އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑެމީ (އައިބާ) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އައިބާ ބެޑްމިންޓަން ޗެމްޕިއަންޝިޕް މިއަދު ފަށައިފިއެވެ.

އެކުވެނީގެ ބެޑްމިންޓަން އެރީނާގައި މިއަދު ފެށި މުބާރާތުގައި 95 އެތުލީޓުން ވާދަކުރެއެވެ. މުބާރާތް ފެށުމަށް މިއަދު ބޭއްވި އިވެންޓް ޝަރަފުވެރި ކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަހުމަދު ސައީދު (ތަމޫ)އެވެ.

މިއަދު ފެށި މުބާރާތުގެ މައިގަނޑު މަގުސަދަކީ އައިބާ އެކަޑެމީގެ ކުޅުންތެރިންގެ މެދުގައި ބެޑްމިންޓަނަށް އޮންނަ ލޯބި އިތުރުކޮށް، ކުޅުންތެރިންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަމެއް އުފައްދައި، ވާދަވެރި މެޗުތަކެއްގެ ތަޖުރިބާ ދިނުން ކަމަށް އިންތިޒާމު ކުރާ އައިބާއިން މައުލޫމާތު ދީފައިވެއެވެ.

އައިބާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ކުރިއަށްދާ އިރު، ކޮންމެ އިވެންޓެއްވެސް ކުޅެމުންދާ ކެޓަގަރައިޒް ކޮށްގެންނެވެ. އޭގެ އިތުރުން މުބާރާތުގައި ކިޑްސް ފިއެސްޓާ ކެޓަގަރީއެއްވެސް ކުރިއަށްދާނެއެވެ. އެއީ ވާދަވެރި ނޫންކޮށް ކުޅޭ މެޗުތަކެކެވެ.

ސިންގަލްސް މެޗުތައް ލީގު އުސޫލުން ކުޅެވިގެންދާ އިރު، މުބާރާތް ނިންމުން އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުއެވެ. މިއަދާއި މާދަމާގެ އިތުރުން ދެން މެޗުތައް އޮންނާނީ މިމަހުގެ 25 އަދި 26 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ތާރީހުގައި އެންމެ ފާހަގަކޮށްލެވޭ، އެންމެ ކާމިޔާބު އެއް އެތުލީޓް އަޖުފާން ރަޝީދު ހިންގަމުންދާ އައިބާ އެކަޑެމީއަކީ ބެޑްމިންޓަންގެ އާ ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން އޭނާ ކުރަމުންދާ މުހިއްމު މަސައްކަތެކެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާ އިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ.

މިހާރުވެސް ގައުމީ އެންމެ މަތީ ފަންތީގައި ކުޅެމުންދާ އަޖުފާން ކުރިން "ވަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނެފައި ވަނީ އިންޑިވިޖުއަލް ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މުބާރާތްތަކަށް ތައްޔާރުވެގެން ކްލަބުތަކުގެ ނަމުގައި ދިޔުން މަދު ކަމަށާއި އެ ކަޑެމީއަކީ ހުނަރުވެރި ކުޅުންތެރިން ތަމްރީނުކުރުމުގެ އިތުރުން އެފަދަ ފުރުސަތު ހޯދައިދޭނެ ޕްލެޓްފޯމަކަށް ވާނެ ކަމަށެވެ.