ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ސަފީރުންގެ ވަފުދަށް ރާއްޖޭން ޔޫރަޕަށް ބޭރުކުރާ މަހުގެ އުފެއްދުންތަކުގެ ޓެރިފް ކުޑަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުށަހަޅުއްވައިފިއެވެ.
މަހުގެ ޓެރިފް ކުޑަކުރަން ރައީސް ހުށަހަޅުއްވާފައި ހަ ވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެންނެވި ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ ރައީސް ސޯލިހް މިއަދު ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އީޔޫން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ދެނިސް ޗައިބީ، އިޓަލީން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ރިޓާ މަނެއްލާ، އޮސްޓްރިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެތެރީނާ ވީޒާ އާއި ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހޮލްގާ ލޯތާ އާއި ނެދަލެންޑްސް ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ބޮނީ ހާބޯކް އަދި އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓާ ޗިއުޑިއާގެ އިތުރުން ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖައްސަދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމަށްވެސް ރައީސް ހުށަހެޅުއްވިއެވެ.
އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ ރާއްޖެއަކީ ބައިނަލްއަގުވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާތީ ރާއްޖެއާ އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންވާކަން ހާމަކުރައްވައިފައެވެ. އަދި މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ އެޖެންޑާއާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބެލެހެއްޓުމަށް ރާއްޖެއިން އަދާކުރި ދައުރު އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ޔުނައިޓެޑް ނޭޝަންސް ހިޔުމަން ރައިޓްސް ކައުންސި (ޔޫއެންއެޗްއާރްސީ)ގެ ގޮޑިއަށް ރާއްޖެ 2023 ވަނަ އަހަރުން 2025 ވަނަ އަހަރަށް އިންތިހާބުވެފައިވާތީ މަރުހަބާ ވިދާޅުވެފައިވެއެވެ.
ޔޫއެންއެޗްއާރުސީ މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި އީޔޫ ވަފުދުގެ ބޭފުޅުން ވަނީ ރާއްޖެ އާއި އީޔޫއާ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ހާމަކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު