ދޭތެރެއަކުން ރިންދާގެ ހެދުމުގައި ހިފާ ދަމާލާފައި ކޮޓަރިތެރޭގައި ކުޅެން އުޅުނީ އެއްބަނޑު ކޮއްކޮ ހައިބްއެވެ. ރަނީންގެ ނެތްކަމުގެ ފަޅުކަން ހައިބް ފޫބައްދައިދިނެވެ. ވާނުވާ ނޭނގޭ އެ ކުޑަކުއްޖާއަށް ދޮންތައަށް ވަރަށް އުފާވެރި ދުވަހެއް އައިސްފިކަން އެނގެއެވެ.
******
ކޮޓަރިން ކައިވެނި ކުރުމަށް ހަމަޖެހިފައިވާ މޭޒާ ހަމައަށް ރިންދާ އަންނަމުން ދިޔަ މަންޒަރަށް ބަލަހައްޓައިގެން އަޔާލް ހުއްޓެވެ. ރިންދާ ނޫން އެހެން އެއްވެސް މީހަކު އޭނާއަށް ނުފެންނަ ކަހަލައެވެ. އެވީ ކުޑަ ހިނދުކޮޅުގައި ރިންދާއާ އެކު މުސްތަގުބަލުގެ އެތައް ހުވަފެނެއް އަޔާލް ދުއްޓެވެ. އޭނާ އެސްފިޔަ ޖަހާލީ ރިންދާ އައިސް ކައިރިއަށް ހުއްޓި އަޔާލްގެ ބަނޑުގައި ވިކާލުމުންނެވެ. އަޔާލް ހީލަމުން ރިންދާގެ އަތުގައި ހިފާލިއެވެ. ދެން ކައިވެނިކުރާ މޭޒާ ދިމާލަށް ހިނގައިގަތެވެ.
ގަޑީގެ ކަށި ނުވައަކާ ހަމަޔަށް ފޯރުމާއެކު ކައިވެނީގެ މަޖިލިސް ފަށައިފިއެވެ. ސަރަހައްދުގައި ވަށައިގެން ހިނގާ ހުރިހާ ކަމެއްގެ ފޮޓޯ ބަރަކް ނަގަމުން ދިޔައިރު ރިންދާ އިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އޭނާގެ ހަތަރެސްފައި ވަނީ ފިނިވެފައެވެ. ހިތް އަވަސްވެ ހިތުގެ ތެޅުމުގެ އަޑު ހުދު އޭނާއަށްވެސް އިވިއިވި ހުއްޓެވެ. ލައިގެން ހުރި ހެދުމުގެ ދެފަރާތުން ރިންދާ ހިފަހައްޓާލީ އަތުގެ ތެތްކަން ކަނޑުވާލުމަށެވެ. އެކަން ކައިރީގައި އިން އަޔާލްއަށް އިހުސާސްވީ ކަންނޭނގެއެވެ. މޭޒުމަތީގައި އޮތް ކަނާއަތް ތިރިކޮށްލި ގޮތަށް ރިންދާގެ ވައަތްތިލައިގައި ހިފަހައްޓާލިއެވެ. އެހިނދު ސިހުން ލިބި ރިންދާއަށް އަޔާލްގެ މޫނަށް ބަލައިލިއެވެ.
"އަޅުގަނޑު އަނބި ގަބޫލުކޮށްފިން" އަޔާލްގެ ދުލުން އެ ދެ ލަފްޒު ބޭރުވެގެން ދިޔައިރު ރިންދާ އިނީ އަޔާލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ބަސް އަދި އެއްފަހަރު އަޔާލްގެ ދުލުން ތަކުރާރުކޮށްލާނެ ނަމައޭ ހިތަށް އެރިއެވެ.
ކައިވެނީގެ މަޖިލިސް ނިމުމާއެކު ހުރިހާ މީހުން ކޮޅަށް ތެދުވިއެވެ. އަޔާލްއަށް ރިންދާއަށް ލޯބިން ފުރިގެންވީ ބެލުމަކުން ބަލައިލިއެވެ. ދެން ރިންދާގެ ދެއަތުގައި ހިފައި ގާތަށް ދަމާލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ.
******
ތަޅުންމަތީގައި އަޅާފައި އޮތް މުންޑު ފަޅިއެއްގެ މަތީގައި އޮށޯވެގެން އޮތް ނަހީކްގެ ނަޒަރު ހުއްޓިފައިވަނީ ސީލިންގުގައި ހަރުކޮށްފައި ހުރި ފަސްވޯޓުގެ ބޮތްކޮށެވެ. ބޯދަށުގައި އޮތް ތުނި ބާލީސް ކައިރީގައި އޭނާއަށް ހަވީރު ގެނައި ސައިޖޯޑާއި ބަތްކާ ތަށީގައި ހަތަރު ވައްތަރުގެ ހެދިކާ ހުއްޓެވެ. ސައިތަށި ހިހޫވެގެން އޭގެ ކައިރިއަށް މެއްސާއި ހިނި އެއްވަމުން ދިޔައިރު އެއިން އެއްވެސް ކަމަކަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ދެލޮލުގެ އަރިމަތިން ފައިބައިގެން އައި ކަރުނަ ތިކި ހިނދިގެން ދިޔައީ ބާލީސް ތެރެއަށެވެ. ކުރެވުނު ކަންތަކާއި އުޅެވުނު ގޮތުން ފުރަތަމަ ފަހަރަށް ނަހީކް ދެރަވެ ހިތާމަ ފާޅުކޮށްފިއެވެ. އޭނާއަށް އެހީތެރިވާނެ އެއްވެސް މީހަކު ނެތެވެ. މަދަދަށް އެދޭނެ އެއްވެސް މީހެއް ނެތެވެ. ހެއްދެވިފަރާތް މަތިން ހަނދާންވީ ހަޔާތުން އަލަށެވެ. އެންމެފަހުން އޮތްތަނުން ތެދުވެ ހަތަރެސްކަން ފޮއްޓެއް ކަހަލަ ކުޑަ ގޮޅިތެރެއަށް ވަށައިގެން ކަޅި ހިންގާލިއެވެ. ދުނިޔެއަކީ ކޮންކަހަލަ ތަނެއްކަން އޭނާއަށް ވިސްނާލި އިރު ހުރިހާކަމެއް ބަދަލުވެއްޖެއެވެ. އިއްޔެ އާއި މިއަދު އޭނާ އަޅާ ކިޔާލިއެވެ. އިއްޔެ އޭނަ ހުރިހާ ވަގުތެއް ހޭދަކުރީ ތަނަވަސްކަމާއި އަރާމާއި އިއްޒަތުގައެވެ. މަސައްކަތްކުރީ އޭސީ ކޮޓަރީގެ ބޮޑު ގޮނޑިއަށް ވެޑުވި އިނދެއެވެ. އޭނާ ނިދީ މަޑުކަފަކޮޅެއްފަދަ ގޮދަޑިއެއްގައި މުޅި ކޮޓަރި ފުރޭވަރުގެ ބޮޑު އެނދެއްގައެވެ. އޭނާގެ ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީ ނޯކަރެކެވެ. އެއީ އޭނާގެ ހާއްސަ ނޯކަރެވެ. މިއަދު އެއިން އެއްވެސް ކަމެއް ނެތެވެ. އޭނާގެ ވަށައިގެންވީ އެކަނިވެރިކަމާއި މޮޅިވެރިކަމެވެ. ހެޔޮނަސޭހަތާއި އޯގާތެރިވެދޭނެ މައިމީހާވެސް ގެއްލުނީއެވެ. ބަފައިމީހާއަށް ދުވަހަކުވެސް ރުހުމުގެ ލޮލަކުން ބަލާލެވިފައި ނުވެއެވެ. ގަނޑުވަރުގެ ވެރިޔާ ކަށްވަޅުގެ މެހްމާނަކަށް ބަދަލުވާން މާގިނަ ވަގުތެއް ނުނެގިއެވެ. އެއީ ދުނިޔެ ދައްކާ ހަގީގަތެވެ. އެ ހަގީގަތް ގަބޫލުކުރަން އިންސާނުން އެންމެ ބޮޑަށް ނުކުޅެދިފައިވާ ހަގީގަތްވެސް މެއެވެ.
ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ނަހީކް ފުންމައިގެން ތެދުވިއެވެ. ގޮޅީގެ ދޮރާ ހަމައަށް އައިސްފައި ތޭރިތަކުގައި ދެއަތުން ހިފަހައްޓާލިއެވެ. ޖަލުގެ ގޯތިތެރެއަށް ފެތުރިފައިވަނީ ކަނު އަނދިރިކަމެވެ. ބޯގަސްތަކާއި ރުއްތަކުގެ ފަންތައް ފެންނަމުން ދިޔައީ ބިރުވެރި ސިފައިގައެވެ. އެ މަންޒަރު ބަލަން އޭނާއަށް އުނދަގުވިއެވެ. އޭނަގެ ލޯ ހޭނިފައިވަނީ އަނދިރިއަކަށް ނޫނެވެ. އަލިކަމާއި އުޖާލާ ކަމަށެވެ. އެހެންނަމަވެސް މިއަދު ވަގުތާއި ހާލަތު ބަދަލުވެފައިވީތީ އޭނާއަށް މަޖުބޫރުވީ އެ އަނދިރި ކަމަށް މަރުހަބާ ކިޔާށެވެ.
"ޑިއުޓީ..... ޑިއުޓީ..." ނަހީކް ބާރަށް ގޮވާލިއެވެ
ޖަލު ބަލަހައްޓާ ދެ އޮފިސަރުން އައިސް ނަހީކަށް މަދިރި ދުންދަނޑިއެއް ދިއްކޮށްލިއެވެ. އޭގެއަށް ނަހީކް ބަލައިލީ ހައިރާންވެފައެވެ.
"ވަރަށް މަދިރި އެބަހަފާ ދޯ. އަން. އެބަ އަންނަން ލައިޓަރު ހިފައިގެން" އެތަނުން އެއް އޮފިސަރު ބުންޏެވެ.
"އަހަރެން ތިއެއް ބޭނުމެއް ނޫން. އަހަރެން ތަހުގީގަށް އެއްބާރުލުން ދޭނަން. ހުރިހާ އެއްޗެއް ކިޔައިދޭނަން. އަހަރެން ދޮގެއް ނަހަދާނަން. ހަމަތެދެއް މިބުނީ. މި މައްސަލަ ތަހުގީގުކުރާ އޮފިސަރަށް މިކަން އަންގާލަދީ" ނަހީކް ވާހަކަދެއްކިއެވެ.
*******
ކައިވެނީގެ އުފަލުގައި ރިންދާއަށް އެންމެ ބޮޑު ހަދިޔާއެއް ލިބުނީ ޝާހްބާޒްގެ ފަރާތުންނެވެ. ހަފުތާއެއްހާ ދުވަހު ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއްގައި ފިރިމީހާއާ އެކު ވަގުތު ހޭދަކުރުމަށް ދެމަފިރިން ވަގުތުން ފުރިއެވެ. މާދިގު ނޫން ދަތުރަކަށްފަހު ދެމަފިރިންނަށް މަންޒިލަށް ފޯރިއިރު އެކެއް ޖަހަން ވަގުތު ކުޑަތަން ވެއްޖެއެވެ. ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމާލުމަށްފަހު ދެމަފިރިންނަށް ހާއްސަކޮށްފައިވާ ކޮޓަރިއާ ހަމަޔަށް ދެވުމާއެކު އަޔާލް މަޑުޖެހުނެވެ. ދެން ބަލައިލީ ރިންދާގެ މޫނަށެވެ. ސުވާލެއްކުރަން ރިންދާއަށް ފުރުސަތުނުދީ އަޔާލްގެ ދެއަތްމައްޗަށް ރިންދާ އުފުލާލިއެވެ. އެހިނދު ރިންދާގެ ހުނުމުގެ އަޑު ސަރަހައްދުގައި ލުއި މިޔުޒިކެއް ކުޅެލި ފަދައިން ފެތުރިގެން ދިޔައެވެ.
"ހާއްސަ ރެއެއްނު. އެހެންވީމަ ހުރިހާ ކަމެއް ހާއްސަ ވާން ޖެހޭނެއްނު" އަޔާލް ބުންޏެވެ.
ދެން އަތްމަތީގައި އޮތް ރިންދާ މޫނާ މޫނު ގާތްކޮށްލާފައި ރިންދާގެ ނޭފަތުގެ ކޮޅުގައި ބޮސްދިނެވެ. ކޮޓަރީގެ ދޮރުން ވަދެގެން އެނދާ ހަމަޔަށް ދެވެންދެން ރިންދާ އޮތީ އަޔާލްގެ ކަރާއި ކަނދުރާގައި މޫނު ފޮރުވާލައިގެންނެވެ. އަޔާލްގެ ހަށިގަނޑުން ދުވާ ހިތްގައިމު ވަހުން އެކަނިވެސް ރިންދާގެ މޭ ފުރިއްޖެއެވެ. ދުވަހަކުވެސް އެ އަތްމަތިން ބިމުގައި ފިޔަވަޅުނާޅާ އުޅެވޭނެނަމައޭ ރިންދާގެ ހިތަށް އެރިއެވެ.
މަޑުކަފަކޮޅެއްފަދަ އެނދުގައި ރިންދާ ބާއްވާލުމަށްފަހު އަޔާލް އެއް އަތް މައްޗަށް ރިންދާ އާ ޖެހިގެން އޮށޯވެލިއެވެ. ދެން ރިންދާގެ މޫނަށް ބަލައިލިއެވެ. އެހިނދު ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އަޔާލްގެ ދެލޮލުގެ ތެރެއިން އެހެންޏާ ނުފެންނަ އަސަރެއް ރިންދާއަށް ފެންނަމުން ދިޔައެވެ. ދުލުން ނުބުނި ކަމުގައި ވިޔަސް އަޔާލް އެދެނީ ކޮންކަމަކަށްކަން ރިންދާއަށް އެނގެއެވެ. އެދެލޮލުން ހުރިހާ ކަމެއް ސާފުކޮށް ރިންދާއަށް ފެނެއެވެ.
"މެރީނުކުރާ އިރު ކީއްވެ ތިހާވަރަށް ނުބަލަނީ" ކަޅިޖަހާނުލައި އަޔާލް ބަލަން އޮތުމުން ރިންދާ ބުންޏެވެ.
"އަހަރެން ބެލިޔަދީ" އަޔާލް ބުންޏެވެ.
"އޭރުން ފޫހިވެދާނެ" ރިންދާ ބުންޏެވެ.
"ދުވަހަކުވެސް ނުވާނެ" އަޔާލް ބުންޏެވެ.
ރިންދާގެ ހެދުން މަތިން ބަނޑުގައި އަޔާލްގެ އަތްތިލަ ބޭއްވުމާއެކު ރިންދާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އަޔާލްގެ އަތްމަތީގައި އަތް ބޭއްވުނީ ބޭއިހްތިޔާރުގައެވެ.
"ވަރުބަލިތަ ވަރަށް" އަޔާލް އެހިއެވެ. ރިންދާ ދެފަރާތަށް ބޯހޫރާލިއެވެ.
"އެހެންވީމަ ރިދާ މިރޭ ވަރަށް ފިޓްވާނެތާދޯ. އަހަރެން ހިފަހައްޓަން މިރޭ ނޫޅޭނަންތަ؟" އަޔާލް އެހިއެވެ.
"ލައިސަންސް ނަގައިފީމެއްނު" ހީލަމުން ރިންދާ ބުންޏެވެ. އަޔާލްއަށް ހެވުނެވެ. ރިންދާ ރަކިކޮށްލަން އުޅުނު ނަމަވެސް އަޔާލްއަށް އެކަން ކާމިޔާބެއް ނުވިއެވެ. އަޔާލްގެ ފިރުމުންތަކާއި ބީހުންތަކަށް ހުދު ރިންދާ އޮތީ ކެތްމަދުވެފައެވެ.
އެގޮތުގައި ހީލަން ވަގުތުކޮޅެއް ދެމަފިރިން ހޭދަކުރިއެވެ. ކުއްލިއަކަށް އަޔާލް ކޮށްލި ހަރަކާތަކާއެކު ރިންދާގެ އަނގައިން އަޑެއް ލެއްވިގެން ދިޔައެވެ. ރޫއަރާ ވަރަށް ބާރުކޮށް މަރާލާފައިވާ ދެލޮލުގެ އެސްފިޔަތައް ލަސްލަހުން ހުޅުވާލި އިރު އޮތީ އަޔާލްގެ މޭމަތީގައެވެ. އަޔާލް ރިންދާގެ މޫނާ މޫނު ގާތްކުރަމުން ދިޔައެވެ. ފުރާނަ ފަދައިން ލޯބިވާ އަނބިމީހާގެ ފުށުން އޭނާ އެދިއެދި ހުރި ލޯބީގެ ފުރަތަމަ ހަދިޔާ ލިބިގަތް ވަގުތަކީ އެއީއެވެ. އެލޯބި ވަގުތުކޮޅު ނިމުމަކަށް ގެންނަން ދެމަފިރިން ކުރެ އެކަކުވެސް ބޭނުމެއް ނުވިއެވެ. ދެމަފިރިންގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު މަތަނުވެ އެންމެފަހުން ފަރުދާ ކެހިގެން ދެހިތް އެކަތިގަނޑަކަށް ވެގެން ދިޔައެވެ. ހިމޭންކަން ފެތުރިފައިވާ ކޮޓަރި ތެރެއިން ލޯބިން އެކަކު އަނެކަކަށް ގޮވާލާ އަޑާއި ލޯބިވެތި ބަސްތައް ބުނެލާ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ކައިވެނީގެ ފުރަތަމަ ރޭގެ އުފާ އޭގެ އެންމެ ފުރިހަމައަށް ދެމަފިރިންނަށް އެކަކު އަނެކަކުގެ ފަރާތުން ލިބިގެން ހިނގައްޖެއެވެ.
**********
އާ ދުވަހަކަށް އިރު ފެނުން ތޮޅިލީއިރު ރިންދާ އާއި އަޔާލްގެ ހަޔާތުން ރަން އަކުރުން މުޅި އާ ސަފުހާއެއް ލިޔެވިގެން ހިނގައްޖެއެވެ. އެއީ އުފާވެރިކަމާއި ހިނިތުންވުމާއެކުގައެވެ. އެހެންނަމަވެސް ނަހީކަށް ބަނަ ދުވަސްތަކެކެވެ. ޖަލުގެ ތޭރިތަކުގެ ބިއްދަށުގައި ބަންދުވީ ދުވަހުން ފެށިގެން ނަހީކް މުޅި ދުނިޔެ އަނދިރިވެއްޖެއެވެ. ވިސްނުނު އިރު ވަގުތު ފާއިތުވެއްޖެއެވެ. ހެޔޮވިސްނުން ލިބުނު އިރު މީހެއްގެ މައުސޫމް ދަރިއަކު ވަނީ ދުނިޔެ އާ ވަކިވެފައެވެ. ނަހީކް ބޭނުންވިނަމަ އެރޭ ރަނީންގެ ފުރާނަ ސަލާމަތްކުރަން ފުރުސަތު އޮތެވެ. އެހެންނަމަވެސް އެންމެ ގާތްއެކުވެރިޔާގެ މުޑުދާރު ހަގީގަތް ފޮރުވުމަށް އޭނާއަށް އިސްކުރެވުނީ އެކުވެރިޔާގެ އަބުރާއި އިއްޒަތެވެ.
ލޫކާއި ބަރަކް އެތެރެއަށް ވަންކަން އެނގުމާއެކު ނަހީކް އިސްއުފުލާ ބަލައިލިއެވެ. އޭނާ މަދަދަށް އެދޭ ހާލު ދެ އޮފިސަރުންނަށް ބަލައިލިއެވެ. ނަހީކްގެ ދެލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތައް ފެނި ބަރަކް ހައިރާންވިއެވެ. އެހެންނަމަވެސް އޭނާ އެކަން އެނގޭ ކަމަކަށް ނުހެދިއެވެ.
"އަހަރެންނަށް ކިހާ ދުވަހެއްގެ ހުކުމެއް އަންނާނެ؟" އަސަރުން ފުރިގެންވާ ރާގެއްގައި ނަހީކް އެހިއެވެ.
"ތަހުގީގަށް އެއްބާރުލުންދީ ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ އަދަބު ކުޑަކޮށްދޭން އެދެވިދާނެ" ލޫކް ބުންޏެވެ.
"މީހަކު މަރަން އެހެން މީހަކާ ބައިވެރިވި މީހާއަށްވެސް އަންނާނީ ކުޑަކުޑަ ހުކުމެއް ނޫން. އެހެންނަމަވެސް ތަހުގީގު މަރުހަލާގައިވެސް ބަންދުގައި ހުންނަ މުއްދަތު ހުކުމުން ކެނޑޭނެ" ލޫކް ނަހީކަށް އޮޅުންފިލުވައިދިނެވެ.
"އަހަރެން ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން. މިތަނުން ސަލާމަތްވާން އަހަރެން ބޭނުން. އެ ކުޑަގޮޅީގައި އަހަރެންނަށް ރަނގަޅަށް ނޭވާވެސް ނުލެވޭ. އަހަރެން މޮޔަވެދާނެ" ނަހީކް ވާހަކަދައްކަމުން ދިޔައެވެ.
*********
ގޭގައި ހުސްވެފައި ހުރި ބައެއް ކާއެއްޗެހި ގަނެގެން ނަހާ ގެއަށް ވަންއިރު ފެނުނު މަންޒަރަކުން ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ސޯފާގައި ދިގަށް އޮށޯވެގެން އޮތް ޝާހްބާޒްގެ އެއް އަތްއޮތީ ނިތްމަތީގައެވެ. ހިފައިގެން އައި ކޮތަޅު ކާމޭޒުމަތީގައި ބަހައްޓާފައި ނަހާ އައިސް ޝާހްބާޒް ކައިރީގައި ތަށިމުށިތަކުގެ މަތީގައި އިށީނެވެ.
"ކޮންފިކުރެއްގަ" ޝާހްބާޒް ބަލައިލުމާއެކު ނަހާ ބުންޏެވެ.
"ބޮލެއްގަ ރިހޭވަރުން ހަމަ އޮތީ" ޝާހްބާޒް ބުންޏެވެ. އަނބިމީހާ އިށީނދެގެން އިންތަން ޝާހްބާޒަށް ކަމުނުދިޔައެވެ. އެހެންކަމުން ނަހާގެ އަތުގައި ހިފައި ގެނެސް އޭނާގެ ކައިރީގައި ބޭންދިއެވެ. ނަހާ ބަލަހައްޓައިގެން އިންގޮތުން ސުވާލުތަކެއް ކުރަން ބޭނުންވެފައި އިންކަން ޝާހްބާޒަށް އެނގުނެވެ.
"މި ހިތަށް އަރަނީ މިގޭގަ ޝަލްބިޔާ އުޅުނީމަ ނަހާއަށް ވެދާނެގޮތަކާ މެދު" ޝަހްބާޒް ބުންޏެވެ. ހަގީގަތުގައިވެސް އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ކަމަކީ އެއީއެވެ.
"އަހަރެންނަށް ކަމެއް ނުވޭ. މިއަދު އޭނާއަށް އަޅާލާނެ އެއްވެސް މީހަކު ހުރީއެއް ނޫން. އަހަރެންނަށް..... މިބުނީ ޝާހް ދެވަނަ ކައިވެންޏެއް ކުރިޔަސް...."
"ﷲ އަށްޓަކައި މިބުނަނީ. އޭރުވެސް މިހާރުވެސް އަހަރެންގެ ހިތުގައި ޝަލްބިޔާއަށް އެއްވެސް އިހުސާސެއް ނުވޭ. އަހަރެންގެ ފުރަތަމަ ލޯތްބަކީވެސް އަދި ފަހުގެ ލޯތްބަކީވެސް ތީ. އަހަރެން ތިކަހަލަ ކަމަކާ ނުވިސްނަން" ޝާހްބާޒް ބުންޏެވެ.
ދެމަފިރިންގެ މެދުގައި ދެކެވުނު ވާހަކަތައް ޝަލްބިޔާ އަޑު އެހިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެކަކު އަނެކަކު ދެކެ ނިހާޔަތަށް ލޯބިވާ ދެމަފިރިންގެ ދިރިއުޅުމަށް އެއްވެސް ހުރަހަކަށްވާން އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އޭނާ އެންމެފަހުގެ ނިންމުން ނިންމިއެވެ. އޭނާ ޝާހްބާޒާއި ނަހާ އާ ހަމަ އެވަގުތު ވާހަކަދެއްކިއެވެ. އޭނާއަކީ އަމިއްލައަށް އުޅެވޭ ވަރުގެ ބޮޑު މީހެއް ކަމުގައި ބުންޏެވެ. އޭނާގެ އެކައުންޓުގައި ފައިސާ ހުރި ކަމަށް ބުންޏެވެ. ވެދިން އެހީތެރިކަމަށް އެދެމަފިރިންނަށް ޝަލްބިޔާ ޝުކުރު އަދާ ކުރިއެވެ.
"އަހަރެން އެއްވެސް މީހެއްގެ ލޯމަތިން ނުފިލަން. ﷲ އިރާދަކުރެއްވިއްޔާ އަހަރެން ހުންނާނީ ސަލާމަތުން. އަހަރެންގެ މާމަ ދަރިފުޅުގެ ލޯމަތިން ދުވަހަކުވެސް އަހަރެން ނުގެއްލޭނަން" ހިނގައިގަތް ވަގުތު ޝަލްބިޔާގެ އަތުގައި ނަހާ ހިފެހެއްޓުމުން އެނބުރިފައި ޝަލްބިޔާ ބުންޏެވެ.
*********
"ފަށާ..." މައިކް ސެޓްކޮށްލުމަށްފަހު ލޫކް ބުންޏެވެ.
ނަހީކް ފުން ނޭވައެއް ދޫކޮށްލިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލާފައި ގޮނޑީގައި އޭނާ ހަމަޖެހިލިއެވެ. ދެން އޭނާ ވާހަކަދައްކަން ފެށިއެވެ.
---ރަނީންގެ މަރު ނަހީކްގެ ދުލުން---
ޝާހްބާޒްގެ އޮފީހުގެ ސީއިއޯއެއްގެ މަގާމުގައި ހުންނަން ފުރުސަތު ލިބުނަސް އެގޮތް ނަހީކް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ޝާހްބާޒަށް ފުރަގަސްދިނެވެ. އޭނާ މިސްރާބު ޖެހީ ރާއްޖޭގެ މަޝްހޫރު ވިޔާފާރިވެރިޔާ މުޝްތާގު ދިން ފުރުސަތަކާ ދިމާލަށެވެ. އޭނާ ބޭނުންވި ފަދައިން އެ އޮފީހުން މުޝްތާގުގެ ދަށުން އެންމެ މަތީ މީހާގެ މަގާމް އޮފީހުން ލިބުނެވެ. އޭނާގެ ދަށުން މުވައްޒަފުންތަކެއް ގޮވައިގެން މަސައްކަތް ކުރަން ފެށިތަނާ މާގިނަ ދުވަހެއްނުވެ އެ އޮފީހާ ރަނީން ގުޅުނެވެ. ވަޒީފާއަށް ރަނީން ވެއްދުމަށް ރަނީން އާ އިންޓަވިއު ކުރީވެސް ނަހީކެވެ. ރަނީންއަށް އޭނާ ވަޒީފާ ދިނީ ކޮންމެހެން ރަނީންގެ ކިޔެވުމުގެ ފެންވަރަށް ބަލާފައެއް ނޫނެވެ. އެތަންވަޅުވެސް އޭނާ އިސްކުރީ އަމިއްލަ އެދުމެވެ. އޭނާގެ އެންމެ ބޮޑު ބޭނުމަކަށްވީ ރަނީން މެދުވެރިކޮށް ރިންދާގެ ހަބަރު އޮޅުންފިލުވުމެވެ. އަދި ރަނީންގެ ބޮލަށް އެރިގެން ރިންދާ ހުރި ހިސާބެއް ހޯދައިގެން ރިންދާ ހުރިތަނަކަށް ދިޔުމެވެ. އެހެންނަމަވެސް ރަނީންވީ ނަހީކް ހީކުރިގޮތާ ހިލާފަށް ވިސްނޭ ކުއްޖަކަށެވެ. އެންމެގާތް އެކުވެރިޔާ ފަދައިން ދެކޭ ދައްތަގެ މައުލޫމާތު ރަނީންގެ ހާމަ ނުކުރިއެވެ. ނަހީކްއަކީ އޮފީހުގެ ވެރިއަކަށް ވިޔަސް ދިރިއުޅުމުގެ އެއްވެސް ވާހަކައެއްދައްކަން އޭނާ ބޭނުމެއް ނުވެއެވެ. އޮފީސް ތެރެއިން ފިރިހެން ކުދިންނާ ވަޒީފާ އާ ނުގުޅޭ އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ. ނަހާގެ ނަސޭހަތްތަކާއި ރިންދާގެ ފަރާތުން އިވޭ ލޯބިވެތި ބަސްތަކުން ކޮންމެ ދުވަހަކު ރަނީން އައީ ދިރިއުޅުމުގައި އާ ކަންތައްތައް ދަސްކޮށް ހިތްވަރު ހޯދަމުންނެވެ. އެހެންނަމަވެސް ޒުވާން ހިތެއްގައި ލޯތްބޭ މިކިޔާ އިހުސާސް އުފެދުމުން ބައެއް ފަހަރު ދިރިއުޅުމަށް އޭގެ އަސަރު ކުރެއެވެ. ރަނީންގެ ނިމުން އައީވެސް އެފަދަ ގޮތަކަށެވެ. އޭނާ ލޯބިވީކީ ނޫނެވެ. ލޯބިވެވުނީއެވެ.
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދަނިކޮށް ރާއްޖެއިން ބޭރުގައި ހުރި ނަހީކްގެ އެކުވެރިޔާ ޒަކްވާން އައިސް އުޅުނު ދުވަސްކޮޅެވެ. ގިނަވަގުތު އޮފީސް ތެރޭގައި ޒަކްވާން ހޭދަ ކުރެއެވެ. ޒަކްވާނަކީ އެއްޖިންސުން ގުޅުން ހިންގަން ދެވިހިފާފައިވާ ފިރިހެނެކެވެ. ރާއްޖެއަށް އޭނާ ކުރި އެ ދަތުރަކީވެސް ރާއްޖޭގެ ރިސޯޓަކުން އޭނާއަށް ދިން ދައުވަތަކަށް ކުރި ދަތުރެކެވެ. ޒަކްވާންގެ އެ ކަޅު ހަގީގަތް އެނގެނީ ހަމައެކަނި ނަހީކަށެވެ. އެތައް ފަހަރަކު ޒަކްވާނަށް ނަހީކް ނަސޭހަތްދިނެވެ. އެހެންނަމަވެސް އެކަމުން ޒަކްވާނަށް ދުރަށް ނުދެވުނެވެ. އެންމެފަހުން ގޭތެރެއިން އެކަން ޒަކްވާންގެ ބައްޕަ ޒަހީރު (އެންތަނީ) އަށްވެސް ފަޅާ އެރީއެވެ.
އެއްވެސް ފިރިހެނަކަށް ރަނީންގެ މާބޮޑު ސަމާލުކަމެއް ނުލިބުނަސް ޒަކްވާން ފެނުމާއެކު ރަނީންގެ ހިތް މަޑުމަޑުން ބަދަލުވާން ފެށިއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެއްވެސް ގޮތެއްފޮތެއް ނެތް މީހެއް ކަމުގައި ވިޔަސް ޒަކްވާންގެ ފުށުން އުނިކަމެއް ރަނީންއަށް ނުފެނުނެވެ. އެވާހަކަ އެއްވެސް މީހެއް ކައިރީގައި ބުނަންވެސް ރަނީންއަށް ނުކެރުނެވެ. ރަނީން ޒަކްވާނާ މެދު ހާއްސަގޮތެއް ބަހައްޓާކަން އެންމެ ފުރަތަމަ ފާހަގަވީ ނަހީކަށެވެ. އެހެންކަމުން އެއީ ރަނގަޅު ފުރުސަތެއް ކަމަށް ބަލާފައި އެއްދުވަހަކު ކެފޭއަކުން ޒަކްވާނާ ނަހީކް ބައްދަލު ކުރިއެވެ.
"ރަނީން. ވަރަށް ލޯބިކޮށް ހުންނަ ކުއްޖެއް. އަނެއްހެން ބުނަންޏާ އޮފީހުގަ އުޅޭ އެންމެ ރީތިކުއްޖާ. އެކުއްޖާ ހުންނަނީ ކަލެއަށް ހިތްކިޔާފަ. އެކަން ކުރަންވީނުން" ނަހީކް ބުންޏެވެ.
"އަހަރެން އަންހެނުންނާ ގަޔާއެއް ނުވޭ. ނިކަން ފައްކާ ފިރިހެނެއްގެ ވާހަކަ ދައްކަބަލަ" ފަރުވާކުޑަ ގޮތަކަށް ޒަކްވާން ބުންޏެވެ.
އެދުވަހު އެތައް އިރެއް ވަންދެން ނަހީކް ޒަކްވާނަށް ވިސްނައިދިނެވެ. ޒަކްވާން ރުހޭގޮތެއް ނުވިއެވެ. އެވަރުންވެސް ނަހީކް ދޫނުކުރިއެވެ. ގޭތެރެއިންވެސް ޒަކްވާން ކައިރީގައި ރަނީންގެ ވާހަކަދައްކަން ފެށިއެވެ.
"ޓެސްޓެއް ކޮށްލަންވީނުން. އެއީ އަދި ވަރަށް ތާޒާ މަލެއް" ނަހީކް ބުންޏެވެ.
"އެހެންވީމަ ކަލޭ އެކަން ކުރަންވީނުން" ޒަކްވާން ބުންޏެވެ.
"ރިދާ ނަމައެއްނު. ސީރިޔަސްކޮށޭ. އެންމެ ރެއަކު އެކުއްޖާ ގާތްކޮށްބަލަ. ޔަގީން ހިތްބަދަލުވާނެކަން. އަންކަލްވެސް ވަރަށް އުފާވާނެ" ނަހީކް ބުންޏެވެ.
"އަހަރެންނަށް ސީރިއަސް އެއް ނުވެވޭނެ. އަމުދުން ލޯތްބޭ މިކިޔާ ފޫހި އެތި އަހަރެންނަށް ނުވެވޭނެ. ލޯބިވާކަށް އަހަރެންނަށް ނޭނގޭ. ފުރަންވަންދެން ފޫހިފިލުވާލެވިދާނެ. ރިސޯޓް ކަންތައްވެސް ނިމިއްޖެ މިހާރު" ޒަކްވާން ބުންޏެވެ.
އޮޅުވާލުމާއި ބޮޑު ދޮގެއްގެ ތެރެއިން ރަނީންގެ ހިތަށް ޒަކްވާން ފުންމާލީ އެހިސާބުންނެވެ. އެއްވެސް ކަމެއް ނޭނގޭ ހާލު ރަނީން ޒަކްވާނަށް ހިތާއި ފުރާނައިން އިތުބާރު ކުރިއެވެ.
(ނުނިމޭ)