ދުނިޔެ

އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުހޯދުނު އިންތިޚާބަފަހު މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއް؟

އިމާދު ލަތީފު

މެލޭޝިޔާގައި އައު ސަރުކާރެއް ހޮވުމަށް މިހަފުތާގައި ރައްޔިތުން ވޯޓުދީފިއެވެ. ސިޔާސީ ނުތަނަވަސްކަމާއި ކޯޅުންތަކަށް ނިމުމެއް ގެނެސް ހަރުދަނާ ސަރުކާރެއް ގެނައުމުގެ ފޮނި އުންމީދުގައެވެ. އިގްތިސާދީގޮތުންނާއި އިޖުތިމާއީގޮތުން ގައުމަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލައި އަމާން އޮމާން ބަނދަރަކަށް ގައުމު ގެންގޮސްދޭނެ ހިކުމަތްތެރި ސަރުކާރެއް ފައިދާކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް ވަރަށް ދެރައެވެ. ނަތީޖާތައް ސާފުވެ ނިމުނުއިރު ކާމިޔާބު ލިބުނު ބައެއް ނެތެވެ. މެލޭޝިޔާގެ ޕާލަމެންޓަކީ 222 ގޮނޑީގެ މަޖިލީހަކަށްވާއިރު އެއްވެސް ޕާރޓީއަކަށް، ކޯލިޝަނަކަށް މިފަހަރު އަޣުލަބިއްޔަތެއް ނުހޯދުނެވެ. މިއީ މެލޭޝިޔާއަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން އިންތިޚާބެއްގައި މިގޮތް ދިމާވި ފުރަތަމަ ފަހަރެވެ. މިއީ އައު ކަމެކެވެ.

ސަރުކާރެއް އެކުލަވައިލުމަށް ޕާލަމެންޓުގައި މަދުވެގެން 112 މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ. މިދައްކަނީ އެ އަދަދަށް އެއްވެސް ބަޔަކަށް ގޮނޑި ނުހޯދުނު ވާހަކައެވެ. އެހެންވީމާ ދެން ސަރުކާރެއް އެކުލަވައިލެވެންއޮތީ އެއްބަޔަކު އަނެއްބަޔަކާ މަޝްވަރާކޮށްގެން އައު ކޯލިޝަނެއް ނުވަތަ ކޯލިޝަންތަކެއް ވުޖޫދުކޮށްގެންނެވެ. އެގޮތަށް އުފައްދާ ސަރުކާރެއް ހަރުދަނާވާނެތޯ، ކޯޅުންތަކެއްނެތި ދެމިއޮވެދާނެތޯ، އެއީ ސުވާލު އުފެދޭ ކަމެކެވެ. އެހެންނަމަވެސް މިނޫން އެހެން މަގެއް ނެތެވެ. ހަރުދަނާ ސަރުކާރެއް ގެނައުމުގެ ގޮތުން ބޭއްވި އިންތިޚާބުން މަގުފަހިވެގެން މިދިޔައީ ސިޔާސީ އިތުރު ނުތަނަވަސްކަމަކަށެވެ. މީގެކުރިން ތަޖުރިބާނުކުރާ ފެންވަރުގެ އުދާސްތަކަކަށެވެ. މެލޭޝިޔާގެ ރަސްގެފާނު ވަނީ ސަރުކާރެއް އުފެއްދުމުގެ މަޝްވަރާތައް އަވަހަށް ނިންމައި ހައްލަކާއިގެން އައުމަށް ސިޔާސީ ޕާޓީތަކަށް މުހުލަތެއްވެސް ދެއްވައިފައެވެ.

ޕާލަމެންޓުގެ 222 ގޮނޑީގެ ތެރެއިން އެންމެ ގިނަ ގޮނޑި ބެހިގެންދިޔައީ ވާދަވެރި ތަފާތު ތިން ކޯލިޝަނަކަށެވެ. އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ޕަކަޓާން ހަރަޕާން ކޯލިޝަނަށް 82 ގޮނޑިއެވެ. ކުރީގެ ބޮޑުވަޒީރެއްކަމަށްވާ މުހުޔިއްދީން ޔާސީނުގެ ޕެރިކާޓަން ނެސިނަލް އެލަޔަންސަށް 73 ގޮނޑިއެވެ. މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީގެ ބަރީސާން ނެސިނަލްއަށް 30 ގޮނޑިއެވެ. ބާކީ 37 ގޮނޑި ބެހިގެންދިޔައީ ސަރަހައްދީ ޕާޓީތަކަށާއި ވަކި އިއްތިހާދެއްގައި ނުހިމެނޭ ފަރާތްތަކަށެވެ. މުހުޔިއްދީނުގެ އެލަޔަންސުގެ އެންމެ ބޮޑު ޖަމާއަތަކީ މެލޭޝިޔާގެ ދީނީ ޕާރޓީއެވެ. މިއީ މަރަށް މަރުހިފުމާއި ވައްކަންކުރާ މީހުންގެ އަތްކެނޑުމާއި ކައިވެނިން ބޭރުގައި ގުޅުން ހިންގާ މީހުން ރަޖަމްކުރުންފަދަ ކަންކަން ގާނޫނުގެ ތެރެއަށް ގެންނަން ވަކާލާތުކުރާ ޕާޓީއެކެވެ.

ޕާލަމެންޓުގެ ގޮނޑިތައް ބެހިގެންދިޔަ ގޮތުން ސަރުކާރެއް އެކުލަވައިލުމަށް މިވަގުތު އެންމެ ފަސޭހަގޮތެއް ކަމަށް ފެންނަނީ އަންވަރު އިބްރާހީމާއި މުހުޔިއްދީން ޔާސީން ގުޅިވަޑައިގަތުމެވެ. ނުވަތަ މުހުޔިއްދީނު ޔާސީނުގެ އެލަޔަންސަށް ނިސްބަތްވާ ޕާޓީތަކުގެ ތެރެެއިން ދީނީ ޕާޓީކަމަށްވާ "ޕާސް" ކޮޅުބަދަލުކޮށްފައި އަންވަރުގެ ކޯލިޝަނާ ގުޅުމެވެ. އެކަމަކު މިއީ ނުވާނޭ ކަމެކެވެ. އެކަން އެހެން ނުވާނޭކަމަށް ޚުދު އަންވަރު އިބްރާހީމްވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސަރުކާރެއް އެކުލަވައިލެވުނަސް ނުލެވުނަސް ނުކުރައްވާނޭ ދެކަމެއް އެބައޮތްކަމުގައެވެ. އެއްކަމަކީ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީނާ ގުޅިވަޑައިގަތުމެވެ. ދެވަނަ ކަމަކީ ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރުގެ ޕާސްއާ ގުޅިގެން ކުރިއަށް ދިއުމެވެ. މިއީ އުސޫލީގޮތުން އޭނާގެ ޒަމީރު ގަބޫލުކުރާ ކަންކަމަށް ނުވާތީ މިކަންކަން ނުކުރައްވާނޭ ކަމަށް އަންވަރު ވިދާޅުވެއެވެ.

މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީއަކީވެސް އަންވަރު ވިދާޅުވާގޮތުން ގުޅިގެން އެކުގައި މަސައްކަތް ކުރެއްވޭނޭ ބޭފުޅެއް ނޫނެވެ. އަނެއްކޮޅުން މުހުޔިއްދީނު ވިދާޅުވެފައިވަނީ އަންވަރު އިބްރާހީމް ނޫން އެހެން އެންމެންނާއެކު މަސައްކަތް ކުރެއްވިދާނޭ ކަމަށާއި އަންވަރާއެކު ކޯލިޝަނެއް ނުހައްދަވާނޭ ކަމުގައެވެ. ޗައިނާ ދަރިކޮޅުގެ މީހުން ތަމްސީލުކުރާ ޕާޓީތަކާއި އިންޑިޔާ ދަރިކޮޅުގެ މީހުން ތަމްސީލުކުރާ ޕާޓީތައް ތިބީ އަންވަރާއެކުގައެވެ. މިބޭފުޅުންގެ ބަސްމަގަށް ވިސްނާއިރު މިހާރު އެންމެ ގާތްގޮތަކީ މުހުޔިއްދީނާއި އިސްމާއީލް ސަބްރީ އަލުން ގުޅިވަޑައިގަތުމެވެ. އެއަށްފަހު ސަރަހައްދީ ބައެއް ޕާޓީތައް ހަފޮޅުން އެތެރެކުރައްވައިގެން އައު ސަރުކާރެއް އެކުލަވައިލެއްވުމެވެ. ވިސްނުންތައް މިހާރު ހުރީ އެގޮތަށް ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. ފަރުދާގެ ފުރަގަހާއި ކުރިމަތީގައި ހުއްޓުމެއްނެތި މަޝްވަރާތައް އެދަނީ ކުރިއަށެވެ.

މެލޭޝިޔާގެ އެންމެ އިސްވެރިޔަކީ ރަސްގެފާނެވެ. މެލޭޝިޔާގެ ރަސްގެފާނަކީ ރަމްޒީ ބޭފުޅެކެވެ. އެހެންނަމަވެސް އިންތިޚާބަކަށްފަހު ނުވަތަ ސަރުކާރެއް ވެއްޓުމަށްފަހު ދެން އައު ސަރުކާރެއް އެކުލަވައިލުމަށް ޕާލަމެންޓުގެ ތެރެއިން ބޭފުޅަކަށް ދައުވަތު ދެއްވުމުގެ ބާރަކީ ގާނޫނީގޮތުން ރަސްގެފާނަށް އޮންނަ ބާރެކެވެ. މެލޭޝިޔާގެ ފެޑެރަލް ރަސްކަމަކީ އެކި ސްޓޭޓްތަކުގެ ރަސްކަލުންގެ މެދުގައި ދައުރުވާގޮތަށް އޮންނަ ރަސްކަމެކެވެ. މިހާރު ފެޑެރަލް ރަސްކަމުގެ ތަޚުތުގައި އެއިންނެވީ ޕަހާންގް ސްޓޭޓްގެ ރަސްގެފާނު އަބްދު ﷲ ރިޢާޔަތުއްދީން އަލްމުސްތަފާ ބިއްލާހި ޝާހެވެ. އެނގިފައިވާ ގޮތުގައި އައު ސަރުކާރެއް އެކުލަވައިލުމުގެ ދައުވަތު މުހުޔިއްދީނު ޔާސީނަށް ރަސްގެފާނު ދެއްވައިފިއެވެ. މުހުޔިއްދީނު ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ. އެހެންނަމަވެސް ތަފްސީލުތައް އަދިއޮތީ ވަންހަނާ