ދިރާގު ޓީވީއިން ވޯލްޑް ކަޕްގެ މެޗުތައް ބެލޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުގެ ޑައިރެކްޓާ އޮފް ބްރޭންޑް، މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝް މުހައްމަދު މިރްޝާން ހަސަން "ވަން" އަށް މިރޭ ވިދާޅުވީ ދިރާގު ޓީވީ މެދުވެރިކޮށް ޕީއެސްއެމްގެ ޔެސް ޓީވީ އަދި ރާއްޖެ ޓީވީން ވޯލްޑް ކަޕް މެޗްތައް ބެލޭނެ ކަމަށެވެ.
"ހުރިހާ މެޗެއް ބެލެން ހުންނާނެ، އެ ދެ ޗެނަލުން،" މިރްޝާން ވިދާޅުވިއެވެ.
ގަތަރުގައި މިފަހަރު ބާއްވާ ވޯލްޑް ކަޕްގައި ފުރަތަމަ ބައްދަލު ކުރާނީ ގަތަރާއި އެކުއެޑޯއެވެ. މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 9:00 ގައެވެ. މެޗު ކުޅޭނެ ސްޓޭޑިއަމަކީ އަލް ހޯރުގެ އަލް ބައިތު ސްޓޭޑިއަމެވެ. ހުޅުވުމުގެ ރަސްމިއްޔާތު އެ ސްޓޭޑިއަމްގައި މިރޭ 7:30ގައި ވަނީ ފަށައިފައެވެ.
ދިރާގު ޓީވީން ވޯލްޑް ކަޕް ދެއްކުމަށް ހަމަޖެހިފައިވާ އިރު، އެ ކުންފުނިން ވަނީ މުބާރާތާ ދިމާކޮށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަންތަކަކާ އެކު ދިރާގުގެ "ފުޓުބޯޅަ އީދު" އިފުތިތާހުކޮށްފައެވެ. ދިރާގު "ފުޓުބޯޅަ އީދު"ގެ ދަށުން މޯބައިލް ކަސްޓަމަރުންނާއި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތަކުގެ އިތުރުން ސޯޝަލް މީޑިއާ ކުއިޒް އެއްވެސް ވަނީ ތައާރަފުކޮށްފައެވެ.
ކްއިޒްގެ އިނާމުގެ ގޮތުގައި ކޮންމެ ފަސް ދުވަހަކުން ހޮވޭ ނަސީބުވެރިއަކަށް 3،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ. ފަސް ހަފުތާއަށް ކުރިއަށްގެންދާ މި ކުއިޒްގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފީއެސް ފައިވް އަކާއި ފީފާ 2023 ގޭމް ސީޑީ އެކެވެ. ބޮޑު އިނާމުގެ ނަސީބުވެރިޔާ ހޮވާނީ ކުއިޒްގައި ބައިވެރިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.
ދިރާގު ފުޓްބޯޅަ އީދު ކުރިއަށްދާނީ ވޯލްޑްކަޕް ކުރިއަށްދާ މުއްދަތުގައެވެ.
ޚަބަރު
ޚަބަރު