ކޮވިޑުގެ ލޮކްޑައުނަށްފަހު ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފުރަތަމަ ކްރޫޒް ލައިނާ މާލެއަށް މިއަދު ބަނދަރުކޮށްފި އެވެ.
ސީޝެލްސް އިން ފުރައިގެން ރާއްޖެ އައި އެމްއެސް ޔޫރޮޕާ2 ނަމަކަށް ކިޔާ މި ކްރޫޒްލައިނާ މާލެ ބަނދަރުކޮށްފައިވަނީ ރޭ ފަތިހު އެވެ. މިއީ ހަތް ތަރީގެ ކްރޫޒް ލައިނާއެކެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ބަނަދަރު ކުރި ކްރޫޒްލައިނާ އަކީ އާއްމުކޮށް ރާއްޖެ އަންނަ ކްރޫޒް ލައިނާތަކަށް ވުރެ ކުޑަ އެއްޗެއް ކަމަށެވެ. މި ކްރޫޒް ލައިނާއިން 400 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިރު މި ދަތުރުގައި މާލެއަށް ފޭބުމަށް ރާވާފައި ނުވާ ކަމަށާއި ދަތުރު ނިންމާލައި ކްރޫޒްލައިނާ މާދަމާ ފުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މަލްޓާ އަށް ނިސްބަތްވާ އެމްއެސް ޔޫރޮޕާ2 ގެ ދިގުމިނުގައި 226 މީޓަރު (741 ފޫޓު) ހުރެއެވެ. 377 ކްރޫއިންގެ ޖާގައިގެ މި ކްރޫޒްލައިނާގައި 251 ޕެސެންޖަރު ކެބިން އާއި ހަތް ރެސްޓޯރެންޓާއި 15 މީޓަރު (49 ފޫޓު) ދިގު ޕޫލަކާއި ޖިމަކާއި ސްޕާއަކާއި ދެ ގޯލްފް ސިމިއުލޭޓަރު ހުރެ އެވެ.
މާޔާގެ އޮފިޝަލު ވިދާޅުވީ ކޮވިޑާއެކު ރާއްޖެއަށް ކްރޫޒްލައިނާތައް އައުން މެދުކެނޑިފައި އޮއްވައި ޔޫރޮޕާ2 ރާއްޖެ ގެނެވިފައިވަނީ މާޔާގެ މެންބަރުންގެ މިންނެތް ބުރަ މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކްރޫޒް ލައިނާތައް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށާއި އެގޮތުން އަންނަ ޑިސެބަރު މަހު ތިން ކްރޫޒްލައިނާ، ޖެނުއަރީ މަހު ދެ ކްރޫޒް ލައިނާ އަދި ފެބްރުއަރީ މަހު އެއް ކްރޫޒް ލައިނާ އަންނަން ހަމަޖެހިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު