މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީއަށް ބަޔަކު ހަމަލާދީފިއެވެ.
އެމްއާރްއެމްއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، ޝިމާޒަށް ހަމަލާދީފައި ވަނީ މަގުމަތިން ކަމަށެވެ. އޭނާއަށް ހަމަލާދިން މީހުން ހޯދައި ކަމާ ބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގުކުރުމަށް އެމްއާރްއެމުން ވަނީ ގޮވާލައިފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދަން މީޑިއާ އޮފިޝަލަށް ގުޅައި، މެސެޖުކުރުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ޝިމާޒަށް ހަމަލާދީފައިވާ އިރު، މިދިޔަ ހަފުތާ ތެރޭގައި ބަޔަކު ވަނީ އޭނާގެ ސައިކަލަށްވެސް ގެއްލުންދީފައެވެ. އަދި ވަނީ ޝިމާޒަށް އިންޒާރުދީ މެސެޖުވެސް ކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ޝިމާޒަށް ވަނީ މީގެ ކުރިން މަރުގެ އިންޒާރުވެސް ދީފައެވެ.
ކޮރަޕްޝަންގެ މައްސަލަތަކެއްގައި ޝިމާޒު ހިމެނޭ ކަމަށް ތުހުމަތުކުރެވިގެން އޭނާގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލަތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިން ކަމަށް ތުހުމަތުވާ މައްސަލަތަކެއްވެސް ހިމެނެއެވެ.
އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޝިމާޒަށް ތުހުމަތު ކުރެވޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފައެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޝިމާޒަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިމަހުގެ އެއް ވަނަ ދުވަހު ސިޓީފުޅެއް ވެސް ފޮނުއްވައިފައެވެ.
އޭސީސީން މީގެ ކުރިން ވަނީ ޝިމާޒާ ގުޅޭ މައްސަލަތަކެއް ބަލައި، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓު ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަސާޖިއޯ ކިޔާ ކުންފުންޏަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލައަކާއި ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދަމުންދާ މައްސަލައެއްވެސް ހިމެނެއެވެ.
ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީން ވަނީ އެ މައްސަލަތައް އަނބުރާ އޭސީސީއަށް ފޮނުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު