މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން "ވުނަދާނަ ފެސްޓިވަލް"ގެ ނަމުގައި ހާއްސަ ފެސްޓިވަލެއް ބާއްވައިފިއެވެ.
ބީސީސީން މިއަދު ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ބީސީސީން ހުޅުވާލި ފުރުސަތުގައި 75 އަށްވުރެގިނަ ކުދިވިޔަފާރިތަކުން ބައިވެރިވުމަށް އެދި ފޯމު ހުށަހެޅި ކަމަށާއި ނަމަވެސް ތަނުގެ ޖާގަ ހުރިގޮތަށް ބަލައި، ފޯމު ހުށަހެޅި ތަރުތީބަށް ބަލައިގެން ފުރުސަތު ދިނީ 60 ފަރާތަކަށް ކަމަށެވެ.
މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި މި ފެސްޓިވަލުގައި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހިންގި ސްޓޯލްތަކުގައި ކާބޯތަކެތީގެ ވިޔަފާރިތަކާއި، އަތްތެރި މަސައްކަތުގެ އުފެއްދުންތައް އުފައްދާ ވިޔަފާރިތަކާއި، އަންނައުނުގެ ވިޔަފާރީގެ އިތުރުން އެހެނިހެން ބައެއް ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުގެ ސްޓޯލްތައްވެސް ހުއްޓެވެ.
ދެދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ފެސްޓިވަލުގެ ހަވީރުގެ ދަންފަޅީގައި ކުޑަކުދިންނަށް ބައިވެރި ވެވޭފަދަ ގިނަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވާއިރު ފެސްޓިވަލް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ މި ފެސްޓިވަލަށް ޒިޔާރަތްކުރައްވާފައެވެ.
ބީސީސީން ބުނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު އެކްސްޕޯޝާއެއް ލިބިގެންދިޔަ މި ފެސްޓިވަލުގެ ތެރެއިން ކުދި ވިޔަފާރިތަކުން ކުރަމުން އަންނަ މިންނެތް މަސައްކަތްތައް ފެނިގެން ދިޔައިރު "ތުއްތު" ވިޔަފާރިވެރިންގެ މަސައްކަތްތައްވެސް ފެނިގެންގޮސްފައިވާ ކަމަށެވެ.
މީގެކުރިންވެސް ކުދި ވިޔަފާރިތައް ހިންގަވާ ފަރާތްތަކަށް ހާއްސަކޮށްގެން މިފަދަ ބައެއް ފެސްޓިވަލްތައް ބީސީސީން ބާއްވާފައިވާއިރު 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބީސީސީން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެހީތެރިވެދިނުމަށް ވަރަށް ގިނަ ކަންތައްތައް ކޮށްފައިވެއެވެ.
އެގޮތުން ކުދި ވިޔަފާރިވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށްޓަކައި ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ހަތަރު ފިހާރައެއް ހިންގުމާއި، އޮފީސް މާހައުލެއްގެ ބޭނުންޖެހިފައިވާ ވިޔަފާރިތަކަށް އެފަދަ މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ވިޔަފާރީގެ ދާއިރާއިން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުވުމަށްޓަކައި ހިންގާ މޯލްޑިވްސް ބިޒްނަސް ނެޓްވޯކް އުފެއްދުމަކީ ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. މީގެއިތުރުން ބީސީސީން ހުޅުވަން ތައްޔާރުވާ އެސްއެމްއީ ހަބަކީވެސް މިރޮނގުން ކުދިވިޔަފާރިތަކަށް ފަހިކޮށްދެވޭ މުހިންމު ފުރުސަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު