ޚަބަރު

މާޅޮސް ބަނދަރު މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ މާޅޮސް ބަނދަރުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 78 ޕަސެންޓާއި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

ޖުމުލަ 56.97 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭ މަސައްކަތް ނިންމައި ހަވާލު ކުރުމަށެވެ. އެމްޓީސީސީން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ.

މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރު ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އަދި 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.