ސަރުކާރު ވައްޓާލަން އެމްޑީޕީގެ އެތެރެއިން މަސައްކަތް ކުރާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމުގެ ކުރިން ކަންތައް ހިނގި ގޮތަށް އިޝާރާތްކުރައްވައި ރީިކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ބަގާވާތަށް ތައްޔާރުވުމުގެ ގޮތުން 2011 ވަނަ އަހަރު އެ ހަރަކާތް ހިންގި މީހުން ރައްޔިތުންނަށް ފުރަތަމަ ވިސްނައި ދިނީ ޑޮލަރު ދަތިވެ، ރައްޔިތުން ހަނާވަމުންދާކަން ކަމަށެވެ.

"މިފަހަރު ބަގާވާތަށް ދޮންކޮށްގެން ތިބި މީހުންވެސް ހަމަ އެ ލަވަ، ޑޮލަރު ހުސްވީ، ރާއްޖެ ބަނގުރޫޓުވީ؟ އެނގިދާނެތާ!" މޫސަ ވިދާޅުވިއެވެ.

މޫސަ އެހެން ވިދާޅުވި އިރު، އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީގެ ތެރެއިންވެސް ދަނީ ސަރުކާރު ބަނގުރޫޓުވަމުން އަންނަ ކަމަށް ބުނަމުންނެވެ. ހުދު ރައީސް ނަޝީދުވެސް ގެންދަވަނީ މާލީގޮތުން ރާއްޖެ ބަނގުރޫޓުވާއިރު، ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު އިންނެވުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވަމުންނެވެ.

އަދި ތެލަށާއި ކާޑަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ބަލަންޖެހޭ ކަމަށާއި އެ ފައިސާ ދައުލަތުުގެ ރިޒާވްގައި ހުރިކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މޫސަ އިތުރަށް ވިދާޅުވި، ބަގާވާތަކީ ކޮންމެ ބަޔަކު ކުރިޔަސް ގާނޫނީ ސަރުކާރަކާ ދެކޮޅަށް ތެދުވެ ވެރިކަންވައްޓާލުން ކަމަަށާއި އެމްޑީޕީގެ މާޒީއަށް ބަލައި އިރު، ޕާޓީގެ އެތެރެއާއި ބޭރުން އެކަން ހިނގާފައިވާ ކަމަށެވެ. ނަމަވެސް ކޮންމެ ބަޔަކު ކުރިޔަސް، ބަގާވާތަށް އެމްޑީޕީ މެންބަރުން ބުނާނީ ނޫނެކޭ ކަމަށާއި ބަގާވާތެއް ދެން ނުހިންގޭނެ ކަމަށް ވިދާޅުވިއެވެ.