ހެލްތް މިނިސްޓްރީއަށް 13 ލޯންޗު ބަނުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްއާ މިއަދު ހަވާލުކޮށްފިއެވެ.

މިއީ ވޯލްޑް ބޭންކް އަދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަޑްނަސް ޕްރޮޖެކްޓުގައި ބޭނުންކުރުމަށް ގަންނަ ލޯންޗުތަކެކެވެ.

ޖުމުލަ 31 މިލިއަން ރުފިޔާގެ މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. ގަލްފް ކްރާފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރު ކޯސްޓާސް އެލިއޯޕްލަސްއެވެ.

އެއްބަސްވުމާ ގުޅޭ މައުލޫމާތު ދެއްވަމުން އާދިލް މިއަދު ވިދާޅުވީ މި ލޯންޗުތަކަކީ 38 ފޫޓުގެ ލޯންޗުތަކެއް ކަމަށާއި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ލޯންޗުތައް ފޯރޮކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ފަސް މަސްތެރޭގައި މި ލޯންޗުތައް މިނިސްޓްރީއާ ހަވާލުކޮށްދޭނެ ކަމުގެ ޔަގީންކަން ގަލްފް ކްރާފްޓުން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުން މި ލޯންޗުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ލެބޯޓްރީ ސާމްޕަލް ގެން ދިއުމަށާއި އައުޓްރީޗް ޕްރޮގްރާމް ހިންގުމަށާއި އިމަޖެންސީ ހާލަތުގައި ބަލިމީހުން އުފުލުމަށެވެ.

އަދި މިކަމުގެ ސަބަބުން މި ވަގުތު ލެބޯޓްރީ ނެތް ރަށްރަށުންނާއި ބައެއް ޓެސްޓުތައް ނެހެދޭ ލެބޯޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެ ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންގެ ހިދުމަތާއި އަދި އެނޫންވެސް ހިދުމަތްތަކާއެކު އައުޓްރީޗް ޕްރޮގުރާމުތައް އެ އަތޮޅެއްގެ ރަށްތަކަށް ހިންގުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ބުންޏެވެ.