ސަރުކާރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތައް މުއްދަތަށް ނުނިންމައި، މަޝްރޫއުތަކުގެ ބީލަމާއެކު އޮޅުވާލައިގެން ފޯޖުކޮށްފައިވާ ލިޔެކިޔުން ހުށަހަޅައި މަކަރު ހެދި އިތުރު ފަސް ކުންފުންޏެއް ސަސްޕެންޑުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލައި އިރު، މިދިޔަ ސެޕްޓެމްބަރު 22 އިން ފެށިގެން 17 ނޮވެމްބަރުގެ 2022ގެ ނިޔަލަށް އިތުރު ފަސް ކުންފުންޏެއް ވަނީ ސަސްޕެންޑުކޮށްފައެވެ. ލިސްޓުގައި ހިމެނޭ ބައެއް ކުންފުނިތައް ތަކުރާރުކޮށް އެކި މަޝްރޫއުތަކުގެ މަސައްކަތްތަކާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާ އިރު، އެ ލިސްޓުގައި މިހާރު ޖުމުލަ 16 ކުންފުންޏެއްގެ ނަން ހިމެނެއެވެ.
ލިސްޓަށް އިތުރުކުރި ފަސް ކުންފުނި:
- އެނާޖީ ރޫޓް ޕްރައިވެޓް ލިމިޓެޑް: ފިޝަރީޒް މިނިސްޓްރީގެ ބީލަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅުން
- އެސްކޮން ބިލްޑާސް: ހއ. އިހަވަންދޫ ސްކޫލުގައި މަލްޓި ޕާޕޯސް ހޯލެއް ހެދުމުގެ މަސައްކަތް މުއްދަތުގައި ނުކުރެވުން
- ސުޕަ ފުޑް ޕްރައިވެޓް ލިމިޓެޑް: ފިޝަރީޒް މިނިސްޓްރީގެ ބީލަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅުން
- ޑީނޯ ކޮންސްޓްރަކްޝަން: އިކޮނޮމިކް މިނިސްޓްރީގެ އޮފީސް އިމާރާތެއްގެ ފިނިޝިން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިނުކުރުން
- ފާލަން ކެފޭ އިންވެސްޓްމެންޓް: ހއ. އިހަވަންދޫ ފޮލިސްސްޓޭޝަނުގެ ކޭޓަރިން މަސައްކަތުގެ އެއްބަސްވުމާ ހިލާފުވުން
މަޝްރޫއެއްގެ މަސައްކަތް ލަސްކުރާ ނަމަ ސަސްޕެންޑު ކުރަނީ އެއް އަހަރުގެ މުއްދަތަކަށެވެ. އޮޅުވާލުމާއި މަކަރު ހަދާ މައްސަލަަތަކުގައި ސަސްޕެންޑު ކުރަނީ ފަސް މަހަށެވެ.
އެގޮތުން ސަސްޕެންޑް ކޮށްފައިވާ ވޯޓާޕާކް މޯލްޑިވްސްއަކީ ތަފާތު ތިން މަޝްރޫއެއްގެ މަސައްކަތް ލަސްކޮށްފައިވާތީ ފަސް އަހަރަށް ބްލެކްލިސްޓުކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ސަސްޕެންޝަން މުއްދަތު ހަމަވާނީ އޮގަސްޓު 2027ގެ ނިޔަލަށެވެ.
މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށްފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެއެވެ. ކުންފުންޏެއް ނުވަތަ ސަޕްލަޔަރަކާ ދޭތެރޭގައި ފިޔަވަޅު އަޅާނީ ބީލަމުގެ މައްސަލަތައް ބަލައި މުސްތަގިއްލު ރިވިއު ކޮމިޓީންނެވެ. އެ ފިޔަވަޅު އެޅޭނީ ކުންފުންޏާ ދެކޮޅަށް ބަލައި މައްސަލައިގައި ދިފާއުވާން މައުލޫމާތު ހުށަހެޅުމަށާއި ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހު ތަހުގީގުކޮށް ނިމޭއިރު މައްސަލަތަކެއް ސާބިތުވާ ނަމައެވެ.
ބީލަމުގައި ބައިވެރިވާ ފަރާތްތަކާއި ސަޕްލަޔަރުން ސަސްޕެންޑުކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ލަސްވުމުގެ އިތުރުން ބީލަމުގެ މަރުހަލާގައި ސައްހަ ނޫން ލިޔެކިޔުން ހުށަހެޅުމާއި ކޮންޓްރެކްޓް ކުރިއަށް ގެންދާއިރު ވެސް އޮޅުވާލުމާއި ދޮގު މައުލޫމާތު ދިނުމާއި އެހެން ފަރާތްތަކުން ބައިވެރިވުމަށް ހުރަސްއެޅުމާއި ވާދަވެރި ބީލަމެއް ކަމުގައި ދެއްކުމަށް އެކި ނަން ނަމުގައި ބީލަން ހުށަހެޅުން ހިމެނެއެވެ.
މިނިސްޓްރީން ބުނީ އެ ކުންފުނިތައް ސަސްޕެންޑުކޮށްފައިވާ މުއްދަތު އުވެންދެން އެ ކުންފުނިތަކަށް ސަރުކާރުން ކުރިއަށްގެންދާ ބީލަމެއްގައި ބައިވެރި ނުވެވޭނެ ކަމަށާއި އެ ކުންފުނިތަކާ އެއްވެސް މަޝްރޫއެއް ހަވާލު ނުކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު