ވާހަކަ

މޭ ފާރުވެ ޒަހަމްވުމުން - 55

1

ހުޅުވާފައި ހުރި ދޮރާ ދިމާލަށް ހުރިހާ މީހުންގެ ސަމާލުކަން ހުއްޓުނީ ފިރިހެން އަޑަކުން ސަލާމްގޮވާލި އަޑު އިވިފައެވެ. ދޮރުމަތީގައި ތިބި ފުލުހުންގެ ޓީމު ފެނުމުން ކުށްވެރިވެފައި ތިބި ތިން މީހުންނަށް ދެކަމު އެއްކޮށް ނުދެވި ތިބީ ކިރިޔަ ކިރިޔާއެވެ.

*****

އެތެރެއިން ސަލާމް ބަލައިގަތީ އަޔާލްއެވެ. ޝަލްބިޔާ އާއި ޝާހްބާޒްގެ ގައިގައި އަނގައިން ބުނެލާނެ ހިތްވަރެއްވެސް ނެތެވެ. އެތެރެއަށް ވަދެގެން އައި ލޫކާއި ބަރަކްގެ އިތުރުން އަދި ދެ ފިރިހެން އޮފިސަރުން އައިސް މަޑުކޮށްލީ ކުއްވެރިވެފައި ތިބި ތިން ފިރިހެނުންގެ ކުރިމަތީގައެވެ. އަތުގައި ހުރި ކޯޓް އުމުރުތައް ވަކިވަކިން އެ މީހަކަށްދީފައި އެމީހުން މަޑުކޮށްލިއެވެ. ކޯޓު އަމުރަށް ބަލައިލި ނަމަވެސް އެކަކަށްވެސް އޭގައި އޮތް އެއްޗެއް ބަލާލެވޭ ގޮތެއް ނުވިއެވެ. ކޮންމެ މީހަކުވެސް ހުރީ ހިތްބިރުގަނެ ޖެހިލުންވެފައެވެ.

ތިން ފިރިހެނުންނަށް ހައްޔަރުކުރެވޭ ސަބަބު އަނގައިން ބަރަކް އިއްވިއެވެ. އެ އަޑު ތަނުގައި ތިބި ހުރިހާ މީހުންނަށް އިވުނެވެ.

"ދުރުވޭ އަޅުގަނޑުމެނާއެކު" ބަރަކް ބުންޏެވެ.

އިސްޖަހާލައިގެން ޒަކްވާނާއި ޒަހީރު ހިނގައިގަތެވެ. އެހެންނަމަވެސް ހުރި ތަނުގައި ގުޑިވެސްނުލައި ނަހީކް ހުއްޓެވެ. އޭނާގެ ދެލޮލުގައި ކަރުނަތައް ހުރީ ފައިބައި ގަންނަން ތައްޔާރަށެވެ. އެއްވެސް މީހަކު އޭނާއަށް ރަހުމު ނުކުރާކަން އެނގި ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް އޭނާ ބަލައިލިއެވެ. ނަހާގެ އަތުގެ ތެރޭގައި ހުރި ރިންދާއަށް ތަންކޮޅެއް ގިނައިރު ނަހީކަށް ބަލަން ހުރެވުނެވެ. އެ އަންހެންކުއްޖާ އަތުން ބީވެއްޖެކަން ގަބޫލުކުރަން އަދިވެސް އޭނާގެ ޒަމީރު އެއްބަހެއް ނުވެއެވެ.

"އަޅުގަނޑުމެނާއެކު ދުރުވޭ" އަނެއްކާވެސް ބަރަކް ބުންޏެވެ.

ލަސްލަހުން އެއް ފިޔަވަޅު ކުރިއަށް ނަހީކް އެޅިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދާން ބޭނުމެއް ނުވެއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ މިހުރިހާ ދުވަހު އެމީހަކަށް އޭނާ އިންތިހާއަށް ނަފުރަތުކުރަމުން އައި އޭނާގެ އުފަން ބައްޕައެވެ. ޝާހްބާޒްގެ ދެލޮލުން ކަރުނަ ހުސްނުވެއެވެ. ބަހެއްކިޔަން އުޅުނަސް އެ ހިތްވަރުވެސް ޝާހްބާޒަށް ނުލިބިފައި ހުރި ކަހަލައެވެ. އެ ބައްޕަ މިއަދު ކަރުނަ އަޅަމުން އެދަނީ އޭނާއަށްޓަކައިކަން ފުރަތަމަ ފަހަރަށް ނަހީކަށް ގަބޫލުކުރެވުނެވެ. އޭނާ ހިތަށް އެރިއެވެ. އެއްވެސް މީހަކު އޭނާއަށް ރަހުމުނުކުރިޔަސް އެ ބައްޕަ ކުރާނެއެވެ. އޭނާ ކިތަންމެ ނަފުރަތެއް ކުރި ނަމަވެސް އެ ބައްޕަ ދިރި ހުރިހާ ހިނދަކު އޭނާގެ ލޯތްބަށް އެދިއެދި ހުއްޓެވެ.

"ބައްޕާ...." ކުރިއަށް ފިޔަވަޅު އަޅަމުން ގޮސް ނަހީކް ހުއްޓުނީ ޝާހްބާޒްގެ ކުރިމަތީގައެވެ. އަތުގައި އޮތް ކަރުދާސްގަނޑާއެކު ޝާހްބާޒްގެ ގައިގައި ނަހީކް ހިފައިގަތެވެ.

"އަހަރެން ސަލާމަތްކޮށްދީ. އަހަރެން އެމީހުނާއެކު ނުފޮނުވާ" ނަހީކް ރޯންފެށިއެވެ.

ޖަޒުބާތުގައި ޖެހި ޝާހްބާޒް ނަހީކްގެ ގައިގައި ދެއަތުން ހިފަހައްޓާލިއެވެ. ދޮށީ ދަރިފުޅުގެ ދުލުން 'ބައްޕަ' މި ލަފްޒު އަޑުއަހާ ހިތުން އޭނާގެ ދެކަންފަތް ކޮޅަށްޖެހިފައި ހުންނަތާ އެތައް ދުވަހެކެވެ. މިއަދު އެދަރިފުޅު އެ އައީ އޭނާގެ ފަރާތުން ހިމާޔަތެއް އެދިއެވެ. އެއީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. އެއްވެސް މީހަކު އަޅާނުލާނޭކަން އެނގުމުން އޭނާއަށް ބަފައެއް ދުނިޔޭގައި ހުރިކަން ހަނދާންވެއްޖެއެވެ.

"ބައްޕާ. އަހަރެން ގެންދޭ. އެކަން ކުރީ މަށެއް ނޫން. ޒޭވާ.... ޒޭވާ އެކަންކުރީ" ނަހީކް ކިޔަމުން ދިޔައެވެ.

ޝާހްބާޒަށް އެއްކަމެއްވެސް ނުކުރެވުނެވެ. އޭނާ ޖެހުނީ ނަހީކާ ދެތިން ފިޔަވަޅު ފަހަތަށެވެ. ގޮތްހުސްވެފައިވާ ހާލު ޝާހްބާޒް ދުރަށް ޖެހުމުން ނަހީކް ގަބު އެރިއެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ. ސުލްހަވެރިކަމާއެކު ނަހީކް ނުދާނޭކަން އެނގުމުން ފުލުހުންގެ ޓީމަށް މަޖުބޫރުވީ ނަހީކްގެ ދެއަތުގައި ބިޑިއަޅުވާށެވެ. އެކަންކުރީ ބަރަކެވެ.

ފުލުހުންގެ ހަތަރު އޮފިސަރުންނާއެކު ޒަހީރާއި ޒަކްވާން ނުކުމެގެން ދިޔައިރު ނަހީކް ހުރީ ތަންކޮޅެއް ފަހަތުގައެވެ. އޭނާ ނުކުމެގެންދިޔަ ދިމާލަށް ބަލަހައްޓައިގެން ޝާހްބާޒާއި ޝަލްބިޔާ ހުރީ ހިތްފަޅައިގެންދާ ހާލުގައެވެ.

ކުއްލިއަކަށް އެންމެންވެސް ބަލައިލީ މީހަކު ތިރިއަށް ވެއްޓުނު އަޑަށެވެ. އޭރު ޝަލްބިޔާ އޮތީ މުށިތަކުގެ މަތީގައެވެ. ނަހާ އާއި ރިންދާ ޝަލްބިޔާ ގާތަށް ޖެހިލިއެވެ. އޭނާ އޮތީ ހަބަރު ހުސްވެފައިކަން އެނގުމުން އަޔާލް އާއި ޝާހްބާޒްވެގެން ޝަލްބިޔާ އުފުލާލުމަށްފަހު ސޯފާގައި ބޭއްވިއެވެ. ވިލިނީ ގެނެސްދިން ފެންތަށިން ނަހާ ދެތިންފަހަރު ނަހާގެ މޫނަށް ފެން ބުރުވާލިއެވެ. އެހިނދު ޝަލްބިޔާ އެސްފިޔަތައް ތަޅުވާލުމަށްފަހު ދެލޯ ހުޅުވާލިއެވެ.

************

ހިކި ފަނެއްގައި އަލިފާން ރޯވެގެންދާހާ ހަލުވި މިނުގައި އެ ހަބަރު ފެތުރެން ފަށައިފިއެވެ. އެކި މީޑިޔާތަކުގައި އެކި ގޮތަށެވެ. ބައެއް މީހުން ފޮޓޯ އާއި ވީޑިއޯތައް ނަގަމުން ދިޔައެވެ. ވެހިކަލަށް އެރެންދެން ތިން ފިރިހެނުންވެސް ތިބީ މޫނުގައި އަތްއަޅައި ފޮރުވައިގެންނެވެ. ހަޔާތުގައި މިހާ ލަދުގަތް ދުވަހެއް އަދި ނުދެއެވެ.

"މިއީ ކަލޭގެ ކަންތައް. ކަލޭ ފިރިހެން **ކުޅެން އުޅުނީމަ ވީގޮތް. ކަލޭގެ ސަބަބުން މަގޭ ރިންދާ އެގެއްލުނީ" ވެހިކަލް ތެރޭގައި ނަހީކް ހަޅޭއްލަވަމުން ދިޔައިރު ޒަކްވާން އިނީ އިސްތިރިކޮށްލައިގެންނެވެ.

އަމިއްލައަށް އައިސް އަނދަވަޅަކަށް ވެއްޓުނީތީ ރާއްޖެ އާދެވުނު މޮޔަހީވެފައެވެ. އެންމެފަހުން ނަހީކް މައިތިރިވީ މަޑުން އިނުމަށް ފުލުހުން އެތައް ފަހަރަކު ބުނެ އެންމެފަހުން އިންޒާރު ދިނުމުންނެވެ.

ފުލުހުންގެ މަރުކަޒަށް ތިން މީހުން ވައްދާފައި ބޭއްތިއްބީ ދުރުދުރުގައެވެ. ތިން މީހުން ތިބީ ފާރާ ދިމާލަށް މޫނުވާނެހެންނެވެ. އެކަކު އަނެކަކާ ވާހަކަދެއްކުން މަނާކޮށްފައެވެ. ހިތްބަލިކަމުން އެވަގުތު ރޮމުން ދިޔައީ ހަމައެކަނި ޒަކްވާނެވެ. ދެން ވާނެގޮތެއް ނޭނގޭތީ އޭނާ އިނީ އިންތިހާ ދަރަޖައަށް ބިރުގެންފައެވެ.

"އަހަރެންގެ ވަކީލުންގެ ޓީމެއް މިރާއްޖޭގަވެސް އުޅޭނެ. އަހަރެންނަށް އެމީހުންނަށް ގުޅައިދީ" ހަށިގަނޑު ބަލައި ފާސްކުރުމާއި ހައްޔަރާ ގުޅޭ އެހެނިހެން ލިޔެކިޔުން ފުރިހަމަ ކުރުމަށް އެތެރެއަށް ވެއްދި ވަގުތު ޒަހީރު ބުންޏެވެ.

އެހެންނަމަވެސް ފުލުސް އޮފިސަރު އޭނާ ކުރާ ސުވާލަކަށް ޖަވާބު ނުދެއެވެ. އެވަގުތު އޭނާގެ އަތުގައި ހުރި ސާމާނުތަކާއި އެހެންހިހެން އެއްޗެހި އަތުލުމަށްފަހު އޭނާގެ ކުރިމަތީގައި އެ އެއްޗެހި ޕެކްކޮށް އޭނާއަށް އަތުން އަތުލެވުނު ތަކެތީގެ ލިސްޓްދިނެވެ. ދެން ގެންދިޔައީ ހަށިގަނޑު ބަލައި ފާސްކުރާށެވެ.

**********

މަންޒަރު ލޯމައްޗަށް ސިފަވާން ފެށުމާއެކު އަނެއްކާވެސް ޝަލްބިޔާގެ ދެލޮލުން ފައިބައިގަތީ ތާޒާ ކަރުނަތަކެވެ. އޭނާ ދުނިޔެމަތިން ފޫހިވެއްޖެއެވެ. އޭނާއަށް އަޅާލާނެ އޯގާތެރިވާނެ އެއްވެސް މީހަކު ނެތެވެ. ލޯމަތީގައި ހުރި ހަމައެކަނި ދަރިފުޅު އެވަނީ ދުވަހަކުވެސް ސަލާމަތްނުވާނޭ ބޮޑު ކުށެއްގައި ބަނދެވިފައެވެ. އެދަރިފުޅުގެ ހިތުގައި މައިމީހާއަށްޓަކައި ޒައްރެއްގެ މިންވަރަށްވެސް ލޯތްބެއް އޮތްނަމަ އެވަރުގެ ކަމެއްގެ ތެރެއަށް ނުވަނީހެވެ.

"ހިނގާ އެއްޗެއް ކާން" ނަހާ ބުންޏެވެ. އަދިވެސް އެމީހުން ތިބީ ނަހީކްގެ ގޭގައެވެ.

"ނޫން. އަހަރެން ބަނޑުހައެއްނުވޭ" ޝަލްބިޔާ ބުންޏެވެ.

ނަހާ ބަލައިލީ ޝާހްބާޒްގެ މޫނަށެވެ. އޮތްތަނަށް ޝަލްބިޔާ އެކަނި ހާލައިގެން ދޫކޮށްލާފައި ދާން އެ ދެމަފިރިންނަށް ނުކެރުނިއެވެ. އިންސާނިއްޔަތަށްޓަކައެވެ. އެއީ އެކަނިހުރި މީހަކަށް ވީމައެވެ.

"ހިނގާ އަހަރެންނާއެކު" ޝާހްބާޒް ބުންޏެވެ.

ޝަލްބިޔާ ޝާހްބާޒަށް ބަލައިލިއެވެ. އޭނާ ފަދައިން ޝާހްބާޒް ހަބަރު ހުސްވެގެން ނުވެއްޓުނެއް ކަމަކު ޝާހްބާޒް ދެރަވެ ރުއިތަން އޭނާ ދުއްޓެވެ.

*******

ބެލް ޖަހަން ފެށުމާއެކު ދޮރުހުޅުވީ ބެގަރީއެވެ. ނަހާ އާއި ޝާހްބާޒް ދެމެދުގައި ހުރި ޝަލްބިޔާ ފެނުމުން ބެގަރީ އިސްޖެހިއެވެ. ޝަލްބިޔާއަށް ވެސް ވީ އެވަރެވެ. އޭނާ ހިތުން ބެގަރީ ގައުމަށް ހިނގައްޖެއެވެ. މާލޭގައި ހުރިކަމެއް އަމުދުން ޝާހްބާޒްގެ ގޭގައި ހުރިކަމެއް އޭނާއަށް ނޭނގެއެވެ. ބެގަރީ އިސްއުފުލާ ޝަލްބިޔާއަށް ބަލައިލިއެވެ. އިންސާފަށްޓަކައި ދޮގު ހެދުނީތީ އޭނާ ޝަލްބިޔާގެ ކިބައިން މައާފަށް އެދެން ބޭނުންވިއެވެ. އެހެންނަމަވެސް ޝަލްބިޔާ ހުރި ހާލަތު ފެނިފައި އޭނާއަށް އެއްޗެއް ނުބުނެވުނެވެ. އޭނާ ޝަލްބިޔާއަށް ހަމްދަރުދީވިއެވެ.

"މިތާ އިށީންނަންވީނުން. އަހަރެން އެބަ އަންނަން ކާލާނެ އެއްޗެއް ހިފައިގެން" ސޯފާ އާ ހަމައަށް ގޮސްފައި ނަހާ ބުންޏެވެ. ދެން ފަހަތަށް އެނބުރި ރިންދާއަށް ބަލައިލިއެވެ. ސޯފާގައި އިށީނދެވެންދެން ޝަލްބިޔާގެ ގައިގައި ހިފަހައްޓާލާށޭ ބުނި ކަހަލައެވެ. ރިންދާ ޝަލްބިޔާ އާ ކައިރިވެލިއެވެ.

ހިމޭންކަމާއެކު ސޯފާގައި އިން ޝަލްބިޔާގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ ރިންދާގެ ފަހަތުން ކޮޓަރިއަކާ ދިމާލަށް ދިޔަ ވިލިނީއެވެ. އޭނާ ވިލިނީގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ބޭރަށް ނުކުމެފައިވާ ވިލިނީގެ ބަނޑަށެވެ. ރިންދާ އާއި ވިލިނީ ފަހަތުން ޝަލްބިޔާ ހިނގައިގަތް ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ.

ވިލިނީގެ މޫނުމައްޗަށް ވެރިވެފައިވަނީ ވަރުބަލިކަމެވެ. އެތައް އިރަކު އޭނާއަށް ތަނެއްގައި އިށީނދެނުލައި ވަގުތުތަކެއް ހޭދަކުރެވިއްޖެއެވެ. ބުރަކަށީގައި ރިއްސާކަންވެސް އިހުސާސް ކުރެވެން ފަށައިފިއެވެ. ރިންދާ ފާހާނާއަށް ވަނުމުން ވިލިނީ އިށީނީ ރިންދާގެ އެނދުގައެވެ. ހަށިގަނޑަށް އަރާމެއް ބޭނުންވެފައި ހުރި ކަހަލައެވެ. އެހެންނަމަވެސް އެނދުގައި ރަނގަޅަށް ހަމަޖެހިނުލެވެނީސް ކައްޓެއްހެން އޭނާ ކޮޅަށް ޖެހިއްޖެއެވެ. ދޮރުމަތީގައި ޝަލްބިޔާ ހުރިތަން ފެނިފައެވެ. ވިލިނީ ހީލީ ގަދަކަމުންނެވެ. ކުއްލިއަކަށް ޝަލްބިޔާ އައިސް ކައިރީގައި ހުއްޓުމުން ވާހަކަދައްކަން ވިލިނީއަށް ނުކެރިފައި ހުއްޓެވެ. އޭނާއަށް ޝަލްބިޔާ އާ މުހާތަބު ކުރާނެ ގޮތެއް ނޭނގުނެވެ. ސިކުންތަކު ދެފަހަރު އޭނާއަށް ބެލެނީ ފާހާނާގެ ދޮރާ ދިމާލަށެވެ.

"ދަރިފުޅާ" ޝަލްބިޔާގެ ކުރެހިފައިވާ އަޑު ނުކުތެވެ. ޔަގީނުންވެސް އޭނާ 'ދަރިފުޅު' ގެ ނަމުން މުހާތަބުކުރީ ވިލިނީއަކަށް ނޫންކަން އޭނާއަށް ޔަގީންވެއެވެ. ޝަލްބިޔާގެ އަތް ގެންގޮސް ވިލިނީގެ ބަނޑުގައި ޖައްސާލާފައިވާ އިރު އޭނާ ވާހަކަދައްކަމުން އެދަނީ މާމަ ދަރިފުޅާއެވެ.

"މާމަގެ ކުޑަކުޑަ ދަރިފުޅާ" ޝަލްބިޔާ ވާހަކަދެއްކިއެވެ.

ފާހާނައިން ނުކުތް ރިންދާއަށް ފެނުނު މަންޒަރަކުން ހުއްޓުން އެރިއެވެ. ބައެއްފަހަރު ރޮމުން އަނެއްބައިފަހަރު ހެމުން ވިލިނީ ކުރިމަތީގައި ހުރި ޝަލްބިޔާ ވިލިނީގެ ދަރިފުޅާ ވާހަކަދައްކަމުން ދިޔައެވެ. ޝަލްބިޔާ ހޯދަމުން ރިންދާގެ ކޮޓަރިއަށް އައިސް ވަން ނަހާއަށްވެސް އެ މަންޒަރު ފެނުމުން ދެރަވިއެވެ. ދަރިންކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި އުމުރަށް ކަރުއަޅަން މިޖެހެނީ ނިކަމެތި މައިމީހާއެވެ. މިއަދު ޝަލްބިޔާ އެވަނީ އަޅާލާނެ އެއްވެސް ޔާރެއްއިޔާރެއް ނެތި ބިކަވެފައެވެ. ބޯހިޔާކޮށްލާނެ ގެއެއް ނޫން އެހެން އެއްވެސް އެއްޗެއް އޭނާގެ ނެތެވެ.

"މަންމައަށް މައާފުކުރޭ ދަރިފުޅުމެން. ނަހީކް ކައިވެންޏެއް ކުރިކަމެއް މި މަންމައަށް ނޭނގޭ. އެނގޭނަމަ ކޮންމެ ހާލެއްގައިވެސް ތި ދެމައިން ރައްކާތެރިކުރީމުސް. ހުރިހާ ކަމެއް މަންމައަށް އެނގުނު އިރު ވަގުތު ފާއިތުވެއްޖެ. ތިއިން އެއްވެސް ކުއްޖެއްދެކެ އަހަރެން ނަފުރަތެއް ނުކުރަން. ނަހީކަކީ އަހަރެންގެ ދަރިއެއްކަން ޔަގީން. އެއީ އަހަރެންގެ މުޅި ދުނިޔެ. އެކުއްޖާ ދުނިޔޭގައި ނެތި އެންމެ ސިކުންތެއްވެސް އަހަރެން މިދުނިޔެ ބޭނުމެއް ނޫން. ދެރަވޭ. ވަރަށް ބޮޑަށް ހިތުގައިޖެހޭ. ދެން ދުނިޔޭގެ އުޅޭނެ ގޮތެއްވެސް ނޭނގޭ. އެކަމަކުވެސް އަހަރެން އޭނަ ސަލާމަތްކުރާކަށް ނުދާނަން. އަހަރެން ބޭނުންވަނީ އޭނައަށް އެކުރި ކުށަށް އަދަބު ލިބެން" ޝަލްބިޔާ ވާހަކަދެއްކިއެވެ.

އޭނާގެ އެއް އަތް ވަނީ ވިލިނީގެ ކޮނޑުމަތީގައެވެ. ހިތްހެޔޮކަމާއެކު ޝަލްބިޔާ ވާހަކަދެއްކިޔަސް ވިލިނީ ހުރީ ބީރައްޓެހިވެފައެވެ. އޭނާއަށް ދައްކާނެ ވާހަކައެއް ނޭނގިފައެވެ.

"އަހަރެން ރިދާއަށްވެސް ހިތްބުރަކަމެއް ނެތް" ރިންދާއަށް ޝަލްބިޔާ ބުނެލިއެވެ.

*******

މުޅިން އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. ރިންދާ އާއި އަޔާލްގެ ދިރިއުޅުމަށް ބާހާރު މޫސުން އައި ކަހަލައެވެ. އެތައް ދުވަހަކުން ފެށިގެން ދެ ޒުވާނުން އިންތިޒާރުކުރަމުން އައި ދުވަސް ޖެހިއްޖެއެވެ. ބޭނުންވި ގޮތަށް ހުރިހާ ކަމެއް ދިޔުމުން ރިންދާގެ ހިތަށް ވަނީ ހަމަޖެހުން ލިބިފައެވެ. އެހެންނަމަވެސް އެ އުފާވެރިކަން އަދި ފުރިހަމަ ވާނީ ރަނީންގެ ގާތިލުންގެ މައްޗަށް ކުށް ސާބިތުވެ މުޅި އުމުރަށް ޖަލުގެ ތޭރިތަކުގެ އެތެރޭގައި ތާށިވާނެ ދުވަހަކުންނެވެ.

ކައިވެނީގެ މަޖިލިސް އޮތީ ރޭގަނޑު ރިންދާގެ ގޭގައެވެ. ކުރީ ދުވަހު ހިނގި ކަންތައް ހިތުން ނެރެފައިވެސް ރިންދާއަށްޓަކައި ގޭތެރެ ތައްޔާރުކުރުމުގައި ޝާހްބާޒް ހަރަކާތްތެރިވަމުން ދިޔައެވެ. ޝަލްބިޔާ ކޮޓަރިން ނުނިކުމެއެވެ. ހީވާގޮތުން ޝާހްބާޒާއި ނަހާގެ ކުރިމައްޗަށް އަރަން އޭނާ ހުރީ ލަދުންނެވެ.

ކޮޓަރިއެއްގެ ތަޅު ހުޅުވާލި އަޑަށް ބަދިގޭގައި ބުރަކޮށް އުޅުނު ނަހާ ބޯއަރިކޮށްލާފައި ބަލައިލިއެވެ. ރަނީންގެ ކޮޓަރިއަށް ރިންދާ ވަންތަން ފެނުމުން ނަހާގެ ނިތަށް ރޫއެރިއެވެ. އެކޮޓަރި ނުހުޅުވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ވީއިރު މިއަދު ރިންދާ އެކޮޓަރިއަށް ވަންތަން ފެނުމުން ނަހާގެ ހިތުގައި ސުވާލު އުފެދުނެވެ. އުނދުން ނިއްވާލާފައި އޭނާ ރިންދާ ފަހަތުން ހިނގައިގަތެވެ.

ރިންދާ މަޑުކޮށްލީ ފަރުނީޗަރުގައި ފޮތިއަޅައި ސާފުކޮށްފައި އޮތް ކޮޓަރީގެ މެދުގައެވެ. އޭނާ ވަށައިގެން ހުރިހާ ދިމާލެއް ބަލައިލިއެވެ. އެ ކޮޓަރި ތެރޭގައި ރަނީން އުޅޭނެ ގޮތް ހިތަށް ސިފަވުމާއެކު ރިންދާއަށް ހެވުނެވެ. ހަމަ އެސިކުންތުގައި އޭނާގެ ދެލޮލުން ކަރުނަ އޮހިގަތެވެ. އަތުގައި އޮތް ރަނީންގެ ފޮޓޯ ފްރޭމަށް ރިންދާ ބަލައިލިއެވެ. އެއީ ދެކުދިން އެކުގައި ނެގި އެންމެ ފަހުގެ ފޮޓޯއެވެ. އެ ފޮޓޯ ރިންދާ ބޮޑުކުރީ ރަނީން ނިޔާވި ފަހުންނެވެ.

"ރަންނީ... މަގޭ ލޯބި ރަންނީ... އަހަރެން އެމީހުން ހޯދައިފިން. އެ ނުބައި އަމަލު ހިންގި މީހުން ހައްޔަރުކޮށްފި. ރަންނިއަށް އިންސާފު ލިބިއްޖެ. އެކަކުވެސް ދުލެއް ނުކުރިން. ވަރަށް ހަނދާންވޭ. ވަރަށް ވަރަށް ހަނދާންވޭ. މާތްﷲ އިރާދަފުޅުކުރެއްވިއްޔާ ޖަންނަތުން އަހަރެމެން ބައްދަލުވާނެ" ރަނީންގެ ފޮޓޯއަށް ބަލަހައްޓައިގެން ހުރެ ރިންދާ ވާހަކަދެއްކިއެވެ. އޭނާއަށް ސިހުމެއް ލިބުނީ ފަހަތުގައި ހުރި ނަހާ އޭނާގެ ކޮނޑުގައި އަތް ބޭއްވުމުންނެވެ. ރިންދާ ބަލައިލުމާއެކު ނަހާ ރިންދާގެ ގައިގައި ބައްދާލިއެވެ. ބުރަކަށީގައި ފިރުމާލިއެވެ.

"ﷲ އިރާދަފުޅުން އަހަރެމެން ޖަންނަތުގަ ވާނީ އެކުގަ" ނަހާވެސް ހުރީ ޖަޒުބާތުގައި ޖެހިފައެވެ. ރިންދާ އާ ހިލާފަށް ރަނީންގެ މަރަށްފަހު ނަހާއަށް ރަނީންގެ ފޮޓޯއެއްވެސް ބަލާކަށް ނުކެރެއެވެ. މައިމީހާއަށް ވީތީ ފޮޓޯއަކުން ރަނީން ފެނުނަސް އޭނާގެ ލަގޮނޑިއަށް ބާރުވެއެވެ.

"މަންމާ، އަޅުގަނޑަށް ކުށެއް ކުރެވިއްޖެ. އަހަރެން އެކަމާ ދެރަވަން" ރިންދާ ބުންޏެވެ. ނަހާ ހައިރާންވިއެވެ. އަނެއްކާ ރިންދާކުރީ ކޮންކަހަލަ ކުށެއް ހެއްޔެވެ؟ ރިންދާގެ ދެއަތުގައި ހިފައި ފަހަތަށް ޖައްސާލުމަށްފަހު ހައިރާންކަން އެކުލެވިގެންވި ނަޒަރަކުން ނަހާ ރިންދާއަށް ބަލައިލިއެވެ.

"ކީއްކުރީ؟ އަނެއްކާ..."

"ނޫން. މަންމަ ތި ހީކުރާ ކަހަލަ ކަމެއް ނޫން. އަޅުގަނޑު.... އަޅުގަނޑު ނަހީކާއެކު ލޯބީގެ ޑްރާމާއެއް ކުޅުނީ. އެއީ ރަންނިއަށް އިންސާފު ހޯދައިދޭން މިކުރި ދަތުރުގެ ތެރެއިން އަޅުގަނޑު ކުރިކަމެއް. ނަހީކްގެ ރުހުން ހޯދައިގެން ކުރިއަށްދެވެން އޮތީމަ. އަޅުގަނޑުވެސް އެހެން ކަންތައްކޮށްގެން ނުވާނެއްނު ދޯ. މިރޭ އަޅުގަނޑުގެ އަލަތު ކައިވެނި ކުރެވޭ އިރު އެކަމުގެ ސަބަބުން އަޅުގަނޑުގެ ކައިވެންޏަށް އެއްވެސް ނޭދޭވޭ އަސަރެއް ކުރާކަށް ބޭނުމެއް ނޫން" ރިންދާ ވާހަކަދައްކަމުން ދިޔައެވެ.

"ދަރިފުޅު ތިކުރީ ކޮށްގެންވާނެ ކަމެއް ނޫން. ދޮގުހެދުމާއި މަކަރު ހެދުމަކީ އެމީހަކު ފާފަވެރިވާނޭ ކަމެއް. އެކަމަކުވެސް ތައުބާވުން އޮވޭ. އިންސާނާ ނޭވާ ހޮޅިއަށް އެޅުމާ ހަމައަށް ތައުބާވުމުގެ ދޮރު ބަންދެއް ނުވޭ. އެހެންވީމަ ހާލިސް ހިތަކައިގެން ދަރިފުޅު ތައުބާވޭ. ހަމައެކަނި އެކަމަކަށް ނޫން. އެނގިގެން ނަމަވެސް ނޭނގި ނަމަވެސް ކުރެވުނު ހުރިހާ ކަމަކަށް. އެމީހަކު ތައުބާވި މިންވަރަކުން ހެޔޮ ގޮތްގޮތް މިންވަރު ކުރައްވާނީ" ނަހާ ރިންދާއަށް ނަސޭހަތްތެރިވިއެވެ.

*********

ހައްޔަރަށްފަހު ތިން މީހުން ތިން މީހުނަށް ނުފެނެއެވެ. އެހެންނަމަވެސް ގާޒީގެ ކުރިމައްޗަށް އެރުވީ ނަހީކާއި ޒަކްވާން އެކުގައެވެ. ޒަހީރުގެ މައްޗަށް ކުރަނީ ތަފާތު ދައުވާތަކަކަށްވުމާ އެކު އޭނާ އެ ދެމީހުނާއެކު ނުވައްދައެވެ. ފުލުހުންގެ ފަރާތުން ކޯޓަށް ވަނީ ބަރަކެވެ. މައްސަލަ ގާޒިއަށް އިއްވައިދިނުމަށްފަހު ބަރަކް ގޮނޑީގައި އިށީނެވެ. ގާޒީ ޒަކްވާންގެ ނަމުން ގޮވާލާފައި ދައުވާ އާ މެދު އެއްޗެއް ބުނަން ބޭނުންވޭތޯ އެހިއެވެ. ވަގުތުން ޒަކްވާން ވާހަކަދެއްކިއެވެ. އެހިނދު ކޯޓުން އޭނާއަށް އެންގީ ގާޒިއަށް ޖަވާބުދާރީވާ އިރު އިހުތިރާމުކުރުމުގެ ގޮތުން ކޮޅަށްތެދުވެ ވާހަކަދެއްކުމަށެވެ. ގާޒީ ސުވާލު ތަކުރާރު ކުރިއެވެ. އެވަގުތު ޒަކްވާން ވަގުތުން ދައުވާއަށް އިންކާރު ކުރިއެވެ.

ނަހީކާ ސުވާލު ކުރުމާއެކު ކޮޅަށް ތެދުވެ އިސްޖަހާލައިގެން ހުއްޓެވެ. ފުރަތަމަ ޖަވާބެއް ނުދިން ނަމަވެސް ދެވަނަ ފުރުސަތާއެކު ނަހީކް ބޯޖަހާލިއެވެ.

"އެކަން ކުރީ އަޅުގަނޑެއް ނޫން. ޒަކްވާން. އެރޭ ރަނީންގެ ގެއަށް ދިޔައީ ޒަކްވާން. އެތެރޭގަ ކުރިކަމެއް ކުރީ ޒަކްވާން. އަޅު...އަޅުގަނޑު ބޭރުގަ ހުރީ. އެއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް ވީމަ އެހީތެރިވާންވެގެން އަޅުގަނޑު ކުރިކަމެއް ކުރީ" ނަހީކް ވާހަކަދައްކަން ފެށުމާއެކު ޒަކްވާން ރުޅި އައިސް ދެއަތް މުށްކެވުނެވެ. އޭނާ ދައުވާއަށް އިންކާރުކުރި އިރު ނަހީކް ފެށީ ތަފާތު ލަވައެކެވެ. ނަހީކްދެކެ ޒަކްވާން ހިތްހަމަ ނުޖެހުނެވެ.

"އަޅުގަނޑު ދޫކޮށްލާ އިއްޒަތްތެރި ގާޒީ. އަޅުގަނޑު ދެން އެހެން ނޫޅޭނަން. އަޅުގަނޑު މިތަނަށް މިގެނައީ މެރީކުރަން އުޅެނިކޮށް. ފުރަތަމަ ފަހަރު ވީމަ މައާފުކޮށްދީ" ނަހީކް އަސަރާއެކު ވާހަކަދެއްކިއެވެ.

ބަރަކް ކައިރިއަށް ހިނި އައި ނަމަވެސް މޫނުމަތިން އެކަން ނުދައްކާ އިނެވެ. ދެ ގައިދީއަށް ވާހަކަދައްކަން އިތުރު ފުރުސަތެއް ގާޒީ ނުދިނެވެ. ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުމެއް ވަކިވަކިން ގާޒީ ބެލިއެވެ. އެންމެ ފުރަތަމަ މައްސަލަ ހުށަހެޅި އިރު ނަގާފައިވާ ބަޔާންތަކާއި ފަހުގެ ބަޔާންތައް ބެލިއެވެ. ސީސީޓީވީ ފުޓޭޖުތަކާއި ސީނަށް ދިޔަ ފުލުހުން ދީފައިވާ ބަޔާންތަކުގައި ހުރި ގަޑިތައް ބެލިއެވެ. އެއަށްފަހު ދެ ގައިދީއަށް ފަނަރަ ދުވަހުގެ މުއްދަތެއް ޖެހިއެވެ. ނަހީކާއި ޒަކްވާންގެ ދެފަރާތުގައި ތިބި ދެ ފުލުހުން އެ ދެމީހުން ގޮވައިގެން ކޯޓުރޫމުން ނެރެ ބޭރުގައި ބޭތިއްބިއެވެ.

"ކަލޭ ކިހިނެއް ތިހެދީ. އިންކާރުކުރީމަވެސް މަ ބަސްޓްކޮށްލީ" ޒަކްވާން ބުންޏެވެ.

"ބުނަން. ކަލޭގެ ސަބަބުން މިހުރިހާ ކަމެއް މިވީ. ކަލޭ ކީއްކުރަން އޭނަ މެރީ. އެހެންގޮތެއް އޮތްތޯވެސް ބެލުނީހެއްނު. ބްލެކްމެއިލް ކުރިޔަސް އޭނަ އަނގަ ބަންދުކޮށްގެން ހުރިސް" ނަހީކް ވާހަކަދެއްކިއެވެ.

"ބޭކާރުވާހަކަނުދައްކާ. އަހަރެން ބައްދާލާފަ ވަކި ކަލެއަށް ސަލާމަތެއް އޮތްކަމަށްދޯ ހީކުރަނީ" ޒަކްވާން ބުންޏެވެ.

"ދެންވެސް ކުރި ކަމަކަށްވިއްޔާ އެއްބަސްވޭ. އޭރުން އަދަބު ލުއިވާނީ. އަހަރެން ބޭނުން ވީހާވެސް އަވަހަކަށް އަހަރެންގެ ރިދާ ކައިރިއަށްދާން. އަހަރެންދެކެ ވަރަށް ރުޅިއައިސްފަ މިހާރުވެސް ހުރީ" ނަހީކް ބުންޏެވެ.

"ތިއީ ލޯބިތަ؟ ކަލޭ ހޭބަލިވެފަ ތިހުރީ. އަހަރެންނަށް ހީވަނީ ކަލޭ ސިކުނޑިވެސް ގޮވާފަހެން" ޒަކްވާން ބުންޏެވެ.

އެންމެފަހުން ނަހީކާއި ޒަކްވާންގެ އަރާރުންގަނޑު ބޮޑުވެ ބާކީ ތިބި ގައިދީންގެ މުއްދަތު މަޖިލިސް ނިމެންދެން އެ ދެ މީހުން ބޭތިއްބީ ފާރާ ދިމާލަށް އަނބުރުވާފައެވެ.

**********

ކައިވެންޏަށް ތައްޔާރުވާން ލިބުނު ވަގުތުކޮޅު ކުޑަ ނަމަވެސް ރިންދާގެ ހަށިގަނޑަށް އެންމެ އެކަށީގެންވާ ހުސް ހުދުކުލައިގެ ހެދުމެއް މާލެއިން ވިލިނީ ހޯދިއެވެ. އެ ހެދުމުގައި ރިންދާ ހީވަނީ ޕަރީއެއްހެންނެވެ. ހުދުކުލައިގެ ލޭސްފޮތީގެ އަތް އޮތީ މުޅިއަތަށް ހިފާލާފައެވެ. ލޭސްގަނޑުގެ ތެރެއިން އަތުގެ ހަމުގެ ކުލަ ފާހަގަވެއެވެ. ހެދުމުގެ މޭމައްޗާ ދިމާލުން ހުދުކުލައިން ދަޅައަރާ މިނާފޮތިތަކެއް ހަރުކޮށްފައެވެ. ހަށިގަނޑަށް ފިޓުކޮށް ހުރިނަމަވެސް މެއާ ހަމައަށް ތިރިއަށް އޮތީ ދޫކޮށެވެ. ކޮޅަށް ހުންނަ އިރު ދެފައިތިލަ ހުރީ ފޮރުވިފައެވެ. އިސްތަށިގަނޑު އެއްކޮށް މައްޗަށް ނަގައި ހުދުކުލައިގެ ދަތިތަކުން ހުޅިއެއް ޖަހާފައި އޮތްއިރު ދެކަންފަތް ކައިރިން އިސްތަށިކޮޅެއް ދޫކޮށްލާފައިއޮތެވެ. އެ ހެދުމާ އެންމެ ގުޅެނީ ރިންދާގެ ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތްކުލައިގެ ލިޕްސްޓިކެވެ. ރިންދާ ރީތިކުރަން ކޮޓަރި ތެރޭގައި ހަރަކާތްތެރިވީ ވިލިނީއެވެ. ދޭތެރެއަކުން ރިންދާގެ ހެދުމުގައި ހިފައި ދަމާލާފައި ކޮޓަރިތެރޭގައި ކުޅެން އުޅުނީ އެއްބަނޑު ކޮއްކޮ ހައިބްއެވެ. ރަނީންގެ ނެތްކަމުގެ ފަޅުކަން ހައިބް ފޫބައްދައިދިނެވެ. ވާނުވާ ނޭނގޭ އެ ކުޑަކުއްޖާއަށް ދޮންތައަށް ވަރަށް އުފާވެރި ދުވަހެއް އައިސްފިކަން އެނގެއެވެ.

(ނުނިމޭ)