ޓެކްނޮލޮޖީ

ވަޓްސްއެޕްގެ އެންމެ ފަހު އަޕްޑޭޓާއެކު ބޮޑު ބަދަލެއް

އާދަމް ނަސީރު

ވަޓްސްއެޕް އިން އަމިއްލަ މީހާގެ ނަމްބަރުން އަމިއްލަ މީހާ އަށް މެސެޖް ކުރެވޭނެ އާ ފީޗާއެއް ތައާރަފު ކޮށްފިއެވެ.

އަމިއްލައަށް ވަޓްސްއެޕް މެސެޖް ފޮނުވުމުގެ ގާބިލުކަން މިހާރު އެޕަލް އައިފޯން އަދި އެޕަލްގެ އައިއޯއެސް ބޭނުން ކުރާ އެހެން ހުރިހާ ޑިވައިސްތަކަށް، އައިޕެޑް އަދި މެކް ބުކް ގައިވެސް މި ހިދުމަތް ލިބެން ހުންނާނެ ކަމަށާއި އެ އެޕްގެ ވަރޝަން 22.23.74 އާއެކު މި ހިދުމަތް ތައާރަފު ކުރުމުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވަޓްސްއެޕް އިން ވަނީ ބުނެފައެވެ. ހަމަ އެއާއިއެކު އެންޑްރޮއިޑް ފޯނުތައް ބޭނުން ކުރާ މީހުންނަށްވެސް މި ފީޗާ ލިބޭނީ ވަޓްސްއެޕްގެ ވަރޝަން 2.22.23.77 އަށް އަޕްޑޭޓް ކުރުމުންނެވެ.

ވަޓްސްއެޕްގައި އަމިއްލައަށް މެސެޖު ކުރަން ޖެހޭނީ ކީއްވެގެން ހެއްޔެވެ؟ ފޯނުގައި ހުންނަ ލިންކު ތަކާއި ފޮޓޯ ކޮންޕިއުޓަރުގައި ނުވަތަ އައިޕެޑަށް ފޮނުވާލުމަކީ ބައެއް ފަހަރަށް ބޮޑު ތަކުލީފެކެވެ. އެކަން ހައްލުކުރުމަށް ވައިބަރ ބޭނުން ކުރާ މީހުން ބޭނުން ކުރާނީ ވައިބަރގައި ހުންނަ މައި ނޯޓަށް މެސްޖެއް ކޮށްލައިގެންނެވެ. އެހެން ކަމުން އެއް ޕްލެޓްފޯމުން އަނެއް ޕްލެޓްފޯމަކަށް އަމިއްލައަށް ފައިލްތައް ހިއްސާކުރުމަށް ކުރިން ވަޓްސްއެޕްގައި ނެތް މި ހިދުމަތް މިހާރު މިވަނީ ހިމަނައިދީފައެވެ.

އެކި އެކި މެސެޖިން ޕްލެޓްފޯމްތަކުން މިހާރު ވެސް އަމިއްލައަށް މެސެޖް ކުރުމުގެ ފުރުސަތު ލިބެ އެވެ. ޓެލެގްރާމް ފަދަ މެސެޖު ކުރެވޭ އެޕްލިކޭޝަންތަކުގައި ސޭވް ކުރެވޭނެ ނުވަތަ އަމިއްލައަށް މެސެޖު ކުރަމުން ގެންދެވޭނެ ޕްރައިވެޓް ޗެނަލްތައް ވެސް އުފެއްދެއެވެ. އެހެން ކަމުން މި ހުރިހާ އެޕް ތަކާއި ވާދަ ކުރުމަށް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ވަޓްސްއެޕްގައި އަމިއްލައަށް މެސެޖެއް ފޮނުވޭ ގޮތް ހެދުމަކީ ލިބުނު ފަސޭހައެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އަމިއްލައަށް ފޮނުވާ މެސެޖުތައް ލިންކް ކުރެވިފައިވާ ހުރިހާ ޑިވައިސްތަކެއްގެ ތެރެއިން ފެންނާނެއެވެ. މި މެސެޖް ނުވަތަ ޗެޓްތައް ވެސް ރައްކާތެރި ކުރުމަށް އެންކްރިޕްޝަން ހިމަނާފައިވާ ކަމަށް ވަޓްސްއެޕް އިން ބުނެއެވެ. ވަޓްސްއެޕް އަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ވައިބަރ އަށްވުރެ ރައްކާތެރި، ފަސޭހަ އިން މެސެޖް ކުރެވޭ އެޕްލިކޭޝަނެކެވެ.