މަސްތުވާތަކެއްޗާ އެކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޖަލު އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ކަރެކްޝަންގެ ކޮމިޝަނާ އޮފް ޖެނެރަލް އަހްމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮފިސަރު ހައްޔަރުކުރީ ޖަލަށް މަސްތުވާތަކެތި ވައްދާ ކަމަށް ޝައްކު ކުރެވިގެން ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

"ޖަލަށް މަނާ ތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ މިސާވިސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފަ. މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފަ،" އަހްމަދު މުހައްމަދުފުޅު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިން ވެސް ވަނީ ޖަލަށް މަނާ ތަކެތި ވައްދަން އުޅުނު މައްސަލައެއްގައި ކަރެކްޝަންގެ އޮފިސަރަކު ހައްޔަރުކޮށްފައެވެ.