ދުނިޔެ

ހުޅަނގުގެ ގައުމުތަކަށް ގަތަރުން އެކިޔައިދިނީ ގްލޯބަލައިޒޭޝަނުގެ ހަގީގީ ހިކުމަތެވެ.

އިމާދު ލަތީފު

1

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަތަރުގެ އަރަބިވަންތަކަމާއި، ދީނާއި ސަގާފަތާއި، މެހުމާންދާރީ އަދާކުރުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ވަނީ ފެނިގެންގޮސްފަައެވެ. ގުރުއާން ކިޔަވާ އަޑު ނޭހުމުގެ ގޮތުން، އަދި މެދުއިރުމަތީގެ އާދަކާދަވެސް ނުބެލުމުގެ ގޮތުން އިނގިރޭސިވިލާތުގެ ބީބީސީއާއި އެފަދަ އެނޫންވެސް ހުޅަނގުގެ ޓީވީތަކުން ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތު ގެނެސްނުދިނަސް ދުނިޔޭގެ ގިނަބަޔަކު އެމަންޒަރުތައް ބަލައިފިއެވެ. އެއަޑު އަހައިފިއެވެ. މުޅި ދުނިޔެއަށް ގަތަރުން ދިން މެސެޖު މޭރުންކޮށްފިއެވެ. ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ޝައުގާއި ގުޅިފައިވާ މުބާރާތަކީ ފީފާ ވޯލްޑްކަޕް ކަމަށްވާއިރު އެ މުބާރާތުގެ 92 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ގުރުއާނުގެ އަޑު ވަނީ އިވިގެންގޮސްފައެވެ. ހިތްހަމަނުޖެހޭ ބަޔަކު ނުޖެހެންވީއެވެ. އެކަން އެމަގުން ހިނގައިފިއެވެ.

މުބާރާތް ހުޅުވައިދެއްވުމުގެ ގޮތުން ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު އައްޘާނީ ވިދާޅުވިއެވެ. ވޯލްޑްކަޕް ބަލަން އަންނަ އެންމެންނަށް ގަތަރުން، އަދި އަރަބި ދުނިޔެއިން، މަރުހަބާ ކިޔަމެވެ. މީސްތަކުން ބައިބައިކުރާ ސަބަބުތައް އެއްފަރާތްކޮށްފައި ދެނެގަތުމާއި އިހުތިރާމްކުރުމުގެ ވެއްޓެއްގައި އަމާންކަމާއި އުފާވެރިކަންމަތީގައި ވޯލްޑްކަޕް ބަލަންވީއެވެ. އެމަނިކުފާނު އެހެން ވިދާޅުވުމާއެކު އަލްބައިތު ސްޓޭޑިއަމް ވިދާލީ ހަވާއެރުވުމުގެ ތަފާތު ކުލަތަކުންނެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި އެންމެ ގިނަބައެއްގެ ނަޒަރު ސީދާވީ އުމުރުން ވިހި އަހަރުގެ ގާރީއެއްކަމަށްވާ ގަތަރުގެ ޣާނިމް އަލްމުފްތާހަށެވެ. އޭނާއަކީ ޖިސްމާނީގޮތުން ނުކުޅެދުންތެރި ޒުވާނެކެވެ. އެއީ މިފަހަރުގެ ވޯލްޑްކަޕުގެ އެމްބެސެޑަރެެއްވެސްމެއެވެ. ޣާނިމް އަލްމުފްތާހު ކިޔެވީ ކީރިތި ގުރުއާނުގެ ހުޖުރާތު ސޫރަތުގެ ތޭރަވަނަ އާޔަތެވެ.

ތަފުސީރުގައިވާގޮތުން މިއާޔަތުގެ ދިވެހި މާނައަކީ މިއެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި، ހައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ގައުމުތަކަށާއި، ގަބީލާ ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތައާރަފު ވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ހަޒުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަގުވާވެރި މީހާއެވެ." ޣާނިމް އަލްމުފްތާހާއެކު މި އާޔަތުގެ މާނަ އެންމެނަށް ދޭހަވާ ހުޅަނގުގެ ބަހުރުވަޔަކުން ކިޔައިދިނީ އޮސްކަރ އެވޯޑް ހާސިލްކޮށްފައިވާ އެމެރިކާގެ ފިލްމީތަރި މޯގަން ފްރީމަންއެވެ. އޭނާގެ ވަރަށް ކުރު އެހެނަސް ވަރަށް ފުރިހަމަ ހުށަހެޅުމަކުންނެވެ.

އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި މޯގަން ފްރީމަން ސުވާލުކުރީ އޭނާއަށް ގަތަރުން މަރުހަބާ ކިޔާތޯއެވެ. ގަތަރުގެ ފަރާތުން މިސުވާލުގެ ޖަވާބުދިނީ ޣާނިމްއެވެ. ޖަވާބުގައި އޭނާ ކިޔައިދިނީ އިސްވެ ބަޔާންކުރެވުނު އާޔަތެވެ. މި އާޔަތް ކިޔަވައިފައި ސްޓޭޑިއަމަށް ވަދެތިބި 60،000 މީހުންނަށް އިޝާރާތްކުރަމުން ޣާނިމް ބުންޏެވެ. ފްރީމަންއަށް އެކަންޏެއް ނޫނެވެ. މިއީ މުޅި ދުނިޔެއަށްވެސް ގަތަރުން ދޭ ދައުވަތެކެވެ. މި ދައުވަތު ލިބުނީމާ ފްރީމަން ބުންޏެވެ. ވަރަށްވެސް ބޮޑު ތެދެކެވެ. އަހަރެމެން އެންމެން މިތަނަށް މިއަދު ޖަމާވެގެން މިތިބީ ބޮޑު އެއް ގަބީލާއެއްގެ ގޮތުގައެވެ. މިއީ ފުޓްބޯޅައިގެ ގަބީލާއެވެ. އެކުވެރިކަމުގެ ގަބީލާއެވެ. ތަފާތު އެތައް ގައުމަކާއި، އެތައް ބަހަކާއި، އެތައްއެތައް ސަގާފަތެއް އޮތުމުގެ ހިކުމަތާމެދު އެންމެންވެސް ވިސްނާށެވެ.

ފްރީމަން އަދިވެސް ބުންޏެވެ. ފުޓުބޯޅައަކީ އިންސާނުން ބައިބައި ކުރުވާ އެއްޗެއް ނޫނެވެ. ހަސަދަވެރިކަމާއި ނަފުރަތުގެ ހުޅުރޯކުރާ އެއްޗެއް ނޫނެވެ. އެއީ ގައުމުތައް އެކުވެރިކުރުވާ އެއްޗެކެވެ. ހަސަދައިގެ އަލިފާން ފިނިކުރާ އެއްޗެކެވެ. ވޯލްޑްކަޕާއި ފުޓްބޯޅަ ފަލްސަފާގެ ބޭނުމަކީ ތަފާތު ގައުމުތަކާއި ޖަމާއަތްތަކުގެ މެދުގައި ސުލްހަޔާއި ދެނެގަތުން ގާއިމްކުރުމެވެ. އިހުތިރާމް އުފެއްދުމެވެ. ދެންމެއަކު އަޑު އިވިގެންދިޔައީ ހަމަ އެވާހަކައެވެ. އޭ މީސްތަކުންނޭވެ. ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ގޮތްގޮތް ހުންނަކަމާއި އެގޮތްގޮތަށް އިހުތިރާމްކުރުން އޮންނަންވާނެކަން ދަންނާށެވެ. މީގެކުރިން ހުޖުރާތު ސޫރަތުގެ ތޭރަވަނަ އާޔަތާމެދު ފްރީމަންއަށް އެއްޗެއް އެނގިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އާޔަތުގެ މާނަ މޭރުންވީމާ ކުރި އަސަރު މޫނުމަތިން ކިތަންމެހައިވެސް ބޮޑަށް ފާޅުވިއެވެ.

ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ގަތަރުން އިއްވައިދިނީ އަދި ދައްކައިދިނީ ބަވަނަކުރުމުގެ ހަގީގީ ފަލްސަފާއެވެ. ބަވަނަކުރުމަކީ ފަރަންޖީބަހުން އެކިޔާ ގްލޯބަލައިޒޭޝަނެވެ. ގްލޯބަލައިޒޭޝަނަކީ ގައުމުތަކުން މާކެޓް ހޯދުމަށާއި ވިޔަފާރީގެ މަންފާ ލިބިގަތުމަށް ފަހަކަށް އައިސް ހުޅަނގުން ކިޔައިއުޅޭ އަންބާއެކެވެ. އެކަމަކު ގްލޯބަލައިޒޭޝަން އޮންނަނީ ލިބިގަންނަންވީމައެވެ. ދޭންވީމާ ޒާތްޒާތުގެ ބަހަނާ ދައްކައިފައި އެކަމުން ރެކިގަނެއެވެ. ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި ބާއްވާތީ ގަތަރުގެ އަގުވައްޓާލައި ގަތަރަށް މަލާމާތާއި ފުރައްސާރަކުރުމުގެ ކަންތަކުން ފެނިގެންދަނީ މިސިފައެވެ. ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި މިކަމަށް ގަތަރުން އެދިނީ ވަރަށްވެސް މުނާސަބު، ވަރަށްވެސް އެކަށޭނަ ޖަވާބެކެވެ. ގަތަރުން އެކިޔައިދިނީ ގްލޯބަލައިޒޭޝަނާމެދު އިލާހީ ގާނޫނެވެ.