ޚަބަރު

ތެލާއި ކާޑު އެތެރެކުރުމަށް ދައުލަތުގެ ރިޒާވްގައި ހުރިމިންވަރު ބެލުމަށް ޝަރީފު މަޖިލީހަށް ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

ރާއްޖެއަށް ބޭނުންވާ ކާޑާއި ތެޔޮ އެތެރެކުރެވޭ މިންވަރަށް ދައުލަތުގެ މާލިއްޔަތުގައި ފައިސާ ހުރިތޯ ބެލުމަށް އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ދައުލަތުގެ ރިޒާވްގައި މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުރި މިންވަރު ސާފުކޮށް ދިނުމަށް މެންބަރު ޝަރީފު އެދިވަޑައިގެންފައިވާ ކަމަށެވެ. އެއީ އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ އަދަދެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރިޒާވްގެ ޖުމުލަ އަދަދު އެ މަނިކުފާނަށް މެންބަރު ޝަރީފު އަރިހު ވިދާޅުވެދެއްވިދާނެ ކަމަށާއި ނޫންނަމަ އެމްއެމްއޭގެ ގަވަރުނަރަށް ސިޓީއަކުން ދެންނެވުމަށްފަހު ގަވަރުނަރު ދެއްވާ އަދަދެއްވެސް މެންބަރަށް ދެއްވިދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭނުންވާ ކާޑާއި ތެޔޮ އެތެރެކުރެވޭ މިންވަރަށް ދައުލަތުގެ މާލިއްޔަތުގައި ފައިސާ ހުރިތޯ ބެލުމަށް ޝަރީފު ހުށަހަަޅުއްވާފައިވާއިރު، މާލީ ގޮތުން ރާއްޖެ ބަނގުރޫޓުވުމާ ދިމާލަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެ މަނިކުފާނު އިންނެވުމަކީ ލަދުވެތި ކަމެއް ކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި ތެލަށާއި ކާޑަށް ދައްކަން ހުރި ފައިސާ ރިޒާވްގައި ހުރިކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އެ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމުގައި ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް ސަރުކާރުން ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.