ދިވެހި ފުލުހުންގެ ތެރެއިން އިންޓަޕޮލްގައި މަސައްކަތް ކުރާ ފުރަތަމަ ފުލުހަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިލްވާން ޝަރީފު ހަމަޖައްސައިފިއެވެ.
ރިލްވާން، ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޮލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ތިން އަހަރު ދުވަހު މަސައްކަތް ކުރަން ޖެހޭނެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޮލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި މަސައްކަތް ކުރުމަށް ރިލްވާން ހަމަޖައްސައި މިއަދު އެކަމުގެ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.
އިންޓަޕޯލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭނާ މަސައްކަތް ކުރަން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ދިވެހި ފުލުހަކު އިންޓަޕޮލްގައި މަސައްކަތްކުރުމަކީ ބައިނަލްއަގުވާމީ ފުލުހުންގެ އެއްބާރުލުމާއި ބައިނަލްއަގުވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އަޒުމް ދައްކުވައިދޭ ކަމެއް ކަމަށެވެ.