އޭޝިއާގެ އެންމެ ބޮޑު ޑައިވިން އެކްސްޕޯ "އޭޝިއާ ޑައިވް އެކްސްޕޯ - އެޑެކްސް" ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
ސްކޫބާ ޑައިވިންގެ އެންމެ މޮޅެތި ބްރޭންޑުތައް ދައްކާލާ އެޑެކްސްގެ ރާއްޖެ އެޑިޝަން ބާއްވާނީ މޯލްޑިވްސް މެރިން އެކްސްޕޯގެ އަށް ވަނަ އެޑިޝަނާ އެކުގައެވެ.
އެކަމުގެ އެއްބަސްވުމުގައި މީޑިއަމް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ސޮއިކޮށްފައިވާއިރު އެޑެކްސްގެ ފަރާތުން ސޮއިކުރެއްވީ އެ އެކްސްޕޯ އިންތިޒާމުކުރާ ޔޫޑަބްލިޔު360ގެ މެނޭޖިން ޑިރެކްޓަރު ޖޯން ތެޓް އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯ އަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ އިވެންޓަކަށް ވާތީ މި އިވެންޓް އިންތިޒާމު ކުރަނީ މީޑިއަމް ޕްރައިވެޓް ލިމިޓެޑުންނެވެ.
މި އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް 15 އިން 18 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މިހާތަނަށް 27 އަހަރަށްވުރެ ގިނަ ފަހަރު ސިންގަޕޫރުގައި އެޑެކްސް އެކްސްޕޯ ބާއްވާފައިވާއިރު މި އެކްސްޕޯ ފިލިޕީންސް, މެލޭޝިއާ، ޗައިނާ އަދި އިންޑިއާގައިވެސް ބާއްވާފައިވެ އެވެ.