ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި މެމްބަރުން ހިމެނޭގޮތަށް އަދި ބަދަލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްްކޮށްފިއެވެ.
ސައުދު މަޖިލީހަށް ހޮވި ވަޑައިގަތީ، އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ.
ސައުދު އެމްޑީޕީއަށް ސޮއިކުރެއްވުމުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 66 އަށް އަރައިފައެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 131 ވަނަ މާއްދާގެ ދަށުން ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެމްބަރުންގެ ނިސްބަތަށް އަންނަ ބަދަލު ފާސްކުރަން ޖެހެއެވެ.
ކޮމިޓީތަކަށް މި ގެނައި ބަދަލާއެކު، ޖުޑިޝަރީ ކޮމިޓީގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ކަނޑައަޅާފައިވާ ސްލޮޓާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް ހިމެނޭ ސްލޮޓަކީ އެމްޑީޕީގެ ސްލޮޓެއް ކަމަށް ހަމަޖައްސައި އެ ދެ ކޮމިޓީއަށް ވެސް ސައުދު ވަނީ ހަމަޖައްސައިފައެވެ.
މި ބަދަލާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ދެ ސްލޮޓް އިތުރުކޮށް އެއީ އެމްޑީޕީގެ ދެ ސްލޮޓް ކަމަށްވެސް ވަނީ ހަމަޖައްސައިފައެވެ. އެ ސްލޮޓްތަކަށް ހަމަޖެއްސީ، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންއެވެ. މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އަމިއްލަ ސްލޮޓަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ވަނީ ހަމަޖައްސައިފައެވެ.
މި ބަދަލާއެކު މަޖިލީހުގައި މެމްބަރުން ސިޔާސީ ޕާޓީތަކަށް ނިސްބަތްވަނީ އެމްޑީޕީއަށް 66 މެމްބަރުން، ޖޭޕީއަށް ތިން މެމްބަރުން، ޕީޕީއެމްގެ ހަ މެމްބަރުން، ޕީއެންސީގެ ތިން މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން، އެމްއެންޕީގެ ތިން މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ހަތަރު މެމްބަރުންނެވެ.