އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބް އަބްދުﷲ، އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި ބަދަލުގެ ގޮތުގައި 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް ހައިކޯޓުން ކުރި އަމުރާ އެއްގޮތަށް އެ ފައިސާ އޭނާއަށް ދީފައިނުވާތީ، ތިން ދުވަސް ތެރޭ އެ ފައިސާ ދެއްކުމަށް ސީއެސްސީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މުސްއަބު މަގާމުން ވަކިކުރީ ސީއެސްސީން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށްފަހު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ މައްސަަލަ ސީއެސްސީއަށް 2020 ވަނަ ހުށަހެޅުމުން އެ އަހަރު އެ ކޮމިޝަނުން ނިންމީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
ސީއެސްސީގެ ނިންމުން މުސްއަބު ސިވިލް ކޯޓުގައި އިސްތިއުނާފުކޮށް ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކިއުރިޓީގެ ވަޒީފާއިން އޭނާ ވަކިކުރީ މައުލޫއީ އަދުލުވެރިކަމެއް ނެތި ކަމަށެވެ. އެހެންކަމުން އޭނާ އެދިފައިވަނީ، ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށެވެ. އެކަމާ ގުޅިގެން 2020 ވަނަ އަހަރު ސިވިލް ކޯޓުން ނިންމީ މުސްއަބު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސާބިތު ނުވާ ކަމަށެވެ.
އެ މައްސަލަ މުސްއަބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިދިޔަ އޮގަސްޓު މަހު ކުރި ހުކުމުގައި ވަނީ، މުސްއަބު ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގެ މުސާރަ 14 ދުވަސް ތެރޭގައި ދިނުމަށް ސީއެސްސީގެ މައްޗަށް ހުކުމްކުރިއެވެ. އެ މައްސަަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބަދަލުގެ ގޮތުގައި ކަނޑައެޅީ 1،187،666.60ރ. އެވެ.
ހައިކޯޓުގެ އެ ހުކުމާ އެއްގޮތަށް ސީއެސްސީން ފައިސާ ދައްކާފައިނުވާތީ، މުސްއަބުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ވަނީ، ހައިކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 12:00 ކުރިން ދައްކައި ހަލާސްކުރުމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު