ޚަބަރު

މަރާމާތަށްފަހު އަނަންތަރާ ވެލި އަންނަ މަހު ހުޅުވަނީ

މަރާމާތަށް ބަންދުކޮށްފައި އޮތް އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓު އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ވީއައިއޭއިން ފުރައިގެން ސްޕީޑް ބޯޓެއްގައި 30 ހަމަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ވެލިގަނޑުހުރާގައި ތަރައްގީކޮށްފައިވާ އަނަންތަރާ ވެލި މޯލްޑިވްސް އަކީ ބޮޑެތި މީހުންނަށް އެކަނި ހާއްސަކޮށްފައިވާ ރިސޯޓެވެ. މި ރިސޯޓު އަންނަ މަހުގެ އެކެއްގައި އަލުން ހުޅުވާ އިރު، ރިސޯޓަށް ވަނީ މުޅިން އާ ޓޮޕް ރޫމް ކެޓަގަރީއަކާއި އަލަށް ޑިޒައިންކޮށްފައިވާ ރެސްޓޯރެންޓްތަކާއި ސްޕާތައް އިތުރުކޮށްފައެވެ.

އެގޮތުން މި ރިސޯޓުގައި ޖުމްލަ 67 ވިލާއެއް ހުންނަ އިރު، އަލަށް އިތުރުކުރި ޓޮޕް ރޫމް ކެޓަގަރީގައި 1،590 އަކަމީޓަރުގެ ބީޗް ޕޫލް ވިލާތަކެއް ހިިމެނޭނެއެވެ. އޭގެ ހަ ވިލާ ހުންނަ އިރު، ކޮންމެ ވިލާއެއްގައި ވެސް އެ ވިލާއަކަށް ހާއްސަ ޑެޑިކޭޓެޑް ވިލާ ހޯސްޓެއް ހުރެއެވެ. އަދި މުޅިން އާ ވެލްނެސް ކޮންސެޕްޓަކަށް، ވެލްނެސް ވިލާތަކެއްވެސް ތަރައްގީކޮށްފައިވާ އިރު، މި ވެލްނެސް ވިލާތަކުގައި ލައިޓް، ސައުންޑް އަދި ސެންޓް ތެރަޕީ އާއި އަޔޫރްވެދިކް ސްޕާގެ ހިދުމަތާ އެކު ވެލްނެސް މިނީބާ ހުންނާނެއެވެ.

އޭގެ އިތުރުންވެސް އެރިސޯޓުން ލަގްޒަރީ ސްކިންކެއާ ބްރޭންޑެއް ކަމަށްވާ "މެރޮކް މެރޮކް" އާ ގުޅިގެން މެހުމާނުންނަށް ހަމާމް ޓްރީޓްމަންޓްތައް ތައާރަފުކޮށްފައިވާ އިރު. ޖެނިފާ އެނިސްޓަން އާއި ވިކްޓޯރިއާ ބެކަމް ފަދަ މަޝްހޫރު ފަރާތްތައް ގަޔާވާ 111 ސްކިންގެ އުފެއްދުންތައް ވެސް ތަޖުރިބާ ކޮށްލެވޭނެއެވެ.

ރިސޯޓުން އަލަށް ޑިޒައިން ކުރި އާ ރެސްޓޯރެންޓް "ކުމިން" އިން އިންޑިއާގެ ކެއުންތައް ލިބެން ހުންނަ އިރު، ޒަމާނީ ފެންވަރަށް މަރާމާތުކޮށްފައިވާ ޖަޕާނުގެ އޮރިގަމީ ރެސްޓޯރެންޓާއި ބީޗުގައި "ދޯނި ބާ" ނަމުގައި ތަރައްގީކޮށްފައިވާ ބާއެއްވެސް ހުރެ އެވެ.

ރިސޯޓުގެ ކެއުންތަކަށް ބޭނުންކުރާ ތަރުކާރީ ހެއްދުމަށް ހައިޑްރޯފޮނިކް ފާމެއްވެސް މި ރިސޯޓުގައި ވަނީ ގާއިމުކޮށްފައެވެ. މިއީ ރާއްޖޭގައި މިހާރު ހުރި މިފަދަ އެންމެ ވަރުގަދަ އޮންސައިޓް ހައިޑްރޯޕޮނިކް ފާމް ކަމަށް ރިސޯޓުން ބުނެއެވެ. އެ ފާމްގައި ހައްދާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ތަފާތު ވައްތަރުގެ ލެޓިއުސް، ޓޮމާޓޯ، މައިކްރޯ-ގްރީންސް، ފަތްޕިލާވެލި، އަދި ކެޕްސިކަމްއެވެ.