ފީފާ ވޯލްޑް ކަޕް 2022 ގެ މެޗުތައް ދައްކާ ވަގުތު މާލޭގެ ބައެއް މަގުތައް ބަންދު ކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދުކުރި އިއުލާނެއްގައި ބުނީ، ވޯލްޑްކަޕާ ދިމާކޮށް މާލޭގެ އެކި އެކި ސަރަހައްދުތައް މެޗް ބެލުމުގެ ގޮތުން ބަންދު ކުރުމަށް އެދި ސިޓީ ކައުންސިލަށް ހުށަހަޅަމުންދާ ކަމަށެވެ. އެހެންވެ މެޗުތައް ދައްކާ ގަޑީގައި ބައެއް މަގުތައް ބަންދުކުރަން ސިޓީ ކައުންސިލުން ނިންމީ ކަމަށެވެ.

"އެއީ މެޗް ފެށުމުގެ 30 މިނިޓް ކުރިން ފެށިގެން މެޗް ނިމި، އިތުރު 30 މިނިޓާއި ހަމައަށް،" ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނީ، މަގުތަކުގައި މެޗުތައް ދެއްކުމުގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މެޗު ނިމޭތާ 30 މިނިޓުގެ ތެރޭގައި މަގުތައް އާންމު ދަތުރުފަތުރު ކުރެވޭ ހާލަތައް ގެންނަން ޖެހޭނެ ކަމަށެވެ. މެޗު ދެއްކުމަށް ބަންދުކުރާ މަގުތަކުގެ މައުލޫމާތު ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ބަންދުކުރާ ނިންމާފައިވާ މަގުތަކުގެ ތެރޭގައި ޗާންދަނީމަގު ވޮއްކޮޅު ގޯޅި އާއި އިއްޒުންދީން މަގާއި ސަބުދެލި މަގު ގުޅޭ ސަރަހައްދާއި ލައިމޫން ކެފޭ ކުރިމައްޗާއި އަބަދަށްއުފާ މަގު އަދި ތަނޑި ރަތް މާ ގޯޅި ކަންމަތީގެ އިތުރުން ވީއާރް ކެފޭ ހިންގަމުންދާ ގާކޮށި ބީ208 ގެ އައުޓް ޑޯ ސަރަހައްދު އަދި ވެސްޓްޕާކް ސަރަހައްދުއެވެ.

ގަތަރުގައި މިފަހަރު ބާއްވާ ވޯލްޑް ކަޕްގައި ފުރަތަމަ ބައްދަލު ކުރާނީ ގަތަރާއި އެކުއެޑޯއެވެ. އެ މެޗު މިރޭ ރާއްޖެ ގަޑިން 9:00 ގައި ފަށާފައިވާ އިރު، މެޗު ކުޅެނީ ސްޓޭޑިއަމަކީ އަލް ހޯރުގެ އަލް ބައިތު ސްޓޭޑިއަމެވެ. ހުޅުވުމުގެ ރަސްމިއްޔާތު އެ ސްޓޭޑިއަމްގައި މިރޭ 7:30ގައި ވަނީ ބާއްވައިފައެވެ.