ރަށުގައި ކުރާ އިންވެސްޓްމެންޓުގެ ޖުމްލަ އަގަކީ 100 މިލިއަން ރުފިޔާ ކަމަށެވެ. ސިޓީ ހޮޓަލް ހެދުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށައި ދެ އަހަރު ތެރޭގައި ނިންމާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޝައުކަތު ވިދާޅުވިއެވެ.

ކާނި ހޮޓަލްސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބިމު ކުލީގެ ގޮތުގައި މަހަކު 160،000 ރުފިޔާ އަދި ސީއެސްއާރް ގޮތުގައި އަހަރަކު 300،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އިއުއިޒިޝަން ކޮސްޓުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ކައުންސިލަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ރަށުގައި މިހާރު ހުރީ އެންމެ ތިން ވަރަށް ކުޑަ ތިން ގެސްޓްހައުސް، އެހެންވެ އިންޓަނޭޝަނަލް މާކެޓިން ނޯވޭ. މިހާރު މި ކާނި ހޮޓަލްސްގެ އިންވެސްޓުމެންޓާ އެކު މިރަށް އިންޓަނޭޝަނަލީ މާކެޓް ވެގެންދާނެ. ރަށުގެ ރައްޔިތުންނަށް ވަޒީފާ ވެސް ލިބިގެންދާނެ. ޓޫރިޒަމާ ގުޅުންހުރި އެހެން ވިޔަފާރިތައް މި ދެންނެވީ ކަންމަތީ ފިހާރަތަށް ވެސް ކުރިއަރައިގެންދާނެ،" ޝައުކަތު ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވީ ކާނި ހޮޓަލްސް ފަދަ ލޯކަލް ޓޫރިޒަމްގައި ވަރުގަދަ ބްރޭންޑެއް އުކުޅަހުގައި އިންވެސްޓް ކުރަން ނިންމުމަކީ އެ ރަށަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި ރަށުގެ ހުރިހާ ރައްޔިތުން ވެސް އެ އިންވެސްޓްމެންޓް ބަލައިގަންނަ ކަމަށް ޝައުކަތު ވިދާޅުވިއެވެ.

ކާނި ހޮޓަލްސްއިން މިހާރު ވެސް އަންނަނީ ކ. މާފުށިގައި މަތީ ފަންތީގެ ހަތަރު ގެސްޓް ހައުސްއެއް ހިންގަމުންނެވެ. މާލޭގައި 26 އެނދުގެ ގެސްޓްހައުސްއެއް ވެސް ހިންގައެވެ.