ދިވެހިންނަކީ އެންމެ ފަހުގެ ފޯނު ހިފައިގެން އެންމެ ހަލުވި ނެޓްވޯކް ބޭނުން ކުރަމުން އަންނަ ފަހުރުވެރި ބައެކެވެ. ގިނަ ދިވެހިން އަތުގައި އައިފޯން 14 މިހާރު އޮންނާނެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާވެސް ފަހުގެ ފޯނެއް ހޯދާނަމަ ލިބެން އޮންނާނީ ހަމަ އެ ފޯނެވެ. ދިވެހިންނަކީ ފަހުގެ ފޯނާއި ފަހުގެ ޓެކްނޮލޮޖީއަށް ފަރިތަ ބައެކެވެ.
ޒަމާން ބަދަލުވެ ކުރިން ފޮނުވަމުންދިޔަ އެންމެ އާދައިގެ އެސްއެމްއެސް އާއި ފޯނުކޯލު މިހާރު ބޭނުން ކުރަނީ ވިޔަފާރިތައް އިޝްތިހާރު ކުރުމަށާއި މައުލޫމާތު ފެތުރުމަށް ފޮނުވާ ބޭކާރު އެއްޗެއްގެ ގޮތުގައެވެ. އެސްއެމްއެސް ނުވަތަ ޓެކްސްޓް މެސެޖެއް އަތުވެއްޖެ ނަމަ ގިނަފަހަރަށް ވަަނީ ފޯނަށް އަންނަ ކޯޑަކަށް ނުވަތަ އޮޕަރޭޓަރު ފޮނުވާ އިޝްތިހާރުގެ މެސެޖަކަށެވެ. ދޭދޭ ފަރުދުންގެ މެދުގައި ކުރިން ފޮނުވި އެސްއެމްއެސް ނުވަތަ ޓެކްސްޓް މެސެޖް މިހާރު ފޮނުވަނީ ނިސްބަތުން އެންމެ 5 ޕަސެންޓް މީހުންނެވެ. ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މިއަދު ގިނަ މީހުން ކުރަނީ ވީޑިއޯ ކޯލްތަކެވެ. ފޮނުވަނީ ވީޑިއޯ ނުވަތަ ފޮޓޯ ހިމެނޭ މެސެޖްތަކެވެ. ކުރިން ވީޑިއޯ ކޯލެއް ކޮށްލުމަކީ ވަރަށްވެސް ބޮޑު ކަމެކެވެ. ނެޓްވޯކްތައް ހަލުއިވެ އެންމެ ފަހުގެ ފޯނުތަކާއި އެކު މިހާރު ގިނަ މީހުން ކުރާ ކަމަކީ ވީޑިއޯ ކޯލް ކުރުމެވެ.
ސުނެޕްޗެޓް، ވަޓްސްއެޕް އަދި ވައިބަރ ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުންވެސް ވީޑިއޯ ކޯލު ކުރަމުން އަންނައިރު ފޭސްބުކް އަދި އިންސްޓަގްރާމްގައިވެސް ވީޑިއޯ ކޯލް ކުރެވޭ ގޮތަށް ހުރުމުން މިހާރު އެންމެ ފަސޭހައިން ކުރާ ކަމަކީ އެއީއެވެ. އެހެން ނަމަވެސް ސުވާލަކީ އެ ކޮށްލާ ވީޑިއޯ ކޯލްތަކުގެ ރިސްކް އޮތީ ކިހާވަރަށް ތޯއެވެ.؟ ފަހަކަށް އައިސް ރާއްޖޭގެ މަޝްހޫރު މީހުންނާއި ސިޔާސީ ގިނަ ބަޔަކު ކޮށްފައިވާ ވީޑިއޯ ކޯލްތަކުގެ ވީޑިއޯ ދަނީ ދައުރުވަމުންނެވެ. ލަދުވެތި އެ ވީޑިއޯތަކުގެ ސަބަބުން ލަދުގަންނާނެ ގިނަބަޔަކު ތިބޭނެއެވެ. ބަރީއަވަމޭ ބުނި ނަމަވެސް ފުދޭ ވަރަށް ހެކިނެތިގެން މައްސަލަ ފައިލް ކުރިނަމަވެސް އެ ވީޑިއޯތައް އެހުރީ ފެންނާށެވެ. އިންޓަނެޓާއި ކުލައުޑް ތަކުގައި އެ ވީޑިއޯ ތަކާއި ފޮޓޯތައް ނުފޮހެވި ތާއަބަދަށް ހުންނާނެއެވެ.
ސުނެޕްޗެޓް ބޭނުން ކުރާ މީހުން ދެކޭ ގޮތުގައި އެޕްލިކޭޝަން މެދުވެރިކޮށް ފޮނުވާ ވީޑިއޯ އާއި ފޮޓޯ އަކީ ރައްކާތެރި އެއްޗެކެވެ. އެ ފޮޓޯއާއި ވީޑިއޯ ސޭވެއް ނުކުރެވޭނެއެވެ. ނުވަތަ ސުކުރީން ޝޮޓެއް ނެގިޔަސް އެނގޭނެއެވެ. އެހެންކަމުން ވީޑިއޯ ކޯލްތައްވެސް ސުނެޕްޗެޓް ބޭނުން ކޮށްގެން ޖެހުނުހާ މީހަކަށް ދަނީ ކުރަމުންނެވެ. ޖެއްސުން ކުރުމަށާއި ގޮތްނޭނގޭ މީހުންނަށްވެސް ވީޑިއޯ ކޯލް ކޮށް ބަދުއަހުލާގީ މަންޒަރު ފޮނުވާފަހަރުވެސް މަދެއްނޫނެވެ. ސުނެޕްޗެޓްވެސް އަދި އެހެން އެޕްލިކޭޝަންތަކުން ވީޑިއޯ ކޯލް ކުރިއަސް މާބޮޑު ރައްކާތެރިކަމެއް ނުލިބެއެވެ.
އެ ވީޑިއޯ ރެކޯޑް ކުރެވޭނެ ގޮތްތައް ވަރަށްވެސް ގިނައެވެ. ސްކުރީން ރެކޯޑް ކުރެވޭ އެޕްލިކޭޝަންތައްވެސް ހުރީ މަދެއްކޮށެއް ނޫނެވެ. އަދި އެފަދަ އެޕްލިކޭޝަންތައް ފޯނަށް އަޅައިގެން އެކަން ކުރާ މީހުންވެސް ވަރަށް ގިނައެވެ. ކުރީންވެސް ބުނިފަދައިން ދިވެހީންނަކީ ޓެކްނޮލޮޖީއަށް ފަރިތަ ބައެކެވެ.
އެހެން ކަމުން ވީޑިއޯ ކޯލްކޮށްގެން ބަރަހަނާ ވުމަކީ ހެދޭނެ އެންމެ ބޮޑު ގޯހެވެ. ކިތަންމެ އިތުބާރު ކުރާ މީހަކަށްވެސް ވީޑިއޯ ކޯލްކޮށްގެން ކުރަންނުވާނެ ކަމަކީ އެއީ އެވެ. ރިސްކް އޮތީމައެވެ. ވީޑިއޯ ކޯލެއް ކުރުމަކުން ގޯހެއް ނެތެވެ. އެކަމަކު ވީޑިއޯ ކޯލުގައި ބަރަހަނާ ވުމަކީ ޕަބްލިކްގައި އޮރިޔާންވުން ފަދަ ކަމެއްކަން ދަންނާށެވެ.